އިސްލާމްދީނުގެ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމް އިސްލާމީ ތަހްރީކުގެ މަރުކަޒީރަށަކަށް މަދީނާހައްދަވަން ގަސްތުކުރެއްވީ އެކަމަށް އެންމެ މުނާސަބު ވަގުތުގައެވެ. އިޤްތިސާދީ ގޮތުންނާއި އިޖްތިމާޢީ ގޮތުންނާއި ސިޔާސީގޮތުންވެސް މަދީނާގައި އިސްލާމީތަހްރީކު ފައްޓަވަން އެންމެ ފަހި މޫސުމުގައެވެ. ކައުސާހިބާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ތޫނު ވިސްނުންފުޅުން އެކަންވަނީ ވަރަށް ފުރިހަމަޔަށް ވަޒަންކުރައްވައިފައެވެ.
ޔަޘްރިބުގައި(މަދީނާގައި) އެދުވަސްވަރު ވަޒަންވެރިވެގެން ތިބީ ދެނަސްލެއްގެ ބައެކެވެ. ޔަހޫދީންނާއި ބުދަށް އަޅުކަން ކުރާ މުޝްރިކު އަރަބީންގެ ދެގަބީލާއެއްގެ މީހުންނެވެ. ޔަޘްރިބުގެ މަސައްކަތްތެރިކަމާއި، ވިޔަފާރިއާއި، ދީނާއި، އިޤްތިސާދިއްޔަތާއި މިފަދަ ހުރިހާ ކަމެއްގައިވެސް ޔަހޫދީންތިބީ އެބައިމީހުންގެ ވާދަވެރިންނަށްވުރެ ކުރީގައެވެ. ޔަހޫދީން ވާދަކުރަމުންގެންދިޔައީ އަރަބި ވަޒަންވެރިންކަމުގައިވާ އައުސުވަންހައާއި ޚަޒުރަޖު ވަންހައިގެ މީހުންނާއެވެ. މިދެ ޤަބީލާއަކީވެސް ހަނގުރާމަވެރި ދެޤަބީލާއެވެ. އެދެޤަބީލާ އެކުވެރިވެެ އެކަތިގަނޑަކަށް ވެއްޖެނަމަ އެކަންވާނީ ޔަހޫދީންނަށް ކުރިމަތިވާ ވަރަށް ބޮޑު ނުރައްކަލަކަށެވެ. އެހެންކަމުން ޔަހޫދީންގެ މަޤްސަދަކަށް ހަދައިފައިވަނީ އެދެޤަބީލާގެ ދެމެދުގައި އަބަދުމެ ހަމަނުޖެހުން އުފައްދައި އަރައިރުމާއި ދެކޮޅުވެރިކަމުގައި ބައިތިއްބުމެވެ. އެެއީ ޔަހޫދީންގެ ޙިކުމަތުއަމަލީއެކެވެ. ހަމައެފަދައިން އައުސުވަންހަ އާއި، ޚަޒުރަޖު ވަންހައަކީ ޔަހޫދީންގެ އެހީތެރިކަމަށް އަބަދުމެ އެދެންމަޖުބޫރުވެފައިވާ ފަޤީރު ބަޔެއްގެ ގޮތުގައި ބައިތިއްބަން ވެސް ޔަހޫދީން ގެންދިޔައީ މަކަރުވެރި ރޭވުންތައް ރާވަމުންނެވެ. އެގޮތުން ޔަޘްރިބުގެ ވިޔަފާރިއާއި، މަސައްކަތްތެރިކަމާއި، ހުނަރުވެރިކަމުގެ މައްޗަށް ޔަހޫދީންތިބީ ވެރިވެގަނެގެންނެވެ. ހަމައެއާއެކު ރިބާގެ ޒަރީޢާއިން ޔަހޫދީންވަނީ އައުސުވަންހައާއި ޚަޒުރަޖުވަންހައިގެ އިޤްތިސާދު ވާކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން އެދެވަންހައިގެ ތަޤްދީރުކަމުގައިވެފައިވަނީ ޖާހިލުކަމާއި ހަސްފަސްނެތުމެވެ.
