ކައުސާހިބާ ސައްލަﷲ އަލައިހި ވަސައްލަމަ ރާއްވަވައި އެކަށައަޅުއްވައިފައިވާ ފަދައިން ސީދާވަޑައިގެންނެވީ ޞިއްދީޤުލްއަކްބަރުގެ ގެކޮޅަށެވެ. ސިއްދީޤުލްއަކްބަރާ މެދު ޤުދުރަތުން ނުހަނު ދީލަތިވަންތަކަމާއެކު މިންވަރު ކުރައްވައިފައިވަނީ އެންމެ މާތް އެންމެ މަތިވެރި ނަބިއްޔާގެ ޚާއްޞަ ރަހްމަތްތެރިޔަކު ކަމުގައްޔާއި އެމާތްސާހިބާގެ ހޮހަޅައިގެ މިތުރާކަމުގައި ވެވަޑައިގެންނެވުމަށެވެ. އެގޮތުން އަބަދަށްޓަކައި ނަންފުޅު ދިރިދެމި ހުރުމަށެވެ. އަބޫބަކުރުއްސިއްދީޤު ރަޟިޔަﷲ އަންހު އިރުއޮއްސުނީއްސުރެ ގެންދެވީ ކައުސާހިބާ ވަޑައިގަންނަވާނެ އިރަކަށް ނުހަނު ޝައުޤުވެރިކަމާއެކު އިންތިޒާރު ކުރައްވަމުންނެވެ. އިރުއިރުކޮޅާ މަގު ބައްލަވަމުންނެވެ.
ދަތުރުފުޅަށް ނުކުމެވަޑައިގަތުމުގެ އިޝާރަތް ލިބިވަޑައިގަތުމާއެކު އަބޫބަކުރުއްސިއްދީޤު އަވަސް އަވަހަށް ތެދުވެވަޑައިގެންނެވިއެވެ. އިތުރުސާހިބާގެ ފަހަތްޕުޅުން ހިންގަވައި ގެންނެވިއިރު އަތްޕުޅުގައި ތިންކޮތަޅު އޮތެވެ. އެއްކޮތަޅުގައި ހުރީ ފަރީއްކޮޅެވެ. އަނެއްކޮތަޅުގައި އޮތީ ފެންހަމެކެވެ. އަނެއްކޮތަޅުގައި ހަހާސް ނުވަތަ ހަތްހާސް ދިރުހަމެވެ. އެއީމުޅި އުމުރުފުޅުގައި ކުރެއްވި ބުރަ މަސައްކަތްޕުޅުން އެހައިތަނަށް ބާކީ ކުރެއްވިފައިހުރި މިންވަރެވެ. އިސްލާމްދީން ފާޅުކުރެއްވިއިރު އަބޫބަކުރުއްސީއްދީޤަކީ ސާޅީސް އެތައްހާސް ދިރުހަމެއްގެ ބޮޑު ރައުސުމާލަކުން ވިޔަފާރިކުރައްވަމުންގެންދެވި ވިޔަފާރި ވެރިޔެކެވެ. އަތްޕުޅުގައިއެވާ ކުޑަކުޑަ ފައިސާކޮޅަކީ އެބޮޑުރައުސްމާލުގެ ތެރެއިން އެހައިތަނަށް ބާކީ ހުރި އެތިކޮޅެވެ. އިސްލާމްވުމުގެ ސަބަބުން އަނިޔާލިބެމުންދިޔަ އަޅުން ނުހަމަނުލާހިކު ބޮޑު އަގުގައި ބައްލަވައިގެންފައި މިނިވަން ކުރެއްވުމަށާއި އެނޫންވެސް ޚައިރާތީ ކަންކަމަށް ހޭދަކުރައްވަމުން ގެންދަވައި އަނެއްބައި ވަނީ ހުސްކޮށްލައްވައިފައެވެ.
