ސުޕްރީމް ކޯޓުގެ ދަށުން ވަކިކޮށް ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން، (ޑީޖޭއޭ) މިނިވަން މުވައްސަސާއަކަށް ހަދުމަށް ހުށަހަޅަން އެމްޑީޕީއިން ނިންމައިފި އެވެ.
އެމްޑީޕީގެ އެ ހުށަހެޅުން ހިއްސާކުރެއްވީ، ހުޅުމާލޭގެ ބްރައިޓްވޭ އިންޓަރނޭޝަނަލް ސްކޫލްގައި ރޭ އެ ޕާޓީން ކުރިއަށްގެންދިޔަ މަޖިލިސް ކެމްޕެއިން ޕޮލިސީ ވޯކްޝޮޕް ނިންމުމުގެ ރަސްމިއްޔާތުގައި އެމްޑީޕީގެ ލީގަލް ޑައިރެކްޓަރު އަދި އެމްޑީޕީ ޓިކެޓުގައި މަޖިލީހުގެ ތުޅާދޫ ދާއިރާއަށް ކުރިމަތިލައްވާ، ހިސާން ހުސައިން އެވެ. ޑީޖޭއޭ އަކީ މިހާރު ސުޕްރީމް ކޯޓުގެ ދަށުގައި އޮންނަ މުވައްސަސާއެކެވެ. އެ ތަނުން މިހާރު ކުރަމުން އަންނަނީ ސުޕްރީމް ކޯޓުގެ އިދާރީ މަސައްކަތްތަކެވެ.
ޖުޑިޝަރީ އިސްލާހު ކުރުމުގެ ޕްރޮގްރާމްގެ ތެރެއިން ގެންނަން އެމްޑީޕީން ހުށަހަޅާ އެ ބަދަލުގައި ވަނީ، ޑީޖޭއޭ މިނިވަން މުއައްސަސާކަށް ހެދުމަށާއި އެ މުއައްސަސާ ހިންގުމަށް ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރަކު އައްޔަންކޮށް އޭނާ އަކީ ސީދާ ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީވާ މީހަކަށް ހެދުމަށެވެ. އެ ހުށަހެޅުމުގައިވާ ގޮތުން ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރު އައްޔަން ކުރާނީ ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީންނެވެ.
އެމްޑީޕީން 19 ވަނަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ރާވާފައިވާ އެ ޕްލޭނުގައި، ޑީޖޭއޭއަށް ބޮޑެތި ބާރުތަކެއް ދިނުމަށް ވެސް ވަނީ ހިމަނަފައިފަ އެވެ. އެ ގޮތުން ކޯޓުތަކުގެ އޮނިގަނޑު އެކުލަވައިލުމާއި ކޯޓު ތަކަށް ރަޖިސްޓްރާއިން އައްޔަން ކުރުމުގެ ބާރުވެސް އެ މުއައްސަސާއަށް ދިނުމަށް ވަނީ ހުށަހަޅައިފަ އެވެ.
އެ ހުށަހެޅުމުގައިވާ ގޮތުން ކޯޓު ތަކަށް ހުށަހަޅާ މައްސަލަތައް ބަލައިގަތުމާ މެދު އެ ކޯޓުތަކުގެ ފަނޑިޔާރުންގެ ބަހެއް ނޯންނަ ގޮތަށް ހަދައި އެ ބާރު ސީދާ ކޯޓުގެ ރަޖިސްޓްރާއަށް ދިނުމަށާއި މައްސަލަ ބަލައިގަތުމަށް ފަހު ވަކި ވަކި މައްސަލަތައް ބެއްލެވުމަށް ހަވާލުކުރާނެ ފަނޑިޔާރުން ކަނޑައެޅުމުގެ ބާރުވެސް ރެޖިސްޓްރާއަށް ދިނުމަށް ވަނީ ހިމަނައިފައެވެ. މި ގޮތަށް ހެދުމުން ވަކިވަކި މައްސަލަތަކަށް ފަނޑިޔާރުން ނުފޫޒު ފޯރުވުމުގެ ފުރުސަތު ކުޑަވެގެން ދާނެ ކަމަށް އެ ހުށަހެޅުމުގައިވެ އެވެ. އެ ހުށަހެޅުމުގައި ވަނީ ރެޖިސްޓްރާ މައްސަލައެއް ބަލައިނުގަންނަން ނިންމައިފި ނަމަ، އެ މައްސަލައެއް ކޯޓުގެ ފަނޑިޔާރުންގެ ބެންޗަށް ހުށަހެޅިދާނެ ކަމަށް ބުނެފަ އެވެ.
މައްސަލައިގެ ޒާތަށް ބަލައި ބެންޗެއް އެކުލަވައިލައިގެން ބަލާން ޖެހޭ ފަދަ މައްސަލަތަކުގެ ބެންޗު އެކުލަވައިލުން ވެސް ރެޖިސްޓްރާގެ ބާރުގެ ދަށަށް ގެންނަން ހުށަހަޅަން އެމްޑީޕީގެ އެ ޕްލޭނުގައި ވަނީ ހިމަނައިފަ އެވެ.
ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވެސް ބައިވެރިވެވަޑައިގެންނެވި އެ ބައްދަލުވުމުގައި އެމްޑީޕީގެ ރައީސް، މުހައްމަދު ނަޝީދު ވިދާޅުވީ ހުށަހެޅި ކަރުދާސްތަކަށް އިސްލާހު ހުށަހެޅުމުގެ ފުރުސަތު އަންނަ އަންގާރަ ދުވަހާ ހަމައަށް އޮންނާނެ ކަމަށެވެ.