ޔަހޫދީންގެ އިސްވެދެންނެވި މަކަރުވެރިކަމާއި، ހުއްދަނޫން ފައިދާނެގުމާއި ފިތުނަވެރިރޭވުންތައް އައުސުވަންހައާއި ޚަޒުރަޖުވަންހައިގެ މީހުންނަށް ރަނގަޅަށް ވިސްނެއެވެ. ނަމަވެސް ދެބައިމީހުންނަކަށް އެއްގަލަކަށް ނޭރެއެވެ. އެކުވެރިކަމެއް ނުއުފެއްދެއެވެ. ޤަބީލީ ޢަޞަބިއްޔަތާއި، ޖާހިލުކަމުގެ ސަބަބުންނެވެ. ޔަހޫދީންގެ ކެހިވެރި ރޭވުންތަކުގެ ނަތީޖާއެއްގެ ގޮތުންނެވެ. އެދެވަންހައިގެ މީހުންގެ އާދަޔަކަށްވެފައިއޮތީ ދާޚިލީ އަރައިރުމާއި ތަޅައިފޮޅުމެވެ. ދެބައިމީހުންނަށް ލިބެމުންދިޔަ ޖާނީ އަދި މާލީ ގެއްލުންތައް ދުވަހެއްދުވަހަކަށްއައީ އިތުރުވަމުންނެވެ.
ދުވަސްވަރަކީ އަނެއްކާވެސް ނުރައްކާތެރި ވަރުގަދަ ދާޚިލީ ހަނގުރާމައެއްގެ ކަޅުވިލާގަނޑެއް މަދީނާގެ ހަތަރު އުދަރެސް ބައްދައިލައިފައިއޮތް ދުވަސްވަރެކެވެ. އެއީވެސް ޔަހޫދީންގެ މަކަރުވެރި ރޭވުމުގެ ސަބަބުން އުފެދުނު ވަރުގަދަ ކޮޅިގަނޑެކެވެ. އޭގެ ކުރިން ހިނގައިފައިހުރި ދާޚިލީ ހަނގުރާމަތަކުގައި އައުސުވަންހަވަނީ ޚަޒުރަޖުވަންހައިގެ އަތުންބަލިވެފައެވެ. ޖާނީ އަދި މާލީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. އެހެންކަމުން އައުސުވަންހައިގެ މީހުން ގަސްތުކުރީ މައްކާގެ ޤުރައިޝުންނާ ވާހަކަދައްކައިގެން ދެބައިމީހުންގެ ދެމެދުގައި އެކުވެރިކަމާއި އެހީތެރިވެދިނުމުގެ މުއާހަދާއެއް ކުރެވޭތޯ ބެލުމަށެވެ. މަޤްޞަދަކީ ބާރުގެ ތިލަފަތް އެއްވަރުކުރުމެވެ. އައުސުވަންހައިން އެކަމަށްޓަކައި މައްކާއަށް ވަފުދެއްފޮނުވިއެވެ. އަބުލްޙައިސަރު އަނަސުބިންރާފިއުގެވެރިކަމުގެ ދަށުގައެވެ. އެވަފުދު މައްކާއަށްއައީ ނަބީކަމުގެ އެގާރަވަނައަހަރުގައެވެ. ބުޢާޘު ހަނގުރާމަ ފެށުމުގެ ކުޑަދުވަސްކޮޅެއް ކުރީންނެވެ.
