މި ފަހަރުގެ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް އެމްޑީޕީން އެކަށީގެންވާ މިންވަރަކަށް އަންހެން ކެންޑިޑޭޓުން ނުނެރެވުނު މައްސަލައިގައި އެ ޕާޓީގެ ޕާލިމެންޓްރީ ގުރޫޕުގެ ޑެޕިއުޓީ ލީޑަރު އަދި އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމާއި ޕާޓީގެ އަންހެނުންގެ ރޫހުގެ ރައީސާ އަދި މާލޭ ސިޓީ ކައުންސިލްގެ މޭޔަރު ޝިފާ މުހައްމަދާ ދެމެދު ބަހުގެ ހަމަލާތަކެއް ބަދަލުކޮށްފި އެވެ.
މަޖިލިސް އިންތިޚާބަށް އަންހެން ކެންޑިޑޭޓުން ނުނެރެވުނު މައްސަލައިގައި ދާދި ފަހުން ރޮޒޭނާ ވިދާޅުވީ އެކަން އެހެން ދިމާވީ ޕާޓީގެ އަންހެނުންގެ ގޮފި ފެއިލް ވުމުގެ ސަބަބުން ކަމަށެވެ. އެ ގޮފީގެ މަސައްކަތްތައް އިސްލާހުކޮށް ޓާގެޓްތަކެއް ކަނޑައަޅައިގެން މަސައްކަތް ކުރާން ޖެހޭ ކަމަށް ރޮޒޭނާ ވަނީ ވިދާޅުވެފަ އެވެ.
އެކަމާ ގުޅިގެން ޝިފާ ކުރެއްވި ޓުވީޓެއްގައި ވަނީ، މިދިޔަ ފަސް އަހަރު ރައްޔިތުން އުޅުނީ ކިހާ ވަރެއްގެ ބިރުވެރިކަމެއްގެ ތެރޭގައިކަން ރޮޒޭނާ ހަނދުމަފުުނެތުނީތޯ ސުވާލު ކުރައްވައިފަ އެވެ.
"ވަޒީފާއެއްގައި ހުރި މީހަކަށް ވެސް ޕާޓީއަށް މަސައްކަތެއް ކޮށްލައިދޭން އަންނަން ނުކެރޭ ހާލަތުގަ ގައުމުގެ ކަންކަން ހުރީ. މި ޕާޓީގެ މީހުން ވޯޓު ދެނީ މީހާ އެނގި ދަސްވެގެން." ޝިފާގެ ޓުވީޓުގައި ވިދާޅުވެފައިވެ އެވެ.
ރޮޒޭނާ ފަހުން ކުރެއްވި ޓުވީޓެއްގައި ވަނީ، އަންހެނުންނަށް އޮތް ރޯލަކީ މުޒާހަރާއަށް ނިކުތުމާއި ސައި ހެދުން އެކަނި ނޫން ކަމަށް ވިދާޅުވެފަ އެވެ.
"ސިޔާސީ ޕާޓީއެއްގެ އަންހެނުންގެ ގޮފީގެ ރޯލަކީ ސިޔާސީ މައިދާނަށް ނުކުންނާނެ އަންހެން ލީޑަރުން އުފެއްދުން. ކޮބައިތޯ މަޖިލިސް އިންތިޚާބަށް އަންހެނުންގެ ރޫހުން ފަސް އަހަރު ތެރޭ އުފައްދައިގެން ނެރުނު ކެންޑިޑޭޓުންނަކީ؟" ރޮޒޭނާގެ ޓުވީޓުގައި ސުވާލުކުރައްވައިފައިވެ އެވެ.
