އަނެއްކާ ދެވަނަ ފަހަރަށް ފެއްލަވައިފައި އެންމެންނަށް ބޯންދެއްވިއެވެ. އެންމެން ބަނޑުބޮޑުވުމުން ތިންވަނަފަހަރަށް ފެއްލަވައިފައި އުންމު މަޢުބަދަށް ދެއްވައިފިއެވެ. ދެން އަނެއްކާވެސް ދަތުރުފުޅު ކުރިޔަށްގެންދެވިއެވެ.
މާގިނައިރުތަކެއް ނުވަނީސް އަބޫމަޢުބަދު އޭނާގެ ނޭކަ ބަކަރިތައް ގޮވައިގެން ވަޑައިގެންފިއެވެ. އެބަކަރިތައް އަނަރޫފަކަމުން ހިރިލެވެނީވެސް ކިރިޔަ ކިރިޔާއެވެ. އަބޫ މަޢުބަދު އޭނާގެ އަނބިކަނބަލުންނާ ސުވާލުކުރެއްވިއެވެ. "ކަމަނާއެވެ. މިހިސާބުގަނޑުގައި މިހިރީ ކޮން މީރުވަހެއް ހެއްޔެވެ؟. ފޭލިގެއިން މިފެންނަނީ ކޮންތިޔާގިކަމެއް ހެއްޔެވެ؟." އުއްމު މަޢުބަދު ޖަވާބުދެއްވިއެވެ. "އޭ މަޢުބަދުގެ ބައްޕާއެވެ. ބަރަކާތްތެރި ބޭކަލަކު އަޅުގަނޑަށް މިފެނުނީ އަދި މިއަދު އެވެ." އުއްމު މަޢުބަދު އެހެން ވިދާޅުވެފައި ކަންހިނގައިދިޔަގޮތް ތަފްސީލުކޮށް ވިދާޅުވެ ދެއްވިއެވެ. އަބޫ މަޢުބަދު ވިދާޅުވިއެވެ. ތިޔަވާނީ ޤުރައިޝުން ހޯދާން އެއުޅޭ ސާހިބާ ކަމުގައެވެ. ނިކަން އެކަލޭގެފާނު ސިފަކޮށްދީބަލާށެވެ. އުއްމު މަޢުބަދު ނުހަނު ބަލާޣަތްތެރިކޮށް އެކަމަނާގެ ފާގަތި ބަސްމޮށުންތެރިކަމާއެކު ކައުސާހިބާ ސައްލަﷲ އަލައިހި ވަސައްލަމަ ސިފަކޮށްދެއްވިއެވެ. އެކަމަނާގެ ކުޅަދާނަ ވާހަަކަފުޅުން ކައުސާހިބާގެ ފުރިހަމަ ތަސްވީރެއް ކުރައްސަވައިލެއްވިއެވެ. ހީވަނީ ކައުސާހިބާ ސައްލަﷲ އަލައިހި ވަސައްލަމަ ކުރިމަތީން ފެންނަ ހެންނެވެ. މުއައްރިޚުން ވިދާޅުވާގޮތުގައި މިއީ އިތުރުސާހިބާ ސައްލަﷲ އަލައިހި ވަސައްލަމަގެ ސިފަފުޅުތައް އެންމެ ރީތިކޮށް ބަޔާންކުރެވުނު އެއްބަޔާންކުރުމެވެ. މުއައްރިޚުން ވަނީ އަބޫމަޢުބަދާއި، އުންމުމަޢުބަދާއި އެކަމަނާގެ އަޚް ޙުބައިޝު ސަހާބީންގެ ތެރޭގައި ހިމަނުއްވައިފައެވެ.
