އެމްޑީޕީ

ޑިމޮކްރެސީގެ މުހިއްމު ދައުރެއް އަދާކުރީ ވެސް، ރިޔާސީ އިންތިޚާބުގެ ނަތީޖާގެ ބޮޑުބައެއް ހޯދީ ވެސް އެމްޑީޕީން

އަހުމަދު ޖައިޝަން

ރާއްޖޭގައި ޑިމޮކްރެސީގެ އެންމެ މުހިންމު ދައުރެއް މިހައިތަނަށް އަދާކުރީ އެމްޑީޕީން ކަމަށާއި ނިމިގެން ދިޔަ ރިޔާސީ އިންތިޚާބުގެ ނަތީޖާގެ ބޮޑުބައެއް ހޯދީ ވެސް އެމްޑީޕީން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ރައީސް ސޯލިހު މިހެން ވިދާޅުވީ އެމްޑީޕީގެ ރައްޔިތުންގެ މަޖިލީހުގެ ޕްރައިމަރީގެ ނަތީޖާ އިއުލާނުކުރަމުން އަންނަ އިރު، މީގެ އިރުކޮޅެއް ކުރީން އެ ޕާޓީގެ ހަރުގޭގައި ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅުދައްކަވަމުންނެވެ.

ރައީސް ސޯލިހު ވިދާޅުވީ ރާއްޖެ ޑިމޮކްރަސީއަށް ފައްކާވުމުގައި އެންމެ އިސް ރޯލެއް އަދާކޮށްފައިވަނީ އެމްޑީޕީން ކަމަށާއި ނަމޫނާ ނަންގަވަންވީ އެފަދަ ކަންތަކުން ކަމަށެވެ.

"އެންމެންނަށް ބައިވެރިވެވޭ ވެރިކަމެއް ހިންގުމަށްޓަކައި ޑިމޮކްރަސީގެ ހަމަތަކުގެ މަތީން މިފަދަ ހަރަކާތްތައް އެބަ ހިންގަން ޖެހޭ. އެމްޑީޕީން މި ނިންމީ އޭގެ ފުރިހަމަ މަސައްކަތެއް،" އެމަނިކުފާނު ވިދާޅުވިއެވެ.

މިރޭގެ ނަތީޖާއާ ހަމައަށް އައުމުގައި އެތައް ބައެއްގެ ވަރަށް ބުރަ މަސައްކަތް ހިމެނޭ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.