އިސްލާމީ ތަޙްރީކުގެ ދުރުވިސްނައިވަޑައިގަންނަވާ ޤާއިދު ގެންދެވީ މަދީނާގެ މަސްރަހު ވަރަށް ބޮޑަށް ދިރާސާކުރައްވަމުންނެވެ. އެމާތް ސާހިބާ ހުންނެވީ މަދީނާގެ ބަޔަކު މައްކާއަށް އާދޭތޯ ބައްލަވަބައްލަވައެވެ. އެހެންކަމުން އައުސުވަންހައިގެ ވަފުދު މައްކާއަށް އައުމާއެކު އެބައިމީހުންގެ ގާތަށް ފައިންޕުޅުބީއްސެވިއެވެ. އެބައިމީހުންނާ ބައްދަލުކުރައްވައި އިސްލާމީތަހްރީކުގެ މުހިންމަތާއި ތަޞައްވުރާއި، އަމާޒުފަތްގަނޑުތައް އެބައިމީހުންނަށް ވިދާޅުވެދެއްވިއެވެ. އިސްލާމީ ތަހްރީކުގައި ބައިވެރިވުމުގެ ދައުވަތުދެއްވިއެވެ. ކީރިތި ޤުރްއާނުގެ ބައެއް އާޔަތްތައްވެސް ކިޔަވައި ވިދާޅުވެދެއްވިއެވެ.
ކައުސާހިބާގެ ވާހަކަފުޅުން އައުސުވަންހައިގެ ވަފުދު މެންބަރުންގެ ތެރެއިން އެއްބޭކަލެއްގެ ހިތްޕުޅަށް ހެޔޮ އަސަރުތަކެއް ފޯރިއެވެ. އެބޭކަލަކީ ތެދުޤަބޫލުކުރެއްވުމުގެ އެކަށޭނަކަން ލިބިވަޑައިގެންހުންނެވި ބޭކަލެކެވެ. ޙައްގަށް ލޯބިކުރައްވާ ބޭކަލެކެވެ. މިދެންނެވި ތަނަވަސްފިކުރުފުޅުގެ ވެރިޔަކީ އިޔާސުބިން މުޢާޛު ރަޟިޔަﷲ އަންހުއެވެ. އިޔާސު އެކަލޭގެފާނުގެ އެކުވެރީންްނާ މުޚާތަބު ކުރައްވައި ވިދާޅުވިއެވެ. " މާތްﷲ ގަންދެމެވެ. އަހަރުމެން އެބޭނުމެއްގައި މިއައި ބޭނުމަށްވުރެ މި ދައުވަތު ޤަބޫލުކުރުން މާހެޔޮކަންބޮޑެވެ." ނަމަވެސް ވަފުދުގެ ވެރިޔާ އަބުލްޙައިސަރު އަނަސުބިންރާފިއު އެކަން ގަބޫލެއް ނުކުރިއެވެ. އޭނާ އިޔާސުގެ މޫނުފުޅަށް ވެލިމުށެއް އުކައިލުމަށްފަހު ޖަވާބުދިނެވެ. "އަހަރެމެން މައްކާއަށް މިއައީ މުޅީން އެހެން މުހުތާދެއްގައެވެ. ތިޔަކަންތައް ދޫކޮށްލާށެވެ. "
ޔަޘްރިބުގެ ވަފުދު އެނބުރި ދިޔައީ އެވަފުދުގެ މުރާދު ހާސިލުނުވެއެވެ. ހުސްއަތާއެވެ. އިޔާސުބިން މުޢާޛު ރަޟިޔަﷲ އަންހު ފިޔަވައެވެ. އެކަލޭގެފާނު އެނބުރި ވަޑައިގެންނެވީ އީމާންކަމުގެ އަގުބޮޑު ނިއުމަތުން ދާވަނިކޮޅު ފުރައިލައްވައިގެންނެވެ. ނަމަވެސް މައްކާއިން އެނބުރި ޔަޘްރިބަށް ވަޑައިގެންނެވިތާ މާކަގިނަ ދުވަސްތަކެއް ނުވަނީސް އެކަލޭގެފާނު އަވަހާރަވެއްޖެއެވެ. އެކަލޭގެފާނު އަވަހާރަވީ ވަގުތުވަނީ އަރަހުށިމާތްﷲއަށް ހަމްދާއިޘަނާވިދާޅުވެފައެވެ. އަސްތަޣުފާރު ކުރައްވައިފައެވެ. އެހެންކަމުން އެކަލޭގެފާނު އިސްލާމްވެވަޑައިގެންނެވިކަން ވަނީ ކަށަވަރުވެ ބަޔާންވެފައެވެ. އިޔާސު އަވަހާރަވީތާ މާގިނަ ދުވަސްތަކެއް ނުވަނީސް ބުޢާޘްހަނގުރާމަ ފެށިއްޖެއެވެ. އެހަނގުރާމައިގައި ދެފަރާތަށްމެވަނީ ވަރަށްވެސް ބޮޑެތި ޖާނީ އަދި މާލީ ގެއްލުންތަކެއްލިބިފައެވެ. އެހަނގުރާމައިގައިވެސް ބަލިވީ އައުސުވަންހައެވެ. ޚަޒުރަޖުވަންހަޔަށްވުރެ އައުސުވަންހައިގެ ބައިމަދުވުމުގެ ސަބަބުންނެވެ.