ކުރީންވެސް ބަޔާންކުރިފަދައިން ޤުރައިޝުން ވަނީ ކައުސާހިބާ ސައްލަﷲ އަލައިހި ވަސައްލަމަ އާއި އަބޫބަކުރު ރަޟިޔަﷲ އަންހު އާ ދެބޭކަލުންކުރެ ބޭކަލަކު ދިރިހުންނަވަނިކޮށް ނުވަތަ ޝަހީދުކޮށްލައިގެން ވިޔަސް ގެނެސްދިން މީހަކަށް ސަތޭކަ ޖަމަލު ދޭނެކަން އިއުލާންކޮށްފައެވެ. ބަދަވީންގެ ޤަބީލާތަކަށްވެސްވަނީ އެޚަބަރުފޮނުވައިފައެވެ. އިނާމުގެ ދަހިވެތިކަމުގައި ކައުސާހިބާ ހޯދަން އެތައްބަޔަކުނިކުތެވެ. މިގޮތުން ނިކުން މީހުންކުރެ އެކަކީ މުދުލަޖުވަންހައިގެ ސުރާޤަތު ބިން މާލިކު ބިން ޖުއުޝުމެވެ. ކައުސާހިބާ ސައްލަﷲ އަލައިހި ވަސައްލަމަ އާއި އެމާތް ސާހިބާގެ އެކުވެރީން ރާބިޣުގެ މިހާރުގެ ކިއްލާ އެހެރަ ތަނުން ( ބައެއް ރިވާޔަތްތަކުގައި ވާދީކުލައްޔަތުން ) ދަތުރުކުރައްވަނިކޮށް ސުރާޤަތުބިން މާލިކަށް އެބޭކަލުން ފެނިއްޖެއެވެ. ސުރާޤަތަކީ އޭނާގެ ބާރުގަދަކަމާއި، ހިތްވަރުގަދަކަމާއި، މުބާރިޒާކުރަން އެދޭ މިޒާޖުގެ ސަބަބުން މަޝްހޫރުވެފައިވާ މީހެކެވެ. ސަތޭކަ ޖަމަލުގެ ދަހިވެތިކަންވަނީ އޭނާ އިހުނަށްވުރެވެސް ޖެހިލުންކުޑަކޮށްފައެވެ. އޭނާ އޭނާގެ ޢައުޒެވެ ކިޔުނުބާރަށް ދުވާ އަސްމަތީގައި ކަޑަބޮއްޖަހަމުން އިތުރުސާހިބާގެ ފަހަތްޕުޅުން ދާންފަށައިފިއެވެ.
އަބޫބަކުރުއްޞިއްދީޤު އަޟިޠަﷲ އަންހުގެ އަރިހުން ރިވަވެފައިވެއެވެ. " ސުރާޤަތު އަހަރުމެންނާ ކައިރިވަމުން އަންނާންފެށުމުން އަހަންނަށް ރޮވޭގޮތް ވެއްޖެއެވެ. އެހިނދު ކައުސާހިބާ ހަދީޘް ކުރެއްވިއެވެ. ކަލޭގެފާނު ކީރިތި ކުރައްވަނީ ކީއްވެގެން ތޯއެވެ. މާތްﷲ ވޮޑިގެން ވަނީ އަހަރުމެންނާއި އެކުގައެވެ. އަހަރުމެން ދެންނެވީމެވެ. އަޅުގަނޑަށް ރޮވުނީ ކަލޭގެފާނަށްޓަކައެވެ. އިތުރުސާހިބާ މާތްﷲގެ ހަޟްރަތަށް ދުޢާފުޅު ކުރެއްވިއެވެ."
