ކައުސާހިބާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ކުރީއްސުރެ ރާއްވަވައިފައިވާ ފަދައިން ޘައުރު ފަރުބަދައިގައި ތިއްބަވާތާ ހަތަރުވަނަ ރެޔަކީ (ހިޖްރައިން އެއްވަނަ އަހަރުގެ ރަބީޢުލް އައްވަލުމަހުގެ އެއްވަނަރޭ – 16 ސެޕްޓެމްބަރ 622މ) މަދީނާއަށް ވަޑައިގަތުމުގެ ދަތުރުފުޅު ފައްޓަވާރެއެވެ. ހޮހަޅައިގެ ދެމިތުރުން ހޮހަޅައިގައި ތިއްބަވާތާ ތިންދުވަސްވީއިރު ޤުރައިޝުންގެ ހޯދުމުގެ މަސައްކަތްވަނީ މަޑުޖެހިލައިފައެވެ. ޖޯޝްވަނީ ފިނިވެފައެވެ. ފޯރިވަނީ ކުޑަވެފައެވެ. ހިތްވަރުވަނީ އެލިފައެވެ. ރަތްދަކަ އަވީގައި ތިންދުވަސްވަންދެން ކޮޅުކޮޅު މައްޗަށް ދުވެ ފަރުބަދަތަކާއި ވާދީތަކުގައި އަތްފުނާ އެޅުމުންވެސް ނަތީޖާއެއްނުފެނުމުންނެވެ.
އަބޫބަކުރުއްޞިއްދީޤު ރަޟިޔަﷲ ޤަސްދު ކުރައްވައިފައިވަނީ އާމިރު ބިން ފުހައިރާ ރަޟިޔަﷲ އަންހުވެސް ދަތުރުފުޅުގައި ބައިވެރިކުރެއްވުމަށެވެ. ކައުސާހިބާއަށް ދަތުރުފުޅުމަތީގައި ކޮންމެވެސް ޚިދުމަތަކަށް ބޭނުންފުޅުވެ ވަޑައިގެންފާނެތީއެވެ. އެހެންކަމުން އާމިރު އެރޭ ޘައުރު ފަރުބަދައިގެކައިރިޔަށް ވަޑައިގެންނެވީ އެކަލޭގެފާނު ހުއިހައްޕަވާ ބަކަރިތައް ދޫކޮށްލައްވައިފައެވެ. އާރުކާޓީއަކަށް އުޖޫރައިން ހިއްޕަވާފައިވާ އަބްދުﷲބިން އުރައިޤަޠު އައްލައިޘީ އާމިރުގެ އަރިހުގައި ގެންނެވިއެވެ. ދަތުރުފުޅަށް ތައްޔާރުކުރައްވައިފައިވާ ދެ ޖަމަލުވެސް ގެންނެވިއެވެ. ބައެއްރިވާޔަތްތަކުގައިވާ ގޮތުން އަބްދުﷲ ވެސް އިތުރު ޖަމަލެއް ގެނައެވެ. އެދެކަލުން މަޑުކުރެއްވީ ފަރުބަދައިގެ ތިރީގައެވެ. ވާދީގެ ތެރޭގައެވެ.
ހޮހަޅައިގެ ދެ މިތުރުން ފަރުބަދައިން ފައިބައިވަޑައިގެން ސީދާ ވަޑައިގެންނެވީ ޖަމަލުތަކުގެ ކައިރިޔަށެވެ. އަބޫބަކުރު ރަޟިޔަﷲ އަންހު އެދެ ޖަމަލުގެ ތެރެއިން އެންމެ ރަނގަޅު ޖަމަލު ކައުސާހިބާ ޞައްލަﷲ ޢަލައިހި ވަސައްލަމަޔަށް ވެދުމަށް އެރުއްވިއެވެ. ނަމަވެސް ކައުސާހިބާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. "ނޫނެކެވެ. މިދަތުރުކުރާނީ އަމިއްލަ ސަވާރީއެއްގައެވެ." އަބޫބަކުރު ރަޟިޔަﷲ އަންހު ވިދާޅުވިއެވެ. "މާތްﷲގެ ރަސޫލާއެވެ. ތިޔައީ ކަލޭގެފާނުގެ އަމިއްލަފުޅު ޖަމަލުކޮޅެކެވެ." އިތުރުސާހިބާ ޙަދީޘް ކުރެއްވިއެވެ. "ނޫނެކެވެ. މިޖަމަލު ވިއްކަވާށެވެ. ކަލޭގެފާނު މިޖަމަލު ބައްލަވައިގެންނެވީ ކިހައިވަރަކަށްތޯއެވެ؟" އަބޫބަކުރުގެފާނު ޖަމަލުގެ އަގުވިދާޅުވުމުންއިތުރުސާހިބާ ޙަދީޘް ކުރެއްވިއެވެ. "އެއަގަށް ގެންފީމެވެ."
