އެމްޑީޕީ

ފެންޖަމާކޮށް ރައްކާކުރާ ނިޒާމެއް ގާއިމްކުރުމަށް ރަށްރަށުގެ ގޭގެއާއި އޮފީސްތަކުގެ ފުރާޅުތައް އެއްވިއުގައަކުން ގުޅައިލަނީ

ޝަހީދާ އަބްދުﷲ ސައީދު

ބޯފެނަށް ޖެހުން ކުޑަކުރުމަށް އިންޓަގްރޭޓެޑް ވޯޓާ ރިސޯސް މެނޭޖުމެންޓުގެ ދަށުން ރަށްރަށުގެ ގޭގެއާއި އޮފީސްތަކުގެ ފުރާޅުތައް ފެން ރައްކާކުރާ ނިޒާމަކުން ގުޅައިލެވޭނެ ކަމަށް އެމްޑީޕީން 19 ވަނަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ތައްޔާރުކުރި ގާނޫނުގެ ކޮންސެޕްޓުގައި ބުނެފިއެވެ.

އެމްޑީޕީން އެކުލަވައިލި ގާނޫނުގެ ކޮންސެޕްޓްގައިވާ ގޮތުން ހުރިހާ ރަށެއްގައި ބޯފެނުގެ ނިޒާމު ގާއިމްކޮށް އެއްވެސް ރަށެއް ބޯފެނަށް ނުޖެހޭނެކަން ކަށަވަރުކޮށްދޭނެއެވެ. އަދި ފެނުގެ ނިޒާމް ގާއިމްކުރާއިރު ފީޑް ވޯޓަރގެ ގޮތުގައި ބޭނުންކުރާ ފެނުގެ ތެރޭގައި ވާރޭ ފެނުގެ ނިސްބަތް ދަށްވެގެން 50 އިން ސައްތައަށް ހަދާނެއެވެ.

ބިމުގެ ފެންފަށަލަ އާލާކުރުމުގެ ގޮތުން، ކޮންމެ ރަށެއްގައިި އެކަށީގެންވާ ގޮތެއްގައި ބިމަށް ފެން ހިންދޭނެ ނިޒާމެއް ގާއިމްކޮށް، މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި، އަތްފޯރާ އަގެއްގައި ކޮލިޓީ ރަނގަޅު ބޯފެން ލިބޭނެ ނިޒާމެއް ގާއިމްކުރުމަށް ވެސް ކޮންސެޕްޓްގައި ހިމަނާފައިވެއެވެ.

އަދި އޭގެ އިތުރުން މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި އެރަށެއްގެ ރައްޔިތުންނަށް 88 ދުވަހަށް ބޭނުންވާ ފެނުގެ މިންވަރު ރައްކާކުރެވިފައި ބެހެއްޓޭ ވަރުގެ ސްޓޯރޭޖް ކެޕޭސިޓީ އެރަށެއްގައި ގާއިމުވެފައި ހުންނަންވާނެ ކަމަށްވެސް އެ ކޮންސެޕްޓުގައި ބުނެފައިވެއެވެ.

ފެނާއި ނަރުދަމާގެ ހިދުމަތުގެ ހިންގުން ހަރުދަނާ ކުރުމުގެ ގޮތުން ސަރަހައްދީ ފެންވަރުގައި ކުންފުނިތައް އުފައްދައި ރަށްރަށުގެ ޔުޓިލިޓީތައް ހިންގުމަށް އެކަށީގެންވާ ޓެކްނިކަލް އޮނިގަނޑެއް އެކުލަވައިލަންވާނެ ކަމަށްވެސް ބުނެފައި ވެއެވެ.

ކަރަންޓްގެ ޚިދުމަތް ރަގަޅުކުރުމުގެ ގޮތުން ރަށްރަށުގެ އިންޖީނުގެތަކުގެ ސްޓޮކްގައި މަދުވެގެން 88 ދުވަހަށް ފުދޭ މިންވަރަކަށް ތެޔޮ ރައްކާކޮށްފައިބެހެއްޓޭނެ ސްޓޯރޭޖެއް ގާއިމް ކުރުމަށް ހުށަހެޅުމަށް ވެސް އެ ކޮންސެޕްޓުގައި ވަނީ ހިމަނައިފަ އެވެ. ކޮންސެޕްޓްގައިވާ ގޮތުން ދެމެހެއްޓެނިވި އުސޫލަކުން ކަރަންޓުގެ އަގު ކުޑަކޮށް ރައްޔިތުންގެ އާމްދަނީ އާއި ފުދުންތެރިކަމަށް ރިއާޔަތް ކުރުމަށްފަހު އެއްވެސް އާއިލާ އަކަށް ބުރަނުވާނެހެން ސަބްސިޑީ ފޯރުކޮށްދެވޭނެއެވެ.

އަދި ތެލަށް ކުރާ ބޮޑު އިސްރާފު ދަށްކޮށް، އިޔާދަކުރަނިވި ހަކަތައިގެ ދާއިރާ ފުޅާކޮށް ތަރައްގީ ކުރުމަށް ހިމަނާފައިވެއެވެ.