ރޮޒޭނާ އަށް ޖަވާބުދެމުން އެމްޑީޕީގެ ބައެއް މެންބަރުން ބުނެފައި ވަނީ ރޮޒޭނާ އަކީ ޕާލިމެންޓުގެ ޑެޕިއުޓީ ލީޑަރު ކަމަށާއި އެ މަސައްކަތް ރޮޒޭނާއަށް ވެސް ކުރެއްވެން ޖެހޭނެ ކަމަށެވެ. އަންހެނުންގެ ރޫހުގެ ފަރާތުން ބަހުސަށް ތައްޔާރުވި ކަމަށާއި ޕޯޑިއަމްގައި ވާހަކަދައްކަން އަންހެނުން ތައްޔާރު ކުރި ކަމަށާއި މުޒާހަރާއަށް ތައްޔާރުކުރި ކަމަށާއި ޓީވީއަށް އަރައި ވާހަކަދައްކަން ދަސްކޮށްދިން ކަމަށާއި މަދަނީ ޖަމިއްޔާތަކާ އެކުވެސް އަންހެނުންގެ ރޫހުން މަސައްކަތް ކުރި ކަމަށް ބައެއް މީހުންގެ ކޮމެންޓުގައި ވަނީ ބުނެފަ އެވެ.
އެހެން މީހެއްގެ ކޮމެންޓުގައި ބުނެފައި ވަނީ ފާއިތުވި ހަތް އަހަރު ތެރޭ ރައްކާތެރި މާހައުލެއް ހޯދުމަށް ކުރީ ސަފަށް ނުކުމެ މަސައްކަތް ކުރީ އަންހެނުން ކަމަށާއި އޭގެ ލީޑަރަކަށް ހުރީ ޝިފާ ކަމަށެވެ. އޭރު ފިރިހެނުން ތިބީ އަންހެނުންގެ ފަހަތުގައި ކަމަށާއި އަންހެނުން ނުކުމެ އެ ގުރުބާނީ ނުވި ނަމަ މިއަދު ފިރިހެނުންނަށް މި އޮތް ފުރުސަތު ނުލިބޭނެ ކަމަށް ވެސް އެކަކުގެ ކޮމެންޓުގައި ބުނެފައިވެ އެވެ.
ޝިފާއަށް ނިސްބަތްކޮށް އެގޮތަށް ވާހަކަދައްކަވަން ރޮޒޭނާ ލަދުގަންނަން ޖެހޭނެ ކަމަށާއި ޝިފާއަކީ ރައީސް ނަޝީދުގެ ވެރިކަން ވައްޓައިލީއްސުރެ މިއަދާ ހަމައަށް ވެސް ދެގޮތެއް ނުވެ ރައީސް ނަޝީދުގެ އަރިހުގައި ހުންނެވި ބޭފުޅެއް ކަމަށް އެއް ކޮމެންޓުގައި ބުނެފައިވެ އެވެ. އެހެން ނަމަވެސް ރޮޒޭނާ މަސައްކަތް ކުރެއްވީ ޕާޓީ ތެރޭގައި ހުންނަވައިގެން ވެސް ރައީސް ނަޝީދާ ދެކޮޅަށް ކަމަށް އެ ކޮމެންޓުގައި ވަނީ ތުހުމަތުކޮށްފަ އެވެ.
ކޮމެންޓުތަކާ ގުޅިގެން ރޮޒޭނާ ފަހުން ކުރެއްވި އެހެން ޓުވީޓެއްގައި ވިދާޅުވީ ޝިފާއަކީ ރަނގަޅު ލީޑަރެއް ކަމަށާއި އެހެން ނަމަވެސް އޭގެން އަންހެނުންގެ ރޫހު ކާމިޔާބު ކަމަށް ނިންމެން ނެތް ކަމަށެވެ.
"މީ ހަމައެކަނި އެމްޑީޕީގައި ކަން އޮތް ގޮތެއް ނޫން. ހުރިހާ ޕާޓީއެއްގައި ވެސް އަންހެނުންގެ ގޮފީގެ ކަންކަން ހުރީ ފެއިލްވެފަ. މި ފަދަ ކަންކަމުގައި ހަގީގަތާ އެއްކޮޅަށް ވާހަކަދެއްކީމަ އަޅުގަނޑުގެ ބޯ ކާންވީއެއް ނޫން. ކަންކަން ބަދަލުކުރަން މަސައްކަތްކުރަންވީ." ރޮޒޭނާ ވިދާޅުވި އެވެ.