އަބޫބަކުރުގެފާނުއެކަލޭގެފާނުގެ ވެދުންޤަބޫލުކުރައްވާތޯ އިތުރަކަށް ބާރެއް ނޭޅުއްވިއެވެ. ކައުސާހިބާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އެކަލޭގެފާނުގެ ވަރަށް ގިނަ ހަދިޔާ ކުރީންވެސް ޤަބޫލުކުރައްވައިފައިވުމާއެކުގައެވެ. އިތުރުސާހިބާ މިފަހަރު އަމިއްލަފުޅު ސަވާރީއެއްގައި ދަތުރުކުރައްވާން ބޭނުންފުޅުވީ ދަތުރުފުޅުގެ ޚާއްޞަކަމަށްޓަކައެވެ. މިދަތުރުފުޅަކީ މާތްﷲގެ ރުހިވޮޑިގަތުން އެދިވަޑައިގެން އެމާތްސާހިބާގެ އަމިއްލަފުޅުގެ ގަނޑުވަރާއި ލޯބިފުޅުވާ ވަޒަން ދޫކޮށްލައްވައިފައި ކުރައްވާ ދަތުރުފުޅެކެވެ. އެމާތްސާހިބާގެ ހަޔާތްޕުޅުގެ އައު ސަފްޙާއެއް އެއްލެވުމުގެ ދަތުރުފުޅެކެވެ. އެމާތްސާހިބާގެ މުހިންމަތު އައުހަރުފަތަކަށް މައްޗަށް އުފުއްލައިލެއްވުމުގެ ދަތުރުފުޅެކެވެ. އަބޫބަކުރުއް ޞިއްދީޤު ރަޟިޔަﷲ އަންހުއަށް އެކަން ފުރިހަމަޔަށް މޭރުންވެ ވަޑައިގަންނަވައެވެ. އެހެންވެ އިތުރަށް ބާރު ނޭޅުއްވީއެވެ. އިތުރުސާހިބާއެ ޖަމަލުކޮޅަށްދެއްވި ނަމަކީ ޖަދުޢާއު ކަމުގައްޔާއި "ޤުޞްވާއު" ކަމަށާއި މިދެގޮތަށްމެ ރިވާޔަތްތައް ހުރެއެވެ. ޤުޞްވާއު ނުވަތަ ޖަދުޢާއު އަކީ ކައުސާހިބާގެ ހަޔާތްޕުޅުގައި ވަރަށް ޚާއްސަ ޖަމަލުކޮޅެއްކަމުގައިވިއެވެ.
އައްސައްޔިދާ އަސްމާއު ބިންތި އަބީބަކުރު ރަޟިޔަﷲ ޢަންހާވެސް ފަރީއްކޮޅު ހިއްޕަވައިގެން ވަޑައިގެން ހުންނެވިއެވެ. އެކަމަނާ ހަނދުމަފުޅުނެތިގެން ފަރީއްކޮޅު ކޮތަޅު ބަންނަވާނެ ވާފަށެއް ނުގެންނެވުނެވެ. އަސްމާ ވަގުތުތަކެއް ނަންގަވައެއް ނުލައްވައެވެ. އެކަމަނާގެ ހެދުންކޮޅުގެ ބަންދުނައްޓައިލައްވައި ދެފަށަށް ވީއްދަވައިލެއްވިއެވެ. ފަރީއްކޮޅުއަޅުއްވައިގެން ގެންނެވިކޮތަޅު އޭގެ އެއްފަށުން ބަންނަވައިފައި ބައްޕާފުޅުގެ ޖަމަލުކޮޅުގެ ދާނުގޮނޑިކޮޅުގައި އައްސައިދެއްވިއެވެ. އަނެއްފަށް އެކަމަނާ ބޭނުންކުރެއްވިއެވެ. ނުހަނު ޙައްޤު ގޮތުގައި "ޒާތިއްނަޠާޤައިނި" ގެ ޝަރަފުވެރި ލަޤަބު ހޯއްދެވިއެވެ.