ގޯތިތެރޭގެ އެއްފަރާތެއްގައި ވަރަށްޅަޒުވާން ސަމައްތަރުހެޔޮ ދެޖަމަލު އޮތެވެ. މިދަތުރުފުޅަށްޓަކައި ޚާއްޞަ ކުރައްވައިގެން ހުއިކާންދެއްވައި ފަލަކުރައްވައިފައިވާ ދެޖަމަލެވެ. ދެޖަމަލުވެސް އޮތީ ދާނުދޮނޑި އަޅުއްވައި ތައްޔާރު ކުރައްވައިފައެވެ. ވަގުތުތަކެއްނަންގަވައި ނުލައްވައި ދެމިތުރުން އެދެޖަމަލަށް ސަވާރުވެވަޑައިގެން ވަލުދޮރާށީން ބޭރަށް ނިކުމެވަޑައިގެންފިއެވެ. އެއްޖަމަލަށް ސަވާރުވެ ވަޑައިގެންނެވީ ކައުސާހިބާ ސައްލަﷲ އަލައިހި ވަސައްލަމައެވެ. އަނެއް ޖަމަލަށް ސަވާރުވެވަޑައިގެންނެވީ ސިއްދީޤުލް އަކްބަރާއި އެކަލޭގެފާނުގެ ދަރިކަލުން އަބްދުﷲއާ ދެބައްޕާކަލުންނެވެ. ކުރީއްސުރެ ހަމަޖައްސަވައިފައިވާ ފަދައިން މިސުރާބުޖެއްސެވީ މައްކާގެ ދެކުނު ފަރާތަށެވެ. ޘައުރުފަރުބަދަޔާ ދިމާޔަށެވެ. އެބޭކަލުންނަށް އެނގިވަޑައިގަންނަވައެވެ. ކައުސާހިބާ ސައްލަﷲ އަލައިހި ވަސައްލަމަ ގަނޑުވަރުގައި ވަޑައިގެން ނެތްކަން އެނގޭއިރަށް މުޝްރިކުން އެކަލޭގެފާނު ހޯދުމުގެ މަސައްކަތް ފަށައިގަންނާނެއެވެ. މައްކާގެ އުތުރު ފަރާތުގެ ރަށްބޭރާއި މަދީނާއަށް ދަތުރުކުރެވޭ ހުރިހާ މަގުތަކަކާއި އެމަގުތަކުގެ ވަށަވަށައިގެން ވާސަރަހައްދުގައި އަތްފުނާ އަޅާނެއެވެ. އިތުރުސާހިބާ މައްކާއިން ނިކުމެވަޑައިގެން ތަންކޮޅަކަށް ވަޑައިގެންފައި އެމާތްސާހިބާގެ ޖަމަލުކޮޅު މަޑުކޮށްލެއްވިއެވެ. އެއަށްފަހު ފަހަތްޕުޅަށް އެނބުރި ވަޑައިގެންވިދާޅުވިއެވެ.
"އޭމައްކާއެވެ! މާތްﷲގެ ބިންތަކުގެ ތެރެއިން ތިބާއީ އަހުރެން އެންމެ ލޯބިވާ ބިމެވެ. އަހުރެންގެ ޤައުމުގެ މީހުން ތިބާއާ ވަކިވާން އަހުރެންނަށް މަޖްބޫރުނުކުރިނަމަ އަހުރެން ތިބާއަކާ ވަތްކެއްނުވީމުހެވެ."
މިއަދަކީ އިންސާނިއްޔަތުގެ އެންމެ ބޮޑު މުހުސިނު އެމާތް ސާހިބާގެ ގެކޮޅުން ބޭރުވެވަޑައިގަންނަވާން މަޖްބޫރުކުރެވުނު ދުވަހެވެ. އެމާތްސާހިބާ މިއަދު އެ އަލްވަދާއުވިދާޅުވާ މަގުތަކަކީ އެމަގުތަކެއްގައި ހިންގަވައި އުޅުއްވުމުގައި އެމާތް ސާހިބާ ޒުވާންވެވަޑައިގެންނެވި މަގުތަކެވެ. ހައްޤުދީނުގެ ދައުވަތު ދެއްވުމުގައި މިންނެތްފަށުން ކުރުކާލިކެނޑުއްވި މަގުތަކެވެ. މިއަދު އެމާތްސާހިބާ އެވަކިވެވަޑައިގަންނަވަނީ އެހަރަމެއްގައި އެތަކެއްސައްތަކަފަހަރު ސަޖިދަކުރައްވައިފައިވާ ހަރަމުފުޅާއެވެ. ޤައުމުގެ ހެވާއި ލާބަޔަށް އެދިވަޑައިގެން އެތަކެއްހާސްފަހަރު ދުއާ ކުރައްވައިފައިވާ ރޫޙާނީ މަރުކަޒާއެވެ. ދުރުހިލޭ މީހުންނަށްވެސް އެރަށެއްގައި އަމާންކަމާއި ސަލާމަތުގެ ކަށަވަރުކަން ލިބިފައިވާ މުޤައްދަސްރަށާއެވެ. މިއަދު އެމާތްސާހިބާ އަލްވަދާއު އެވިދާޅުވަނީ އެމާތްސާހިބާގެ ލޮބުވެތި ކާބަފައިކަލުނަވި އިބްރާހީމުގެފާނާއި އިސްމާއީލުގެފާނުގެ މަސައްކަތްޕުޅުގެ ރެކޯޑު ރައްކާ ކުރެވިފައިވާ ރަށާއެވެ. އެމާތް ދެބަފައިކަލުންގެ އަސަރުހުރި ދުއާފުޅުތައް އެރަށެއްގެ ވައިކަނޑުގައި ދަތުރުކޮށްކޮށް ހުރި ރަށާއެވެ.