ސުރާޤަތު ބަޔާންކުރާ ގޮތުގައި ކައުސާހިބާ ސައްލަﷲ އަލައިހި ވަސައްލަމަ ކިޔަވައި ވިދާޅުވާ އަޑުފުޅު އިވޭ ހިސާބަށް އޭނާކައިރިވިއިރުވެސް އިތުރުސާހިބާ އަޅުއްވައިވެސްނުލައްވައެވެ. ނަމަވެސް އަބޫބަކުރު ރަޟިޔަﷲ އަންހު އިރުއިރުކޮޅުން ފަހަތަށް ބައްލަވައިލައްވައެވެ. ކުއްލިޔަކަށް ކޮންމެވެސް އެއްޗެއްގައި ފެކެލިފައި އޭނާގެ އަސްވެއްޓިއްޖެއެވެ. އަހާއެކު އޭނާވެސް ވެއްޓިއްޖެއެވެ. ސުރާޤަތު ތެދުވެ އަނެއްކާވެސް އަހަށް ސަވާރު އަސްދުއްވައިލިއެވެ. އިތުރުސާހިބާގެ އަރިހަށް އޭނާއަށް ލެފިލެވޭ އިރަށް އޭނާގެ އަހުގެ ފައިތައް ހިލަބިމުގެ ތެރެޔަށް ގަނބައިގެންފިއެވެ. ސުރާޤަތު ވަރަށް ބޮޑަށް ހައިރާންވިއެވެ. ސަބަބުނޭނގޭ ބިރުވެރިކަމެއް އެވަގުތު އޭނާގެ ހިތަށްވެރިވެއްޖެއެވެ. އޭނާ ބިރުގަތްލެއް ބޮޑުކަމުން ވަރަށް ބޮޑަށް ނިކަމެތިވެއްޖެއެވެ. ކޮންމެވެސް ޣައިބީ ބާރެއް ކައުސާހިބާ ސައްލަﷲ އަލައިހި ވަސައްލަމަ ހިމާޔަތް ކުރައްވައި ނަސްރުދެއްވަމުން ގެންދަވާކަން އޭނާއަށް ޔަޤީންވެއްޖެއެވެ. ކައުސާހިބާ ސައްލަﷲ އަލައިހި ވަސައްލަމަ އަރަބިކަރައިގެ މައްޗަށް ވެރިވެވަޑައިގަންނަވާނެކަން ވެސް އޭނާއަށް ކަށަވަރުވެއްޖެއެވެ." ދުށްކަންތަކެއްދެކެފައި ސުރާޤަތުމަޑުވެގެން އެދިގަތް އަމާނަށަ ހިނދު " އިތުރުސާހިބާ އޭނާއަށް އަމާންދެއްވިއެވެ. ޢާމިރު ބިން ފުހައިރާ ރަޟިޔަﷲ އަންހު އަށް އަންގަވައިގެން ސުރާޤަތަށް އަމާންކަމުގެ ފަތެއްލިޔެދެއްވިއެވެ. ސުރާޤަތު ކައުސާހިބާ ސައްލަﷲ އަލައިހި ވަސައްލަމަޔަށް ބައެއްތަކެތި ވެދުމަށް އެރުވިއެވެ. ނަމަވެސް އިތުރު ސާހިބާ އެތަކެތި ޤަބޫލުފުޅެއް ނުކުރެއްވިއެވެ. ކައުސާހިބާ އޭނާގެ ގާތުގައި ވިދާޅުވިއެވެ. "ޤުރައިޝުންނަށް އަހަރެމެންގެ ވާހަކަ ވަންހަނާކުރާށެވެ."
