އެމްޑީޕީ

އެމްޑީޕީ މަޖިލިސް19 އެޖެންޑާ : ވަޒީފާ ހޯދަމުން އަންނަ ފަރާތްތަކަށް 2500 ރުފިޔާއާ ހަމައަށް އިނާޔަތެއް!

އަހުމަދު ޖައިޝަން

1

ރާއްޖޭގައި ވަޒީފާއެއް ނުލިބި، ވަޒީފާއެއް ހޯދަމުން އަންނަ ފަރާތްތަކަށް އިނާޔަތެއްގެ ގޮތުގައި 2500 ރުފިޔާއާ ހަމައަށް ލިބޭގޮތަށް ހިމެނޭ ގާނޫނެއްގެ ކޮންސެޕްޓް އެމްޑީޕީން އެކުލަވާލައިފި އެވެ.

އެމްޑީޕީން 19 ވަނަ ރައްޔިތުންގެ މަޖިލީހަށް ހުށައަޅަން ގަސްދުކުރާ ގާނޫނުތަކުގެ ކޮންސެޕްޓުތަކުގެ ތެރެއިން ހުށަހަޅާ އެ ގާނޫނަކީ ވަޒީފާ ހޯދަން މަސައްކަތްކުރާ ފަރާތްތަކަށް އިނާޔަތް ދިނުމުގެ ގާނޫނެވެ.

އެ ކޮންސެޕްޓުގައި ބުނެފައިވަނީ މުސާރަ ދިނުމަށް ހަމަޖެހިފައިވަނީ ދެ ކެޓަގަރީއަކަށް ބަހާލައިގެން ކަމަށެވެ. އެގޮތުން އެއީ އޭލެވެލް ނުވަތަ އެއަށްވުރެ ދަށް ފާހެއް އޮންނަ މީހުންނާއި އޭލެވެލް ފާހަށްވުރެ މަތީ ފާހެއް އޮންނަ މީހުންނެވެ.

އިނާޔަތް ދިނުމުގައި އެމީހެއް އުމުރާއި ދަރީން ތިބި އަދަދާއި ތައުލީމީ ފެންވަރާއި ތަމްރީނާއި ދިރިއުޅެމުން އަންނަ ތަނުގެ އާންމު ހާލަތަށް ރިއާޔަތް ކުރާނެ ކަމަށް އެ ކޮންސެޕްޓުގައި ބުނެފައިވެއެވެ. މުސާރައަށް ދޭނީ 1،500 އާއި 2،500 ރުފިޔާއާ ދެމެދުގެ އަދަދެއް ކަމަށްވެސް އެ ގާނޫނުގައި ބުނެފައިވެއެވެ.

ވަޒީފާ އަދާ ކުރާ މީހުންގެ މައުލޫމާތު ސަރުކާރުން މޮނިޓާ ކުރުމަށް ސަރުކާރުން ކޮންމެ ދާއިރާއަކަށް ހާއްސަ "ދާއިރާ ޖޮބް ސެންޓަރު" ގާއިމުކުރާނެ ކަމަށް އެ ގާނޫނުގައި ވަނީ ބުނެފައެވެ. ދާއިރާ ޖޮބް ސެންޓަރުތަކުން އެ މައުލޫމާތު އެއްކުރާނީ ކައުންސިލްތައް މެދުވެރިކޮށް ކަމަށް އެ ގާނޫނުގައި ބުނެފައިވެއެވެ.

ދިވެހިން ތަމްރީންވެފައި ތިބި ވަޒީފާތަކަށް ބިދޭސީން ނުގެނެވޭނެ ގޮތަށް އިސްލާހު ގެނައުމަށް އެ ގާނޫނުގައި ވަނީ ހިމަނައިފައެވެ.

އަދި އާންމުންނަށް އެ އިނާޔަތް ދޭން ފަށާނީ އެ ގާނޫނު ގެޒެޓުކުރާތާ ތިން މަސް ހަމަވާ ދުވަހުން ފެށިގެން ކަމަށް ކޮންސެޕްޓުގައި ވަނީ ބުނެފައެވެ. އަދި ގާނޫނު ގެޒެޓުކުރާތާ ދެމަސް ތެރޭ ޖޮބް ސެންޓަރުތައްވެސް ގާއިމުކުރަން ޖެހޭނެ ކަމަށް އެ ކޮންސެޕްޓުގައި ބުނެފައިވެއެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