ފަތިހަށް ދޮންކޮށް ނުލަނީސް ދަތުރުފުޅު ފައްޓަވައިފިއެވެ. ބައެއްރިވާޔަތްތަކުގައިވާ ގޮތުން ޢާމިރުބިން ފުހައިރާ އާއި އަބްދުﷲބިން އުރައިޤަޠު ދަތުރުކުރެއްވީ އަބްދުﷲ ގެނައި ޖަމަލުގައެވެ. އަނެއްބައި ރިވާޔަތްތަކުގައިވާގޮތުން ކައުސާހިބާ އާއި އަބޫބަކުރުގެފާނާދެބޭކަލުން ދަތުރުކުރެއްވީ އެޖަމަލުކޮޅުގައެވެ. އަނެއް ދެކަލުން އެއްޖަމަލެއްގައެވެ. އާރުކާޓީ ކުރީގައިހުރެ މަގުދައްކަމުން އެންމެފުރަތަމަ ދަތުރުކުރީ ޔަމަނަށްދާ މަގުން ދެކުނަށެވެ. ވަރަށް ދުރަށް ދަތުރުކުރުމަށްފަހު ހުޅަނގުފަރާތަށް އަނބުރައިލައި ރަތްކަނޑުގެ އައްސޭރިޔާ ކައިރި މަގަކުން އުތުރަށް އަނބުރައިލިއެވެ. ދަތުރު ފެށިރެ އާއި ވިދިގެންއައި ދުވަހާއި ޖެހިގެންއައިރެޔާއި އޭގެ އަނެއްދުވަހުގެ ކުޑަމެންދުރާ ހަމަޔަށް ތަނެއްގައި މަޑުކުރެއްވުމެއްނެތި ދަތުރުކުރެއްވިއެވެ. އެއްދުވަހެއްގެ ހަވީރު ރަތްކަނޑު ހުރަސްކޮށް ނޫބިޔާގެ ސަހަރާގެ މަތީން ރަބީއުލް އައްވަލުމަހުގެ ހަނދުފެނިވަޑައިގެންނެވިއެވެ. ކައުސާހިބާ ޞައްލަﷲ ޢަލައިހ ވަސައްލަމަ ހަނދު ފެނިވަޑައިގެންނެވުމުން އައުމަހެއްގެ ހަނދު ފެނިވަޑައިގެންނެވުމުން އާދަވެގެން ވިދާޅުވާފަދައިން ވިދާޅުވިއެވެ.
"އޭ ހެޔޮކަމާއި ހިދާޔަތުގެ ހަނދާއެވެ! އަހުރެން އީމާންވަނީ ތިބާހެއްދެވި ﷲ އަށެވެ."