މިތާނގައި ފާހަގަކޮށްލާންޖެހޭ ނުކުތާއެއް އެބައޮތެވެ. އިތުރުސާހިބާ ސައްލަﷲ އަލައިހި ވަސައްލަމަ އެކަލޭގެފާނުގެ ގަނޑުވަރުން ނިކުމެވަޑައިގެންނެވީ އެމާތްސާހިބާގެ ލޭފަދަށް ފެންބޮވައިގަނެގެން އެގަނޑުވަރު ހިސާރުކޮށްގެން ތިބިބައެއްގެ ކަނޑިތަކުގެ މިޔަމަތިންލައްވައިފައެވެ. ދުޝްމިނުން ހަފަރާތުން އެމާތްސާހިބާގެ ހޯދަމުންގެންދިޔައެވެ. އެހާ ނުރައްކާތެރި ނާޒުކު ވަގުތެއްގައި ނުހަނު ސާދާކޮށް ދަތުރުހައްދަވައި ލައްވައިގެން ދާދި މަދު އެއްޗެހިކޮޅުތަކެއް ހިއްޕަވައިގެން ގަނޑުވަރުން ނިކުމެވަޑައިގެންނެވިއިރު ވެސް އެމާތްސާހިބާގެ އަތްޕުޅުގައި ގަލަމާއި ދަވާދާއި އެޒަމާނުގެ ކަރުދާސް (ދިބާޣުކުރިހަން) ހުއްޓެވެ. އެކަމުން އެނގެނީ އެމާތްސާހިބާ ލިޔެކިޔުމަށް ދެއްވި އަހަންމިއްޔަތުގެ ބޮޑުކަމެވެ.
އެކަމުން ކައުސާހިބާ ސައްލަﷲ އަލައިހި ވަސައްލަމަ އަނެއްކާވެސް ދަތުރުފުޅު ކުރިޔަށްގެންދަވާން ފެށްޓެވިއެވެ. މާތްﷲގެ ކުޅަދުންވަންތަ ކަމުގެ ބޮޑުކަމެވެ. ހެނދުނު ސުރާޤަތުހުރީ އަތުލައިގަނެވުނު ކޮންމެ ގޮތަކުން ވިޔަސް ކައުސާހިބާ ސައްލަﷲ އަލައިހި ވަސައްލަމަ އަތުލައިގަތުމަށް ނުކުމެއެވެ. ނަމަވެސް ހަވީރު އޭނާ އެހެރީ އިތުރުސާހިބާގެ އަތްޕުޅުން އަމާންކަމުގެ ފަތެއްހޯދައިގެންނެވެ. އިތުރުސާހިބާ ދިފާއުކުރާމީހަކަށްވެގެންނެވެ. އިތުރުސާހިބާ ހޯދާން އެމަގުން އަންނަ އެންމެން އަނބުރައި ފޮނުވައިލުމުގެ މަސައްކަތުގައެވެ. އެމަގުން އަންނަ ކޮންމެމީހަކުގެ ގާތުގައި އޭނާ ބުނެއެވެ. "ތިޔަބައިމީހުންކުރާން ތިޔައުޅޭކަންތައް އަހަރެންކޮށްފީމެވެ. އަހަރެން ހޯދައި ބަލައި ނުފެނުނު ބަޔަކު ތިޔަބައިމީހުންނަށް ފެންނާނީ ކިހިނަކުންހެއްޔެވެ؟." އެމަގުން އަންނަ ކޮންމެމީހެއްގެ ގާތުގައި މިހެންބުނެގެން އެއެންމެން އަނބުރައި ފޮނުވައިލައެވެ.
