އެމްޑީޕީ

ނިލަންދޫ ދާއިރާގައި ތާއީދުކޮށް، އިތުރު ހަ ދާއިރާ ދޫކޮށްލަން އަދާލަތުން އެމްޑީޕީއަށް ހުށަހަޅައިފި

1

ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ފ. ނިލަންދޫ ދާއިރާގައި ތާއީދުކޮށް، އިތުރު ހަ ދާއިރާ ދޫކޮށްލަން އަދާލަތު ޕާޓީން އެމްޑީޕީއަށް ހުށަހަޅައިފި އެވެ.

އަދާލަތު ޕާޓީގެ އެ ހުށަހެޅުމާ މެދު އެމްޑީޕީގެ ގައުމީ މަޖިލިސްގައި މިއަދު މަޝްވަރާކުރި ނަމަވެސް ވަކި ގޮތެއް އަދި ވަނީ ނުނިންމަ އެވެ.

"ވަން އޮންލައިން"އަށް ކަށަވަރުވެފައިވާ ގޮތުގައި އަދާލަތު ޕާޓީގެ ކެންޑިޑޭޓަށް ދޫކޮށްލުމަށް އެދި އެ ޕާޓީން އެމްޑީޕީއަށް ހުށަހަޅާފައިވާ ދާއިރާތަކަކީ، ވައިކަރަދޫ ދާއިރާ އާއި ކެލާ ދާއިރާ އާއި މަކުނުދޫ ދާއިރާއާއި ފުވައްމުލަކު ދެކުނު ދާއިރާއާއި މަހިބަދޫ ދާއިރާގެ އިތުރުން ރ. މަޑުއްވަރީ ދާއިރާ އެވެ.

ފ. ނިލަންދޫ ދާއިރާއަށް ކުރިމަތިލާން އެމްޑީޕީން މިހައިތަނަށް އައި އިރު ނިންމައިފައެއް ނުވެ އެވެ. އަދާލަތުން ހުށަހަޅާފައި ވަނީ އެ ދާއިރާއަށް ވާދަ ކުރާ އެޕާޓީގެ ކެންޑިޑޭޓަށް އެމްޑީޕީން ތާއީދުކޮށްދިނުމަށެވެ.

"ވަން އޮންލައިން"އަށް އެނގިފައިވާ ގޮތުގައި މިއަދު އޮތް އެމްޑީޕީގެ ގައުމީ މަޖިލީހުގައި މެންބަރުންގެ ވިސްނުން ބޮޑަށް ހުރީ ބައެއް ދާއިރާތައް އަދާލަތު ޕާޓީއަށް ދޫކޮށްލުމަށެވެ. އެހެން ނަމަވެސް އެއީ ޕްރައިމަރީ ބާއްވައި ކެންޑިޑޭޓުން ޚަރަދުތަކެއް ވެސް ކޮށްފައި ހުރި ދާއިރާތަކެއް ކަމަށް ވާތީ އެފަރާތްތަކާ މަޝްވަރާ ނުކޮށް ގައުމީ މަޖިލީހުން އެކަން ނިންމުމަކީ ރަނގަޅު ގޮތެއް ނޫން ކަމަށެވެ.

"ބޮޑަށް ގަބޫލުކުރެވޭ ގޮތުގަ ބައެއް ދާއިރާތައް އަދާލަތަށް ދޫކޮށްލެވޭނެ. އެހެން ނަމަވެސް އެކަން ނިންމޭނީ ޕްރައިމަރީ ކާމިޔާބު ކުރި ކެންޑިޑޭޓުންނާ އެ ދާއިރާގެ މެންބަރުންނާ ވެސް މަޝްވަރާކޮށްފަ. ގުޅިގެން މަސައްކަތްތަކެއް ކުރާ ނަމަ ކޮންމެވެސް ކަހަލަ ދޫތަކެއް ވެސް ދޭން ޖެހޭނެ." ގައުމީ މަޖިލީހުގެ މެންބަރަކު "ވަން އޮންލައިން"އަށް ވިދާޅުވި އެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