އެމްޑީޕީ

އާދަލަތުން ދޫކޮށްލަން ހުށަހެޅި 6 ދާއިރާއަށް ވެސް އެމްޑީޕީން އިލެކްޝަނަށް ފޯމު ހުށަހަޅައިފި

އިބްރާހިމް ޒަކީ

3

އަދާލަތު ޕާޓީ އަށް ދޫކޮށްލަން އެދި އެ ޕާޓީން އެމްޑީޕިއަށް ހުށަހެޅި ހަ ދާއިރާގެ ކެންޑިޑޭޓުންގެ ފޯމު ވެސް އެމްޑީޕީން މިއަދު އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅައިފި އެވެ.

އެންމެ ފަހުން ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލީހަށް އަދާލަތު ޕާޓީގެ ހުށަހެޅުމެއްގެ ގޮތުގައި، މަޝްވަރާ ކުރީ ވައިކަރަދޫ ދާއިރާ އާއި ކެލާ ދާއިރާ އާއި މަކުނުދޫ ދާއިރާ އާއި ފުވައްމުލަކު ދެކުނު ދާއިރާ އާއި މަހިބަދޫ ދާއިރާ އަދި ރ. މަޑުއްވަރީ ދާއިރާ އެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުން ނިންމީ ދާއިރާތަކެއް އެހެން ޕާޓީއަކަށް ދޫކޮށްލުމަކީ، އެ ދާއިރާތަކުގެ ޕްރައިމަރީ ނިމި ކެންޑިޑޭޓުން ހޮވާފައި ވަނިކޮށް، ގައުމީ މަޖިލީހަށް ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. އެހެން ނަމެވެސް އެ ކެންޑިޑޭޓުންނާއި ދާއިރާތަކުގެ މެންބަރުން ބޭނުން ނަމަ އެކަން ކުރެވިދާނެ ކަމަށެވެ. އަދި ގައުމީ މަޖިލީހުން އޮތީ އެ ކަމާ ގުޅޭ މަޝްވަރާތައް ކުރިޔަށް ގެންދިއުމުގެ ބާރު ޕާޓީގެ ރައީސް މުހައްމަދު ނަޝީދަށް ދީފަ އެވެ.

އެހެން ނަމަވެސް މިއަދު އެމްޑީޕީން ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ފޯމުތައް އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅި އިރު، އެ ހަ ދާއިރާގެ ކެންޑިޑޭޓުންގެ ފޯމު ވެސް ވަނީ ހުށަހަޅައިފަ އެވެ.

ބައެއް މަސްދަރުތަކުން "ވަން އޮންލައިން"އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ދާއިރާތައް އަދާލަަތަށް ދޫކޮށްލަން މަޝްވަރާކުރި ނަމަވެސް އެކަން އެގޮތަށް ނުވީ، ޕްރައިމަރީ ކާމިޔާބު ކުރި ކެންޑިޑޭޓުންނާއި އެ ދާއިރާތަކުގެ މެންބަރުން އެ ގޮތަށް ބޭނުން ނުވުމުގެ ސަބަބުންނެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