އެމްޑީޕީގެ ލީޑަޝިޕުން ވަކި ކެންޑިޑޭޓަކަށް ޕްރައިމަރީގައި ކެމްޕެއިން ކުރުން ޕާޓީގެ އެތެރޭގެ ގަވައިތަކުން މަނާ ނުކުރާ ކަމަށް ޕްރައިމަރީގެ ކަންކަން ބެލެހެއްޓުމަށް ޗެއާޕާސަން އައްޔަން ކުރައްވާފައިވާ މެންބަރު އިބްރާހީމް ވަހީދު ވިދާޅުވެއްޖެ އެވެ.
އެމްޑީޕީން ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރާނެ ކެންޑިޑޭޓުން ކަނޑައެޅުމަށް ބޭއްވި ޕްރައިމަރީގައި ޕާޓީގެ ލީޑާޝިޕުން ވަކި ކެންޑިޑޭޓުން ތަކަކަށް ތާއީދުކޮށްފައި ވާތީ، ޕްރައިމަރީން ބަލިވި ބައެއް ކެންޑިޑޭޓުން ވަނީ އެކަމުގެ ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ.
ރާއްޖެޓީވީގެ ފަލަ ސުރުހީ ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ވަހީދު ވިދާޅުވީ ކެމްޕެއިން ދުވަސްވަރު ގައުމުގެ ރައީސް އަދި ޕާޓީގެ ރައީސް އެކި ކެމްޕެއިންތައް ލޯންޗްކޮށްދެއްވައި އެކި ކެމްޕެއިންތަކުގައި ވާހަކަދެއްކެވި އިރު އެއްވެސް ކެންޑިޑޭޓަކު އެއްވެސް މައްސަލައެއް ހުށަހަޅާފައި ނުވާ ކަމަށެވެ. އަދި ހުރިހާ ބޭފުޅުންވެސް ވާހަކަ ދައްކަވަން ފެއްޓެވީ ޕްރައިމަރީ ނިމުނީމަ ކަމަށް ވަހީދު ފާހަގަ ކުރެއްވި އެވެ. މީގެ އިތުރުން ޕާޓީގެ ލީޑަޝިޕުގެ މީހުން ވަކި ބަޔަކަށް ތާއީދު ކުރުމަކީ ޕާޓީގެ ގަވައިދުން މަނާ ކުރާކަމަކަށް ނުވާ އިރު އެކަން މަނާ ނުކުރެވޭނެ ކަމަށް ވެސް ވަހީދު ވިދާޅުވިއެވެ.
ނަމަވެސް މިފަދަ މައްސަލަތަކަކީ ޕާޓީގެ ގައުމީ މަޖިލީހަށް ހުށަހަޅައިގެން ކުރިއަށް އޮތް ތާގައި ރަނގަޅު ކުރެވޭނެ ކަންކަން ކަމަށް ވަހީދު ފާހަގަ ކުރެއްވި އެވެ. ވަހީދު ވިދާޅުވި ގޮތުގައި ޕާޓީގެ ގަވައިދަށް ޕާޓީގެ ގައުމި މަޖިލީހުގައި އިސްލާހު ގެނެވޭނެ އެވެ. އެހެންކަމުން ޕާޓީގެ ކޮންމެ ބޭފުޅަކު މައްސަލަ ހުށަހެޅި ކަމަށް ވީނަމަވެސް އެ މައްސަލަ ބަލާނެ ކަމަށް ވަހީދު ވިދާޅުވި އެވެ.
މިދިޔަ ހުކުރު ދުވަހު ކުރިއަށް ދިޔަ އެމްޑީޕީ މަޖިލީހުގެ ޕްރައިމަރީގެ ވަގުތީ ނަތީޖާ މިހާރު އިއުލާނުކޮށްފައިވާ އިރު، ކުރިއަށް އޮތް ތިން ދުވަހުގެ ތެރޭގައި ޕްރައިމަރީގެ ދާއިމީ ނަތީޖާ އިއުލާނު ކުރާނެ ކަމަށް އިބްރާހީމް ވިދާޅުވި އެވެ. މި ޕްރައިމަރީގައި ވޯޓު ލުމުގެ ހައްގު ލިބޭ ފަރާތްތަކުގެ ތެރއިން %62 މީހުން ވޯޓުލާފައިވާއިރު، ޖުމްލަ 280 ކެންޑިޑޭޓުން ވަނީ މި ޕްރައިމަރީގައި ބައިވެރި ވެފައެވެ.