ކުރީންވެސް ދެންނެވި ފަދައިން އަބޫބަކުރުގެފާނުގެ ބަކަރި ގޮތްވެއްކަމުގައިވާ އާމިރު ބިން ފުހައިރާ އަކީ އަބޫބަކުރުގެފާނު ވާރުން ބައްލަވައިގެންފައި މިނިވަންކުރައްވައިފައިވާ ބޭކަލެކެވެ. އާމިރު އެކަލޭގެފާނުގެ ބަކަރިތަކާއިގެން އެދެބޭކަލުންގެ ފަހަތްޕުޅުން ވަޑައިގަންނަވައެވެ. ދެޖަމަލުގެ ފިޔަވަޅުގެ ނިޝާން ފޮރުވައިލެއްވުމަށްޓަކައެވެ! އަބޫބަކުރުއްސިއްދީޤު ރަޟިޔަﷲ އަންހު ޘައުރު ފަރުބަދަޔާ ހަމަޔަށް ވަޑައިގެންނެވުމުން އެކަލޭގެފާނުގެ ދަރިކަލުން އަބްދުﷲގެ ޙަވާލުގައި ދެޖަމަލު ގެއަށް ފޮނުއްވައިލެއްވިއެވެ. އޭރު އަދި އެރޭގެ ފަޖުރެއް ނުލައެވެ.
ޘައުރުފަރުބަދައިގެ ހޮހޮޅަޔަށް ވާސިލުވެވޭ މަގަކީ އުނދަގޫ މަގެކެވެ. އެހެންކަމާއެކުވެސް ދުނިޔެދުށް އެންމެ ފުރިހަމަ އަދި އިންސާނިއްޔަތަށް އެންމެ ލާބަހުރި އިންގިލާބުގެ ދެނަގީބުން ޙިމާޔަތް ހޯއްދަވަން ރާއްވަވައިފައިވަނީ އެހޮހަޅައިގައެވެ. އެދެބޭކަލުންގެ ލޭފޮދަށް ފެންބޮވައިގެންފައި ތިބި ދުޝްމިނުންގެ ލޯތަކުން ސަލާމަތްވެ ވަޑައިގެންނެވުމަށްޓަކައެވެ. އެދެބޭކަލުން މުސީބަތާކުރިމަތި ލައްވަމުން އެގެންދަވަނީ އިންސާނިއްޔަތަށް ހަންހާރަވެތިވެވަޑައިގެންނެވުމުގެ ގޮތުންނެވެ.
އާއްމުކޮށް މިބާވަތުގެ ހޮހަޅަތަކަކީ މިނިކާ ޖަނަވާރުތަކުގެ ގެތަކެކެވެ. ވިހަ ފަނިފަކުސަ އާއި ހަރުފަތަކުގެ ހަރުތަކެކެވެ. އެހެންކަމުން އެހޮހަޅަޔަށް ވެދެވަޑައިގެންނެވުމުގެކުރީން ހޮހަޅައިގެ ހާލަތު ބައްލަވައި ލެއްވުމަކީ ބުއްދިވެރިކަން ލާޒިމުކުރާކަމެކެވެ. މާތްނަބިއްޔާ ސައްލަﷲ އަލައިހި ވަސައްލަމަޔަށްޓަކައި ޤުރްބާންވެ ވަޑައިގަންނަވަމުން ގެންނަވާ އަބޫބަކުރުއްސިއްދީޤު ރަޟިޔަﷲ އަންހު ބިރުފުޅެއްނެތި އެހޮހަޅައިގެ ތެރެޔަށް ވެދެވަޑައިގެން ހޮހަޅަ ސާފުކުރެއްވިއެވެ. ދިރޭތަކެތި އުޅެފާނެކަމަށް ބެލެވޭ ހަރުހަރާއި، ލޯވަޅުތައް ބަންދުކުރެއްވިއެވެ. އެއަށްފަހު ބޭރަށް ނިކުމެވަޑައިގެން ކައުސާހިބާ ސައްލަﷲ އަލައިހި ވަސައްލަމަ ގޮވައިގެން ހޮހަޅަޔަށް ވަދެވަޑައިގެންނެވިއެވެ. ދެބޭކަލުން ހޮހަޅައިގައި ހަމަޖެހިވަޑައިގެންނެވިއެވެ.