އިސްލާމީ ތަހްރީކުގެ ނަޒަރުން ވިސްނާއިރު ބުޢާޘު ހަނގުރާމައަކީ ޢާއްމުގޮތެއްގައި މުއައްރިޚުން އެ ހަނގުރާމަޔަށް ދެއްވާ އަހަންމިއްޔަތައްވުރެ މާބޮޑު އަހަންމިއްޔަތެއް ދޭންޖެހޭ ހަނގުރާމައެކެވެ. އެނގިވަޑައިގަންނަވާނެފަދައިން ބުޢާޘު ހަނގުރާމަ ހިނގީ އައުސުވަންހައާއި ޚަޒުރަޖުވަންހަޔާ ދެމެދުގައެވެ. ޔަހޫދީންގެތެރެއިންވެސް އެދެވަންހައިގެ ޙަލީފުން އެހަނގުރާމައިގައި ބައިވެރިވިއެވެ. ނަމަވެސް ހަނގުރާމައިން ލިބުނު ގެއްލުމާއި ހަލާކުގައި ޔަހޫދީންގެ ހިއްސާ ވަރަށް ކުޑައެވެ. އެހަނގުރާމައިގައި އޮހޮރިގެންދިޔަ ލޭގެ ގިނަކަމާއި، ލިބުނު ބޮޑެތި މާލީ ގެއްލުމުގެ ސަބަބުން އައުސުވަންހައާއި ޚަޒުރަޖުވަންހަވަނީ މުޅިން ލޮޑުވެފައެވެ. ވާޅުވެފައެވެ. އަސްކަރީގޮތުންނާއި، ސިޔާސީގޮތުންނާއި، އިޤްތިސާދީގޮތުންވަނީ މުޅިން ހަސްނެތިފައެވެ. އެދެވަންހަ ބަލިކަށިވީވަރުން އެބައިމީހުންގެ ކިބަޔަކު ޔަހޫދީންގެ އުދުވާނީ ހަމަލާތަކާ ކުރިމަތިލެވޭ ފަދަ އުރައްޕެއްނެތެވެ.
ޔަހޫދީންގެ އަންދުވަހުއާދައިގެމަތީން ބުޢާޘު ހަނގުރާމައިގައިވެސް ޔަހޫދީން ކުޅެފައިވަނީ އިންތިހާދަރަޖައިގެ މަކަރުވެރި އަދި މުނާފިޤު ދައުރެކެވެ. އެހެންކަމުން އައުސުވަންހައާއި ޚަޒުރަޖުވަންހަޔަށްވަނީ ޔަހޫދީންނަކީ އެދެ ޤަބީލާގެވެސް ދުޝްމިނުންކަން އިހުނަށް ވުރެބޮޑަށް ކަށަވަރުވެފައެވެ. ޔަހޫދީންނަކީ އެބައިމީހުންނަށް ކުރިމަތިވެފައިވާ މުސްތަޤިއްލު ނުރައްކަލެއްކަން ޔަޤީންވެފައެވެ. ދެޤަބީލާވެސް ވަނީ އެކަމާ ވަރަށް ފިކުރުބޮޑުވެފައެވެ. ނަމަވެސް ޔަހޫދީންގެ ނުރައްކަލުން ސަލާމަތްވެ، ޔަހޫދީންގެ މައްސަލަޔަށް ދާއިމީ ހައްލެއް ހޯދޭނެގޮތެއް ވިސްނައެއްނުގަނެވެއެވެ.
(ނުނިމޭ)