އެމްޑީޕީ

ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީ ޕްރައިމަރީގައި ވޯޓު ފޮށިތައް ބަންދުކުރާ ވަގުތު ފަސްކޮށްފި

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީގެ ފަރާތުން ކުރިމަތިލާނެ ކެންޑިޑޭޓުން ހޮވުމަށް ބާއްވާ ޕްރައިމަރީގައި ވޯޓު ފޮށިތައް ބަންދުކުރާ ވަގުތު ފަސްކޮށްފިއެވެ.

އެމްޑީޕީ މަޖިލިސް ޕްރައިމަރީގައި ވޯޓު ފޮށިތައް މިރޭ 8:30ގައި ބަންދުކުރާ ގޮތަށް ކުރިން ހަމަޖެހިފައިވީ ނަމަވެސް، ވޯޓު ފޮށިތައް ބަންދުކުރާ ވަގުތު މިހާރު ވަނީ 9:30އަށް ފަސްކޮށްފައެވެ.

އެމްޑީޕީން ބުނީ ޕްރައިމަރީގެ ވޯޓުލުން މިރޭ 9:30 އަށް ގަޑި އިތުރު ކުރެވިފައިވާ ކަމަށާއި ނަމަވެސް ކިޔޫގައި މީހުން ނެތް ދާއިރާތަކުގެ ވޯޓުލުން މިރޭ 8:30 އަށް ބަންދުކުރާނެ ކަމަށެވެ.

މިއަދު މެންދުރުފަހު 2:30ގައި ފަށާފައިވާ އެމްޑީޕީ މަޖިލިސް ޕްރައިމަރީގައި 279 ކެންޑިޑޭޓުން ވާދަކުރެއެވެ. އޭގެ ތެރޭގައި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އިތުރުން މިހާރު ވެސް މެމްބަރުކަން ކުރައްވަމުންގެންދަވާ ބޭފުޅުންނާއި ކުރިން މެމްބަރުކަން ކުރައްވާފައިވާ ބޭފުޅުން އަދި ކުރީގެ ވަޒީރުން ވެސް ހިމެނިވަޑައިގަންނަވައެވެ.

ޕްރައިމަރީގައި ވޯޓު ލިބުމުގެ ހައްގު، އެމްޑީޕީގެ 89،091 މެމްބަރުންނަށް ލިބިފައިވެއެވެ. ރާއްޖޭގެ އެކި ސަރަހައްދުތަކުގައި 270 ވޯޓު ފޮށި ބެހެއްޓުމަށް ހަމަޖެހިފައިވާ އިރު، ރާއްޖޭގެ އިތުރުން އިންޑިއާގެ ޓްރިވެންޑްރަމް އާއި ސްރީ ލަންކާ އަދި މެލޭޝިއާގައި ވެސް ވޯޓު ފޮށި ބެހެއްޓުމަށް ހަމަޖެހިފައިވެއެވެ.

އަންނަ އޭޕްރީލް މަހުގެ ހަވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީން 86 ދާއިރާއަށް ވާދަކުރުމަށް ވަނީ ނިންމައިފައެވެ. އެމްޑީޕީން ވާދަނުކުރާ ހަމައެކަނި ދާއިރާއަކީ ނިލަންދޫ ދާއިރާއެވެ.