ކައުސާހިބާ ސައްލަﷲ އަލައިހި ވަސައްލަމަގެ ގަނޑުވަރުންނާއި އަބޫބަކުރައްޞިއްދީޤުގެ ގެކޮޅުން ތިމާމެންގެ މުރާދު ހާސިލު ނުވުމުން ވެސް ޤުރައިޝުން އުންމީދު ކަނޑައެއްނުލިއެވެ. ކައުސާހިބާ އާއި އަބޫބަކުރުގެފާނާ ދެބޭކަލުން ހޯދަން ފަރާތްފަރާތަށް މީހުން ފޮނުވިއެވެ. އެއިން ކޮންމެ ބަޔަކާ އެކުވެސް ހަތިޔާރުހިފި ގެމައެއް ފޮނުވިއެވެ. އެދެބޭކަލުންކުރެ ބޭކަލަކު ޝަހީދުކޮށްލައިގެން ނުވަތަ ހައްޔަރުކޮށް ނަމަވެސް ގެނެސްދިން މީހަކަށް ސަތޭކެ ޖަމަލު ދޭނެކަން އިއުލާންކުރިއެވެ. ހޯދަންނިކުތްމީހުންގެ ތެރެއިން އެއް ޖަމާއަތެއް ޘައުރުފަރުބަދައިގެ ކައިރިޔަށްވެސް ދިޔައެވެ. އެބައިމީހުންގެ އަސްތައް ކަޑަބޮއްޖަހަމުން އަންނަ އަޑު ހޮހަޅައިގެ ދެމިތުރުންނަށް ސާފުކޮށް އިވިވަޑައިގެންނެވިއެވެ. ހިނދުކޮޅަކަށްވުރެ ހިނދުކޮޅެއް އެއަޑު އައީ ކައިރިވަމުންނެވެ. ނުރައްކާތެރިކަން އިތުރުވަމުންނެވެ.
އަބޫބަކުރައްޞިއްދީޤުގެ ހިތްޕުޅުވަނީ ތެދުވެރި އީމާންކަމަކުން އާރާސްތުވެފައެވެ. އެހެންކަމާއެކުވެސް އެކަލޭގެފާނުގެ ހިތްޕުޅަކީ އާދަމުގެދަރިއެއްގެ ހިތްޕުޅެކެވެ. ކުރިމަތިވެފައިވާ ނާޒުކުހާލަތް ހިތްޕުޅަށް ގެންނެވޭގޮތްވުމުން އެކަލޭގެފާނަށް ޖެހިލުންވެ ވަޑައިގެންނެވިއްޖެއެވެ. ނަމަވެސް ކައުސާހިބާ ސައްލަﷲ އަލައިހި ވަސައްލަމަގެ ހިތްޕުޅުވަނީ ނުބުއްވަތުގެ ނޫރުން ނޫރުލެވިގެންނެވެ. ނުރައްކަލާއި ބިރުވެރިކަން ފޯރާ ވަރަށްވުރެ މާއުހުގައި މާމަތިވެރި މަޤާމެއްގައެވެ. އިތުރުސާހިބާ އެކަލޭގެފާނުގެ ހޮހަޅައިގެ މިތުރާއަށް ޙަދީޘް ކުރެއްވިއެވެ. "ހިތާމަ ނުކުރައްވާށެވެ! މާތްﷲ ވޮޑިގެންވަނީ އަޅުގަނޑުމެންނާއެކުގައެވެ." އަދިވެސް ޙަދީޘް ކުރެއްވިއެވެ. "އެދެމީހުންނާއެކު ތިންވަނަޔަށް ﷲ ވޮޑިގެންވާ ދެމީހަކާ މެދު ކަލޭގެފާނު ދެކެވަޑައިގަންނަވަނީ ކޮން ގޮތަކަށްތޯ އެވެެ؟". އިތުރުސާހިބާގެ މިވާހަކަފުޅުން ސިއްދީޤުލް އަކުބަރުގެ ބިރުފުޅުފިލައިފިއެވެ. ހިތްޕުޅަށް ހަމަޖެހުމާއި ޔަޤީންކަން ލިބިވަޑައިގެންފިއެވެ.