އިތުރުސާހިބާ ސައްލަﷲ އަލައިހި ވަސައްލަަމަ ހޯދަންނިކުތް މީހުންގެ ތެރެއިން އިތުރުސާހިބާއާ ދެން ބައްދަލުވެވަޑައިގަތީ ބުރައިދާ ބުނުލް ޙުޞައިބު އަލް އަސްލަމީ ރަޟިޔަﷲ ޢަންހުއާއެވެ. އެކަލޭގެފާނަކީ އަސްލަމުވަންހައިގެވެރިޔާއެވެ. އެކަލޭގެފާނު ވެސް ވަޑައިގެންނެވީ ޤުރައިޝުން ހުށައަޅައިފައިވާ ބޮޑުއިނާމުގެ ދަހިވެތިކަމުގައެވެ. އެކަލޭގެފާނުގެ އަރިހުގައި އެގައުމުގެ ޒުވާނުންތެރެއިން ހަތްދިހަމީހުންގެންނެވިއެވެ. ކައުސާހިބާ ސައްލަﷲ އަލައިހި ވަސައްލަމަގެ އަރިހަށް ވަޑައިގެންނެވި އިތުރުސާހިބާގެ ވާހަކަފުޅު އަޑުއިވިވަޑައިގެންނެވުމާއެކު އެކަލޭގެފާނު ހިތްޕުޅުގެ އަޑީން އިސްލާމްވެވަޑައިގެންފިއެވެ. އިސްލާމީ ތަހްރީކުގައި ބައިވެރިވެވަޑައިގެންފިއެވެ. އަރިހުގައި ގެންނެވި ސިފައިންގެ ހަތްދިހަމީހުންވެސް އިސްލާމްވެއްޖައޫއެވެ. ބުރައިރާ އެކަލޭގެފާނުގެ ފަގުޑިކޮޅު ލޮއްސިޔެއްގައި އައްސަވައި ދިދައެއް ހައްދަވައިގެން އެދިދަ ހިއްޕަވައިގެން އިތުރުސާހިބާގެ އަރިހުގައި ޤުބާއާ ހަމަޔަށް ވަޑައިގެންނެވިއެވެ. ބުރައިރާ އިއުލާންކުރައްވަމުން ވަޑައިގެންނެވިއެވެ. "މިވަޑައިގަންނަވަނީ އަމަންއަމާންކަމުގެ ޝަހެންޝާހުއެވެ. ދުނިޔޭގައި ސުލްޙަ ޤާއިމު ކުރައްވައި އަދުލު އިންސާފު ޢާއްމުކުރައްވާނެ ސާހިބާއެވެ."
ކައުސާހިބާ އެކަލޭގެފާނުގެ ގަނޑުވަރުން ދަތުރުފުޅަށް ނިކުމެވަޑައިގެންނެވީ ގިނިކަންޏާ ހާލުކޮޅުގައެވެ. ޤުރައިޝުންގެ ބަރަހަނާ ކަނޑިތަކުގެ ވިދުވަރުގެ ތެރޭގައެވެ. ޘައުރު ފަރުބަދައިގެ ހޮހަޅައިގައި ހުންނެވީ އެންމެ ދެމީހުންކުރެ އެކަކު ކަމުގައެވެ. އެކަމަކު ދަތުރުފުޅުގެ މެދަކާ ހަމައިން މިހާރުއެ ދަތުރުފުޅު ކުރައްވަނީ އެމާތްސާހިބާއަށްޓަކައި ފިދާވެވަޑައިގަންނަވާން ތައްޔާރަށް ތިއްބެވި ހަތްދިހަ ފަހުލަވާނުންގެ ޙިމާޔަތުގައެވެ. އަރަހުށި މާތްﷲ ގެ ނަސްރަކީ މިފަދައިން ހުންނަކަމެކެވެ.
އަޅުގަނޑުމެންގެ ޢިލްމުވެރި ޝާއިރު ޝައިޚުލް އިސްލާމް ފަޟީލަތުއްޝައިޚު އަބްދުﷲ ޖަލާލުއްދީނުލް އަޒްހަރީ މިޙަޤީޤަތް ބަޔާންކުރައްވަނީ އަންނަނިވި ފަދައިންނެވެ.
"ހަރުބީ ދިފާއީ ޝާހިޔާނާ ހައިއަތެއް، ލޮބުވެތި ރަސޫލާ ޠައިބަތަށް ބައިލައްވަނީ".
