އެމްޑީޕީ

އެމްޑީޕީގެ އިންޒާރު ޖޭޕީއަށް: ނަޝީދަށް ކުރިމަތިިނުލެވޭ އިސްލާހު ނުނަގައިފި ނަމަ، ޖޭޕީޖީގެ ގުޅުމަށް ބުރޫއަރާނެ

1

އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދަށް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަ ނުކުރެވޭ ގޮތަށް ޖޭޕީގެ މެންބަރު އަބްދުއްލަތީފު މުހައްމަދު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައިވާ އިސްލާހު އަނބުރައި ނެންގެވުމަށް އެޕާޓީގެ ލީޑަޝިޕުުން އިސް ދައުރެއް އަދާކުރައްވައި އެކަން ކަށަވަރުކުރެއްވުމަށް އެމްޑީޕީގެ ޕާލިމެންޓު ގުރޫޕުން ގޮވައިލައިފި އެވެ.

އެމްޑީޕީގެ ޕާލިމެންޓަރީ ގުރޫޕުން އެގޮތަށް ގޮވައިލީ އެ ގުރޫޕުން މިއަދު ނެރުނު ނޫސްބަޔާނެއްގަ އެވެ.

އެ ބަޔާނުގައި އެއީ ގާނޫނު އަސާސީއާ ޚިލާފު އިސްލާހެއް ކަމަށް ބުނުމުގެ އިތުރުން އެފަދަ އަމަލުތަކުގެ ސަބަބުން ޖޮއިންޓް ޕާލިމެންޓަރީ ގުރޫޕު (ޖޭޕީޖީގެ) ގުޅުމަށް އަރައިފާނެ ބުރުލަކާ މެދު ވިސްނައިވަޑައިގެން މަސްލަހަތު ނުގެއްލޭނެ ފަދަ ގޮތަކަށް އަމަލުކުރައްވަން ވެސް ވަނީ ގޮވައިލައިފަ އެވެ.

އެމްޑީޕީގެ ބަޔާނުގައި އިތުރަށް ބުނެފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމަށް ކުރިމަތިލެވޭ ޝަރުތުތައް ގާނޫނު އަސާސީގައި ބަޔާންކޮށްފައި ވަނިކޮށް އެމައްޗަށް އެހެން ޝަރުތުތަކެެއް އިތުރުކުރަން ހުށަހެޅި ހުށަހެޅުމަކީ އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ހުށަހަޅާފައިވާ އިސްލާހެއް ކަމަށާއި އެކަން އެންމެ ހަރުއަޑުން ކުށްވެރިކުރާ ކަމަށެވެ.

"ޖޭޕީގެ މެންބަރު އަބްދުލް ލަތީފު މުހައްމަދު އެ އިސްލާހު ހުށަހެއްވުމުގެ ބޭނުމަކީ މި ޕާޓީގެ ރައީސް ރައްޔިތުންގެ މަޖިލީހަށް ކުރިމަތިލައްވާނެކަން އިއުލާނުކުރައްވައި ކެމްޕޭން ކުރައްވަމުން ގެންދަވާތީ އެމަނިކުފާނަށް ފުރައްސާރަކުރެއްވުމަށް ކަމަށް ދެކެމެވެ. އަދި އެއީ ނިމި ދިޔަ ސަރުކާރުން ގާނޫނު އަސާސީއާ ޚިލާފަށް އެމެންބަރާ މެދު ހިންގެވި އަމަލުތަކެއްގެ ޝިކާރައަކަށް ވެވަޑައިގަތުމަށް ފަހު ހިންދެމިލެއްވުމާ އެކު އެހެން މީހުންގެ ސިޔާސީ ހައްގުތަކަށް އަރައިގަތުމަކީ މައްސަލައެއް ނޫން ކަމަށް ދެކެވަޑައިގަންނަވާތީ މެންބަރު ލަތީފު ހިންގެވި ދަށު ދަރަޖައިގެ ފިނޑި އަމަލެއް ކަމަށްވެސް ދެކެމެވެ." އެމްޑީޕީގެ ބަޔާނުގައި ބުނެފައިވެ އެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