އެމްޑީޕީ

ބޯހިޔާވަހިކަމަށް ޝަތުރު ހަމަވާ ގޮތް ސާފުކޮށް، ގާނޫނަކުން ކަނޑައަޅަން އެމްޑީޕީން ނިންމައިފި

އިބްރާހިމް ޒަކީ

ބޯހިޔާވަހިކަމަށް އެދޭ ފަރާތްތަކުގެ ޝަތުރު ހަމަވާގޮތް ސާފުކޮށް، 19 ވަނަ ރައްޔިތުންގެ މަޖިލީހުގައި ގާނޫނަކުން ކަނޑައަޅަން އެމްޑީޕީން ނިންމައިފި އެވެ.

މިގޮތަށް އެ ޕާޓީން ނިންމާފައިވަނީ، ކުރިއަށް އޮތް 19 ވަނަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ނިންމައި، އެކުލަވައިލައިފައިވާ، ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ ގާނޫނުގެ ބިލުގަ އެވެ.

އެމްޑީޕީން ބުނެފައިވަނީ، ބޯހިޔާވަހިކަން ހޯދުމަށް އެދޭއިރު ޝަރުތުހަމަވާ ގޮތް ސާފުކޮށް ބަޔާންކުރެވޭނެ ކަމަށެވެ. އަދި ރައްޔިތުންނަށް ފުރިހަމަ އިތުބާރު ކުރެވޭނޭ ގޮތަށް ދެފުށް ފެންނަ، ހާމަކަން ބޮޑު ގޮތެއްގައި ޕްރޮސެސް ހިންގުމަށް މި ގާނޫނުން ލާޒިމުކުރާނެއެވެ.

އެމްޑީޕީން ބުނި ގޮތުގައި، މުޖުތަމައުގެ އާންމު ހާލަތަށްވުރެ، ނިކަމެތި ކަމެއް ލިބިފައިވާ މީހުންނާއި ނުވަތަ އިޖްތިމާއީ ގޮތުން ހާއްސަ ރައްކާތެރިކަމެއް ލިބިދޭންޖެހޭ މީހުންނަށް، އިސްކަން ދިނުމަށްވެސް ގާނޫނުގައި ކަނޑައަޅިފައިވާނެ އެވެ

މާލޭގެ ރަށްވެއްސަކަށްވެ އަމިއްލަ ބޯހިޔާވެހިކަމެއް ނެތް އާއިލާތަކަށް ބޯހިޔާވެހިކަން ފޯރުކޮށްދިނުމުގެ އުސޫލުތައް ގާނޫނުގައި ކަނޑައަޅަންވެސް ވަނީ ހިމަނައިފަ އެވެ.

ދިރިއުޅޭނޭ އަމިއްލަ ތަނެއް ނެތް، ނުވަތަ އާއިލާތަކަށް ދިރިނޫޅެވޭނޭ ވަރުގެ ކުދި ބިންކޮޅުކޮޅުގަ އާއި، ކުދި ފްލެޓްތަކުގަ އާއި ތަންތަންކޮޅުގައި ދިރިއުޅޭ ފަރާތްތަކަށް ހުޅުމާލެއިން ނުވަތަ ގުޅީފަޅުން ނުވަތަ ތިލަފުށިން، އެކަށީގެންވާ ވަރުގެ ގޯތި ދޫކުރުމުގެ އުސޫލުތައް ވެސް ގާނޫނުގައި ކަނޑައަޅާނެ އެވެ.

އަދި ބޯހިޔާވެހިކަން ބިނާކުރާނެ ތަނަވަސްކަމެއް ނެތް ފަރާތްތަކަށް ދިގު މުއްދަތަކުން ދައްކާ ގޮތަށް ކުޑަ އިންޓްރެސްޓެއްގައި ލޯނު ލިބޭނޭ ގޮތް ދައުލަތުން ފަހިކޮށްދިނުން ލާޒިމު ކުރުމަށްވެސް ވަނީ ހިމަނައިފަ އެވެ.

ލުއި ފަސޭހަ ގޮތްތަކަކުން ބޯހިޔާވެހިކަމަށް އެދި ހުށަހެޅޭނޭ ގޮތަށް މި ގާނޫނުގައި އުސޫލުތައް ކަނޑައެޅިފައި ވާނެ ކަމަށްވެސް ބުނެފައިވެ އެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި، ހިންގި ވެށިފަހި މާލޭ ޕްރޮގްރާމުގެ ދަށުން، މާލޭން ލިބިފައިވާ ބިންކޮޅެއް، ނުވަތަ އިމާރާތުން ތަންކޮޅެއް ސަރުކާރަށް ދޫކޮށްލުމުން، ބަދަލުގައި ހުޅުމާލެއިން ގޯއްޗެއް ނުވަތަ ފްލެޓެއް ދޫކުރަމުން އޭރު ކުރިއަށް ގެންދިއަ ގޮތަށް، އެ އުސޫލު މި ގާނޫނުގައި ކަނޑައެޅުމަށް ބިލުގައިވަނީ ހިމަނައިފަ އެވެ.

އެގޮތަށް ތަންކޮޅެއް ދޫކޮށްލުމަށް އެއްބަސްވުމުން ހުޅުމާލެއިން ބިމެއް/ފްލެޓެއް ލިބޭނޭ ކަމަށް އޭރުގެ ސަރުކާރުން ލިޔުން ދީފައިވާ، ފަރާތަކަށް ހުޅުމާލެއިން ބިމެއް/ފްލެޓެއް މިހާތަނަށް ދޫކޮށްފައި ނުވާނަމަ، އެ ފަރާތަކަށް ބިން/ފްލެޓް ދޫކުރުމަށް މި ގާނޫނުން ލާޒިމުކުރެވޭނެ ކަމަށްްވެސް އެމްޑީޕީން ވަނީ ބުނެފަ އެވެ.