ސުޕްރީމް ކޯޓުގެ ބާރުތައް ނަގައި ހައި ކޯޓާއި ދަށު ކޯޓު ތަކުގެ މައްޗަށް ބާރު ނުފޯރުވޭނެ ގޮތަށް ޖުޑިޝަރީ އަށް އިސްލާހު ގެންނަން، އެމްޑީޕީގެ މަޖިލިސް ކެމްޕެއިން ޕޮލިސީ ވޯކްޝޮޕް ނިންމުމުގެ ޖަލްސާއަށް ހުށަހަޅައިފި އެވެ.
ޖުޑިޝަރީ އިސްލާހުކުރުމަށް 19 ވަނަ ރައްޔިތުންގެ މަޖިލީހުން ކުރާން ނިންމާފައިވާ ކަންކަމުގެ ގޮތުގައި އެ ކަރުދާސް މިރޭ ހުށަހެޅުއްވީ ގާނޫނީ ވަކީލާ ހިސާން ހުސެއިން އެވެ.
ހިސާން ހުށަހެޅުއްވި ކަރުދާހުގައިވާ އިސްލާހު ތަކުގެ ތެރޭގައި، ސުޕްރީމް ކޯޓުން އަމިއްލައަށް އިސްނަގައިގެން އެއްވެސް މައްސަލައެއް ނުބެލޭނެ ގޮތް ހެދުމާއި ހައިކޯޓާއި ދަށު ކޯޓުގައި ހިނގަމުންދާ މައްސަލަތަކުގެ ފައިލްތައް ގެންދިއުން ފަދަ ކަންކަން ނުކުރެވޭނެ ގޮތް ހެދުން ހިމެނެ އެވެ.
އޭގެ އިތުރުން ސުޕްރީމް ކޯޓުން އެއްވެސް ދުސްތޫރީ މައްސަލައެއް ހުޅުވާލާފައިވާ ޝަރީއަތުގެ މަޖިލީހާ ނުލައި ނުނިންމޭ ގޮތަށް ހެދުމަށް ވެސް އެ ކަރުދާހުގައި ވަނީ ހުށަހަޅައިފަ އެވެ.