ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އެބޭފުޅުން މުސާރަ އަމިއްލައަށް ކަނޑައަޅާ ގޮތަށް އޮންނަ އުސޫލު ބަދަލު ކުރުމަށާއި މަސްއޫލިއްޔަތާއި ޒިންމާ އަދާކުރާ ގޮތުން މެންބަރުން ވަކި ކުރެވޭނެ ނިޒާމެއް ނުވަތަ ވަކިވާނެ ގޮތެއް އޮންނަން ޖެހޭ ކަމަށް އެމްޑީޕީގެ މަޖިލިސް ކެމްޕޭން ވޯކްޝޮޕުގެ ބައެއް ބައިވެރީން ޚިޔާލު ހުށަހަޅުއްވައިފި އެވެ.
މެންބަރުން އެބޭފުޅުންގެ މުސާރަ އަމިއްލައަށް ކަނޑައަޅާ ގޮތަށް އޮތުމަކީ ހަމަ ޖެހޭ އުސޫލެއް ނޫން ކަމަށް އެ އުސޫލު ބަދަލުކުރަން ޖެހޭ ކަމަށް ޚިޔާލު ހުށަހެޅުއްވި މެންބަރު ވިދާޅުވި އެވެ. އަދި އެކަން ކުރުން މިނިވަން އެހެން ކޮންމެވެސް ބަޔަކާ ނުވަތަ މުއައްސަސާއަކާ ހަވާލުކުރުމަކީ އެންމެ ނަޒާހަތްތެރި ގޮތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މަޖިލިސް މެންބަރުން މަގާމުން ވަކިވުމުގެ އުސޫލާ ގުޅޭ ގޮތުން ވާހަކަދެއްކެވި މެންބަރު ވިދާޅުވީ ކޮންމެ ގޮތަކަށް ކަން ކުރިޔަސް މިހާރު އޮންނަ އުސޫލުން މެންބަރެއްގެ މަގާމު ގެއްލޭނެ ގޮތެއް ނޯންނަ ކަމަށެވެ. އެ ގޮތުން މަޖިލީހަށް ކިތަންމެ ދުވަހެއް ވަންދެން ހާޒިރު ނުވިޔަސް އަދި އެކަށީގެންވާ ގޮތެއްގައި ޕާފޯމް ނުކުރިޔަސް އެ ގޮނޑި އޭނާއަށް ޔަގީންވެފައި އޮންނަ އޮތުމަކީ ކަމުދާ ގޮތެއް ނޫން ކަމަށް ވިދާޅުވި އެވެ. އެހެން ކަމުން މަޖިލިސް މެންބަރުން އެ މެންބަރެއްގެ މަސްއޫލިއްޔަތާއި ޒިންމާތަކަށް އިހުމާލުވާ ނަމަ އޭނާއަށް ރައްޔިތުންގެ ހަވާލު ކުރި ގޮނޑީގައި އިނދެވިގެން ނުވާނެ ކަމަށް ވެސް އެ މައްސަލައިގައި ޚިޔާލު ފާޅުކުރެއްވި މެންބަރު ވިދާޅުވި އެވެ.
ރޭ ހުޅުމާލޭ ބްރައިޓްވޭ އިންޓަނޭޝަނަލް ސްކޫލުގައި ކުރިޔަށް ދިޔަ، ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވެސް ބައިވެރިވެވަޑައިގެންނެވި އެ ބައްދަލުވުމުގައި އެމްޑީޕީގެ ރައީސް، މުހައްމަދު ނަޝީދު ވިދާޅުވީ ހުށަހެޅި ކަރުދާސްތަކަށް އިސްލާހު ހުށަހެޅުމުގެ ފުރުސަތު އަންނަ އަންގާރަ ދުވަހާ ހަމައަށް އޮންނާނެ ކަމަށެވެ.