އާރުކާޓީ ދަތުރު ކުރަމުން ގެންދިޔައީ ވަރަށް މަދުމީހަކަށް މެނުވީ ނޭގޭ މަގުތަކަކުންނެވެ. އެހެންކަމުން މަގުމަތީން މީހަކާ ދިމާވަނީ ވަރަށްމަދުންނެވެ ހާލުހާލުންނެވެ. ދެވަނަޔަށްވީ ދުވަހުގެ މެންދުރު އަވިބާރުވާން ފެށުމުން އަބޫބަކުރު ރަޟިޔަﷲ އަންހުޖަމަލުކޮޅު މަޑުކޮށްލައްވައި ކައުސާހިބާ ޞައްލަﷲ ޢަލައިހ ވަސައްލަމަ ކުޑަކޮށް އަރާމުކޮށްލައްވާގޮތަށް ހަމަޖެއްސެވިއެވެ. އަބޫބަކުރު ރަޟިޔަﷲ އަންހު ވަށައިގެން ހޯއްދަވައިލެއްވުމުން ތަންކޮޅެއް އުސްފަރުބަދައެއްގެ ތިރީން ހިޔާތަނެއް ފެނިވަޑައިގެންނެވިއެވެ. އެތަނަށް މަޑުކުރައްވައި އެތަން ކުނިކައްސަވައި ސާފުކުރެއްވިއެވެ. އެއަށްފަހު އެކަލޭގެފާނުގެ ރިދާކޮޅު ފަތުރައިލައްވައިފައި އިތުރުސާހިބާގެއަރިހުގައި އަރާމުކޮށްލައްވަން އޮށޯވެވަޑައިގަންނަވަން ވިދާޅުވިއެވެ. އިތުރުސާހިބާ އެތާނގައި އޮށޯވެވަޑައިގެންނެވުމުން އަބޫބަކުރު ރަޟިޔަﷲ އަންހު ވަޑައިގެންނެވީ ފަރީއްކުޅުއްވާނެ ކޮންމެވެސް ކަހަލައެއްޗެއް ލިބިވަޑައިގަންނަވާތޯ ބެއްލެވުމަށެވެ. މާދުރަށްވަޑައިނުގެންނެވެނީސް ބަކަރި ގޮތްވަކާ ބައްދަލުވެވަޑައިގެންނެވިއެވެ. އޭނާގެ ކިބައިން ކިރުފޮދަކަށް އެދިވަޑައިގެންނެވުމުން އޭނާއެކަން ޤަބޫލުކުރިއެވެ. ބަކަރީގެ ވައްގަނޑުން ކިލަލާއި ހިރަފުސްދޮވުމަށާއި ބަކަރި ގޮވިކަލޭގެ އަތްވެސް ސާފުކުރުމަށް އަބޫބަކުރުގެފާނު ވިދާޅުވިއެވެ. އެކަންތައް ނިމުމުން އެކަލޭގެފާނު ގެންގުޅުއްވާ ކަންވާރަކަށް އޭނާލައްވައި ކިރު ފެލުއްވައި މަތީން ފޮތިކޮޅެއް އަޅުއްވައިގެން އިތުރުސާހިބާގެ އަރިހަށް ވަޑައިގެންނެވިއެވެ. ކައުސާހިބާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އޭރުއޮންނެވީ ކުޑަކޮށް އަވަހާރަފުޅުލެއްޕެވިފައެވެ. އިތުރުސާހިބާ ހޭފުޅުލެއްވުމުން ކިރުގެ ތެރެޔަށް ފެންފޮދެއް އަޅުއްވައިފައި އިތުރުސާހިބާއަށް ހިއްޕަވާން އެރުއްވިއެވެ. އިތުރުސާހިބާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ކިރުފޮދުހިއްޕެވުމަށްފަހު ޙަދީޘް ކުރެއްވިއެވެ. "އިރުމެދުން ލަނބައިފިއެވެ. ދަތުރުފަށަމާ ހިނގާށެވެ." އެހެން ޙަދީޘް ކުރެއްވުމަށްފަހު ދަތުރުފުޅު ފެއްޓެވިއެވެ.
ކައުސާހިބާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ދަތުރުކުރެއްވި މަގުމަތީގައި ޚުޒާޢަތުވަންހައިގެ ޢާތިކާ ބިންތި ޚާލިދު (އުއްމު މައުބަދު)ގެ ފޭލިގޭގެ ކައިރިޔަށް ނުކުމެވަޑައިގެންނެވުނެވެ. އެކަމަނާއަކީ ހަށިކޮޅުގައި ވަރަށް ބާރުހެޔޮ ބޭކަނބަލެކެވެ. ދީލަތި ބޭކަނބަލެކެވެ. އެކަމަނާ ފޭލިގޭގެ ދޮރުމަތީގައި އިންނަވަނިކޮށް އެބޭކަލުން ވަޑައިގެން އެކަމަނާގެ އަތްޕުޅުން ކިރުފޮދެއް ނުވަތަ މަސުކޮޅެއް ނުވަތަ ކަދުރުކޮޅެއް ބައްލަވައިގަންނަވަން ވާހަކަ ދެއްކެވިއެވެ. އެކަމަނާ ޖަވާބުދެއްވިއެވެ. މާތްﷲގެ ރަސްކަންފުޅަށްޓަކައި ދަންނަވަމެވެ. އަޅުގަނޑުގެ އަތުގައި ތިޔައިން އެއްޗެއް ހުރިނަމަ ތިޔަފަދަ ބޭކަލުންނަށް މެހްމާނުދާރީ އަދާކުރުމުގައި ދަހިވެއްޗެއް ނުވީމުހެވެ. އަޅުގަނޑު މިއިނީ ވަރަށް ލަދުންނެވެ. ބަކަރިތައްވެސްވީ ހުއިހެއްޕުމަށްޓަކައި ދުރު ހިސާބު ހިސާބުގައެވެ. މިއީ ވަރަށް ތަދުމަޑު ދުވަސްވަރެކެވެ.
