ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އެމްޑީޕީގެ ފަރާތުން ކުރިމަތިލާނެ ކެންޑިޑޭޓުން ހޮވުމަށް، އަންނަ ހުކުރުދުވަހު ބާއްވާ ޕްރައިމަރީގެ ވޯޓުލުން ކުރިޔަށް ދާނީ މެންދުރުފަހު 1430 އިން ފެށިގެން ރޭގަނޑު 2030އަށް ކަމަށް އެޕާޓީން ބުނެފިއެވެ.
އެމްޑީޕީން މިއަދު ބޭއްވި ނޫސްވެރީންގެ ބައްދަލުވުމުގައި އެޕާޓީގެ ނައިބު ރައީސް މުހައްމަދު ޝިފާޒު ވިދާޅުވީ އެމްޑީޕީގެ ފަރާތުން ވޯޓުލުމުގެ ހައްގު ލިބިގެންވާ 89،091 މެންބަރުން އެބަތިބި ކަމަށާއި އެ ހުރިހާ އެންމެންވެސް ވޯޓުލާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.
ހުކުރު ދުވަހު ވޯޓުލުން ކުރިއަށްދާއިރު ރާއްޖޭގައި 270 ވޯޓު ފޮށި ބަހައްޓާނެ ކަމަށް ޝިފާޒު ވިދާޅުވިއެވެ.
ރާއްޖޭގެ އިތުރުން ޓްރިވެންޑްރަމް އާއި ސްރީ ލަންކާ އަދި މެލޭޝިއާގައިވެސް ވޯޓު ފޮށި ބެހެއްޓުމަށް ނިންމާފައިވާ ކަމަށް ޝިފާޒު ވިދާޅުވިއެވެ.
ޝިފާޒު ވިދާޅުވީ މިއަހަރުގެ އިންތިހާތަބަކީ އަމާން އިންތިހާބަކަށް ހެދުމަށް ހުރިހާ ފަރާތްތަކުންވެސް މަސައްކަތް ކުރާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ. އަދި ޕާޓީ ކުރިޔަށް ދާނީ ކެންޑިޑޭޓުންގެ ގޮތުގައި ޕާޓީގެ މެންބަރުން ދައްކާ ބަޔަކާ އެކުގައި ކަމަށް ވެސް ޝިފާޒް ވިދާޅުވި އެވެ.