އާދެ، އަރަހުށި މާތްﷲ އެދެބޭކަލުންގެ ހިތްޕުޅަށް ހަމަޖެހުމާއި އަމާންކަން ބާވައިލެއްވިއެވެ. އިންސާނީ ލޯތަކަށް ނުފެންނަ ލަޝްކަރުތަކުން ގަދަކަން ދެއްވިއެވެ. ކާފިރުވިމީހުންގެ ބަސް އެންމެ ދަށްވެގެންވާ ބަސްކަމުގައި ލެއްވިއެވެ. ﷲގެ ބަސްފުޅު އެއީ އެންމެ މަތިވެރިވެގެންވާ ބަސްފުޅުކަމުގައި ލެއްވިއެވެ. ﷲ އީ އަޒީޒުވަންތަ ޙަކީމުވަންތަ ރަސްކަލާނގެއެވެ.
ދުޝްމިނުން ޘައުރުފަރުބަދައިގެ އެތަން މިތަން ރަނގަޅަށް ހޯދައިބެލިއެވެ. ނަމަވެސް އެފަރުބަދައިގެ ހޮހަޅަޔަށް ވަންނާކަށެއް އެމީހުން ފިކުރެއް ނުކުރިއެވެ. އެހެނީ އެހޮހަޅައިގައި ބަޔަކަށް ފިލައިތިބެވިދާނެކަމަކަށް އެމީހުންގެ ހިތްތަކަކަށް ނުގެނެވުނެވެ. އެހޮހަޅައިގައި ބަޔަކު އުޅެފާނެކަމުގެ ލިސާނެއްވެސް ނުފެނުނެވެ. އެހިސާބަކަށް ވިސްނުމެއް ނުފޯރުވުނެވެ. އެޣާފިލުކަމުގެ ސަބަބުން އެމީހުންނަށް ޖެހުނީ މުރާދު ޙާޞިލުނުވެ ނާކާމިޔާބުވެގެން އެނބުރިދާށެވެ.
ކަން ކަންދުރާލައި ރޭއްވެވުމަކީ ކައުސާހިބާ ސައްލަﷲ އަލައިހި ވަސައްލަމުގެ ވަރަށް ރީތި ސުންނަތެކެވެ. ކުރީންވެސް ދެންނެވިފަދައިން އެމާތްސާހިބާ ވަނީ ހިޖްރައިގެ މަޝްރޫޢު ވަރަށް ފުރިހަމަޔަށް ރާއްވަވައިފައެވެ. ދަތުރުފުޅުގެ މަގުތައް އައްޔަންކުރައްވައި އާރުކާޓީއަކު ހަމަޖައްސަވައިފައެވެ. ވަންހަނާވެވަޑައިގެން ތިއްބަވާނެތަނަކާއި ފަރީއްކުޅުއްވާނެގޮތް ހަމަޖެއްސެވުން ޕްރޮގްރާމްގައި ހިމަނުއްވައިފައެވެ. ކައުސާހިބާގެ އިރުޝާދާއެއްގޮތަށް އެހުރިހައިކަމެއް އިންތިޒާމުކުރައްވައި ބެލެހެއްޓެވީ ސިއްދީޤުލްއަކްބަރެވެ. އެހުރިހައިކަމެއްވަނީ އެންމެ މަތީ ދަރަޖަޔަށް ސިއްރުކުރެވިފައެވެ. ސިއްދީޤުލްއަކްބަރުގެ އާއިލާގެ ދެތިން މެމްބަރަކު ފިޔަވައި އެހެން އެކަކަށްވެސް އެއިންކަމެއް އެނގިފައެއް ނުވެއެވެ. އެކިކަންކަމާ ހަވާލުކުރެވުނު ފަރާތްތަކުން އެފަރާތްތަކުގެ ދައުރު އަދާކުރީ ވަރަށް ފުރިހަމައަށެވެ. އެހެންކަމުން އެއިން އެއްވެސް ކަމެއް ޤުރައިޝުންނަކަށް ރޭކާވެސްނުލިއެެވެ.
