އެމްޑީޕީގެ މަޖިލިސް ޕްރައިމަރީއާ ގުޅޭގޮތުން ހުށަހަޅައިފައި އޮތީ ހައެއްކަ ޝަކުވާ ކަމަށް އެޕާޓީގެ ޕްރައިމަރީގެ އިންތިހާބާ ބެހޭ ކަންކަން ހިންގުމަށް ޗެއާ ޕާސަން ކަނޑައަޅާފައިވާ މެންބަރު އިބްރާހީމް ވަހީދު ވިދާޅުވެއްޖެ އެވެ.
މިރޭ ރާއްޖެ ޓީވީގެ ފަލަ ސުރުހީ ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އިބްރާހީމް ވިދާޅުވިގޮތުގައި ޕްރައިމަރީއާ ގުޅޭގޮތުން ހުށަހަޅާފައިވާ ހައެއްކަ ޝަކުވާގެ ޖަވާބު އެކަންކަން ބެއްލެވުމަށް ފަހު ވަރަށް އަވަހަށް ދެއްވާނެ އެވެ.
މީގެ އިތުރުން ކުރީގެ ޕްރައިމަރީތަކުގައި އަމަލުކުރާ އުސޫލާ ޚިލާފަށް މިފަހަރު ހުރިހާ ފޮށިތަކެއް މާލެއަށް ގެންނަ ގޮތަށް ނިންމާފައިވާކަމަށްވެސް އޭނާ ވިދާޅުވިއެވެ. އެއާއެކު އިތުރު ޝަކުވާއެއް އޮވެގެން ފޮއްޓެއް އަލުން ބަލަން ޖެހުނު ކަމަށް ވިޔަސް އެ މައްސަލައެއް އަލުން ބަލާނެ ކަމަށާއި އިންސާފު ލިބޭނެކަން ކަށަވަރު ކުރާނެކަމަށް ވެސް އިބްރާހީމް ވިދާޅުވިއެވެ. މިއާއެކު ކުރިއަށް އޮތް ތިން ދުވަސް ތެރޭ އެމްޑީޕީގެ ޕްރައިމަރީގެ ދާއިމީ ނަތީޖާ އިއުލާނު ކުރާނެ ކަމަށް އިބްރާހީމް ވިދާޅުވި އެވެ.
ޖުމްލަ 280 ކެންޑިޑޭޓުން އެކި ދާއިރާތަކުގައި ވާދަކުރި އެމްޑީޕީގެ މަޖިލީހުގެ ޕްރައިމަރީ ކުރިއަށް ގެންގޮސްފައިވަނީ މިދިޔަ ހުކުރު ދުވަހުއެވެ. އެމްޑީޕީގެ ޕްރައިމަރީގައި ވޯޓު ލުމުގެ ހައްގު 78،738 މީހުންނަށް ލިބިފައިވާއިރު، މިހައިތަނަށް ޕްރައިމަރީގެ ވަގުތީ ނަތީޖާ ދައްކާގޮތުގައި އެމްޑީޕީގެ ޕްރައިމަރީގައި ވޯޓު ލާފައިވަނީ ވޯޓު ލުމުގެ ހައްގު ލިބިފައިވާ މީހުންގެ ތެރެއިން %62 މީހުންނެވެ.