ކައުސާހިބާ ޞައްލަﷲ ޢަލައިހި ވަސައްލަމައަށް އެކަމަނާގެ ފޭލިގޭގެ އެއްފަރާތެއްގައި ބަނދެފައި އޮތް ވަރަށް ހިކި އަނަރޫފަ ބަކަރިޔެއް ފެނިވަޑައިގެން ނެވިއެވެ. ކައުސާހިބާ ޙަދީޘް ކުރެއްވިއެވެ. "އުއްމު މަޢުބަދެވެ! މިއޮތީ ކީއްވެފައިއޮތް ބަކަރިޔެއް ހެއްޔެވެ؟" އުއްމު މަޢުބަދު ޖަވާބުއެރުއްވިއެވެ. "ތިޔައީ ވަރުދެރަކަމުން ހުއިކާންވެސް ނުދެވިފައި އޮތް ބަކަރިޔެކެވެ." އިތުރުސާހިބާ ސުވާލުކުރެއްވިއެވެ. "އެބަކަރިޔަކު ކިރެއްނެތް ހެއްޔެވެ؟" އެކަމަނާ ޖަވާބުދެއްވިއެވެ. "އެއަށްވުރެ މާ ނިކަމެއްޗެވެ." ކައުސާހިބާ ޙަދީޘް ކުރެއްވިއެވެ. "ކަމަނާ އިޒުނަ ދެއްވައިފިނަމަ އެބަކަރީން ކިރު ފެއްލަވައިފާހުށީމެވެ." އުއްމު މަޢުބަދުވިދާޅުވިއެވެ. "އަޅުގަނޑުގެ މައިންބަފައިން ކަލޭގެފާނަށްޓަކައި ޤުރްބާނެވެ. އެބަކަރީގައި ކިރުހުރި ކަމުގައިވާނަމަ ބޭނުންފުޅު ވަރަކަށް ފެއްލަވާށެވެ."
އިތުރުސާހިބާގެ އަރިހަށް އެބަކަރި ގެނެވުމުން ބަކަރީން ކިރުފެލާން މީހުން އިށީންނަ ގޮތަށް އިށީދެވަޑައިގެން ބިސްމިﷲއެވެ ވިދާޅުވެފައި ބަކަރީގެ ވައްގަނޑުގައި އަތްޕުޅު ބީއްސަވައި މާތްﷲ އަށް ދުއާކުރެއްވިއެވެ. ހަމައެވަގުތު އެބަކަރީގެ ވައްގަނޑަށް ކިރުއެރިސިކާރަވެއްޖެއެވެ. އުއްމު މަޢުބަދަށް އެތަން ފެނިވަޑައިގަތުމުން އުފާފުޅުން ދުވެވަޑައިގެންފައި ވަޑައިގެން ޖަމާއަތެއްގެ މީހުންނަށް ބޮވޭހައި ކިރުއެޅޭ ވަރުގެ ކަންވާރެއް ގެންނަވައި އަތްޕުޅަށް އަރުއްވައިފިއެވެ. އިތުރުސާހިބާ އެކަންވާރު ފުރޭންދެން ކިރު ފެއްލެވިއެވެ. އެންމެ ފުރަތަމަ އުއްމު މަޢުބަދަށް ބޯންދެއްވިއެވެ. އެކަމަނާ ހިއްޕެވުމުން އިތުރުސާހިބާގެ ދަތުރުފުޅުގެ ބައިވެރީންނަށް ބޯންދެއްވިއެވެ. އެއަށްފަހު އިތުރުސާހިބާ ހިއްޕެވިއެވެ.
(ނުނިމޭ)