ދުޝްމިނުންގެ ގަސްދު އޮންނަ ގޮތަކާއި އެބައިމީހުންގެ ހަރަކާތްތައް ހުންނަ ނުހުންނަގޮތް އެނގިފައި އޮތުމަކީ ވަރަށް ބޭނުންތެރި ޙިކުމަތުއަމަލީއެވެ. ޢަސްކަރީ ގޮތުން ވެސް އިންތިހާޔަށް ބޭނުންތެރިކަމެކެވެ. މައްކާގެ "ފިނިހަނގުރާމައިގެ" ދުވަސްވަރުވެސް މަދީނާގެ ސީދާ އަސްކަރީ ކުރިމަތިލުންތަކުގައިވެސް އިތުރުސާހިބާ އެކަމަށް ޚާއްޞަ އިސްކަމެއް ދެއްވިއެވެ. އެގޮތުން ކައުސާހިބާ ސައްލަﷲ އަަލައިހި ވަސައްލަމަ ހިޖްރައިގެ ދަތުރުފުޅުގައި ޘައުރުފަރުބަދައިގެ ހޮހަޅައިގައި ތިއްބެވިއިރު ވެސް ޤުރައިޝުންގެ ރޭވުންތަކާއި އެމީހުންގެ ހަރަކާތްތަކުގެ މައުލޫމާތު ބަރާބަރަށް ހޯއްދެވިއެވެ. އެމަސައްކަތް ހަވާލު ކުރައްވައިފައިވަނީ ކުރީންވެސް ދެންނެވި ފަދައިން ސިއްދީޤުލްއަކްބަރުގެ ޒުވާން ދަރިކަލުން އަބްދުﷲ އާއެވެ. އަބްދުﷲ ރޭގަނޑު ހޭދަކުރައްވަނީ ހޮހަޅައިގައެވެ. ފަތިހު މޫނު އަނދިރިކަން ހުއްޓައި މައްކާއަށް އަރައިވަޑައިގެން ދުވާލު ހޭދަކުރައްވަނީ ޤުރައިޝުންގެ ތެރޭގައެވެ. އެމީހުން ދައްކާ ހުރިހާ ވާހަކަތަކަކަށް ކަންފަތްޕުޅުދެއްވައެވެ. ކުރާހުރިހައިކަމެއްގެ ހޯހިރިބައްލަވައެވެ. އިރުއޮއްސި މީހުންގެ ފައިހިލަވަޅު އޮބުމުން ހޮހަޅަޔަށް ވަޑައިގެން ކައުސާހިބާއަށް ހުރިހާ ތަފްސީލުތަކެއް ވިދާޅުވެދެއްވައެވެ. އަބްދުﷲ ވަޑައިގަންނަވާއިރު އެކަލޭގެފާނުގެ އުޚުތު އަސްމާވެސް ފަރީއްކޮޅުހިއްޕަވައިގެން ވަޑައިގަންނަވައެވެ. ޢާމިރުބިން ފުހައިރާ ރަޟިޔަﷲ އަންހު އެދެބީނުންގެ ފިޔަވަޅުފުޅުތަކުގެ މަތީން ބަކަރިތަށް ގެންދަވައި ފިޔަވަޅުފުޅުގެ ނިޝާން ފޮރުވައިލައްވައެވެ.
ކައުސާހިބާ ސައްލަﷲ އަލައިހި ވަސައްލަމަ އާއި އަބޫބަކުރުއްޞިއްދީޤު ރަޟިޔަﷲ އަންހު އާ ދެބޭކަލުން ޘައުރުފަރުބަދައިގެ ހޮހަޅައިގައި ތިންރޭ (ހުކުރު، ހޮނިހިރު، އާދިއްތަ) ހޭދަކުރެއްވިއެވެ. ދުނިޔޭގެ މީސްތަކުންގެ ލޯތަކަށް ވަންހަނާވެ ވަޑައިގެންނެވެ، ނަމަވެސް އެބޭކަލުން ޙިމާޔަތްކުރައްވައި ރައްކާތެރިކޮށްދެއްވާ މަތިވެރިވަންތަ ﷲ ގެ އިނާޔަތާއި ބެއްލެވުމުގެ ދަށުގައެވެ. އެކަލާނގެ އެދެބޭކަލުންގެ މުނިއަވަސް ފިލުއްވައިދެއްވިއެވެ.
(ނުނިމޭ)