ޝައްކެއްނެތެވެ. ނުހަނު ޣަރީބު ހާލުކޮޅެއްގައި ވަޒަނުން ނިކުމެވަޑައިގެން ކުރެއްވި އުނދަގޫ ދަތުރުފުޅުމަތީގައި އުންމީދުވެސް ނުކުރައްވާ ގޮތަކަށްމި ލިބިވަޑައިގެންނެވި ކާމިޔާބީއަކީ ނުހަނު ބަރަކާތްތެރި ކާމިޔާބީއެކެވެ. މުސްތަޤްބަލަށްޓަކައި ހެޔޮފާލެކެވެ. ލިބިވަޑައިގެންނެވި އިތުރު ހިތްވަރުފުޅަކާއި ފަންވަރުފުޅެކެވެ. ކައުސާހިބާ ސައްލަﷲ އަލައިހި ވަސައްލަމަގެ މިއުނދަގޫ ދަތުރުފުޅުގެ މަތީން އެމާތްސާހިބާއަށް ލިބިވަޑައިގެންނެވި އެންމެބޮޑު ބަޝާރަތަކީ އެކަލޭގެފާނު ނުހަނު ޣަރީބު ހާލުކޮޅުގައި އެރަށަކުން ނިކުމެވަޑައިގެންނެވި މައްކާއަށް ޝަރަފުވެރިކަމާއެކު އެނބުރި ވަޑައިގެންނެވޭނެކަމުގެ އުފާވެރި ޚަބަރެވެ.
އަރަހުށި މާތްﷲ އެނާޒުކު ހާލަތުގައި ވަހީގެ ޒަރީއާއިން އުފާވެރި ޚަބަރުދެއްވިއެވެ.
"ހަމަކަށަވަރުން ކަލޭގެފާނަށް ޤުރްއާން ބާވައިލެއްވި ރަސްކަލާނގެ ކަލޭގެފާނުގެ އުފަންރަށަށް (އެބަހީ: މައްކާއަށް) ކަލޭގެފާނު އަނބުރާ ފޮނުއްވާހުއްޓެވެ." (އަލްޤަޞަޞު:85)
ދަތުރުފުޅުމަތީގައި މިނޫންވެސް ރަނގަޅު ދެ އިއްތިފާގެއް ދިމާވިއެވެ. ކައުސާހިބާ ސައްލަﷲ އަލައިހި ވަސައްލަމަގެ ބޮޑުދައިތާފުޅު ޞަފިއްޔާގެ ދަރިކަލުން އައްޒުބައިރު ބުނުލް ޢައްވާމްރަޟިޔަﷲ އަންހު މުސްލިމުންގެ ކުޑަވިޔަފާރިގާފިލާއެއްގައި ޝާމުކަރައިން އެނބުރިވަޑައިގަންނަވަނިކޮށް ދިމާވިއެވެ. ޒުބައިރުގެފާނު ކައުސާހިބާއާއި އަބޫބަކުރުގެފާނާ ދެބޭކަލުންނަށް ހުދުކުލައިގެ ރީތި ދެހެދުންކޮޅު ވެދުމަށް އެރުއްވިއެވެ. އެހާ "ލުއިލުއިކޮށް" ދަތުރުހައްދަވައިގެން ކުރެއްވި ދަތުރުފުޅެއްގައި އެދެހެދުންކޮޅު ހިމެނުނީ ވަރަށް ބޭނުންތެރި ހަދިޔާއެއްކަމުގައެވެ. ހަމައެފަދައިން އަބޫބަކުރުގެފާނުގެ ތިމާގެފުޅު ބޭކަލެއް ކަމުގައިވާ ޠަލްހަތުބިން އުބައިދިﷲ ރަޟިޔަﷲ އަންހުވެސް މުސްލިމުންގެ ވިޔަފާރިގާފިލާއެއްގައި ވަޑައިގަންނަވަނިކޮށް ބައްދަލުވެވަޑައިގެންނެވިކަމަށާއި އެކަލޭގެފާނުވެސް ކައުސާހިބާއަށާއި އަބޫބަކުރުގެފާނަށް ހެދުންކޮޅު ވެދުމަށް އެރުއްވިކަމަށް ރިވާޔަތްތައް ހުރެއެވެ.
(ނުނިމޭ)