ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އެމްޑީޕީގެ ފަރާތުން ކުރިމަތިލާނެ ކެންޑިޑޭޓުން ހޮވުމަށް، އަންނަ ހުކުރުދުވަހު ބާއްވާ ޕްރައިމަރީގެ ވޯޓުފޮށިތަކާ ހަވާލުވާނެ ފަރާތްތައް މިއަދު ހާމަކޮށްފިއެވެ.
އެމްޑީޕީން ބުނީ ވޯޓު ފޮށިތަކުގެ އިސްވެރީންނަށް ހަމަޖައްސާފައިވަނީ އެމްޑީޕީ އަށް ނިސްބަތްވާ މިނިސްޓަރުންނާއި ނައިބުންނާއި ސްޓޭޓް މިނިސްޓަރުންނާއި އެމްޑީޕީއަށް ނިސްބަތްވާ ސަރުކާރު ކުންފުނިތަކުގެ ވެރިންފަދަ ސިޔާސީ ބޭފުޅުން ކަމަށެވެ.
އޭގެއިތުރުން ޕްރައިމަރީއަކާ ނުލައި ޓިކެޓު ލިބޭނެ 10 ދާއިރާގެ ކެންޑިޑޭޓުންގެ ތެރެއިން ބައެއް ފަރާތްތަކާއި ޤައުމީ މަޖިލީހުގެ ބައެއް މެންބަރުން ވޯޓްފޮށިތަކާ ހަވާލުވާނެ ކަމަށް ބުނެފައި ވެއެވެ.
އަދި އިސްފަރާތަކާބެހޭ ޝަކުވާއެއް އޮތްނަމަ، އިސް ފަރާތްތަކުގެ ލިސްޓުގައި ބޯލްޑްކޮށްފައި ހުރި އިސްފަރާތް މެދުވެރިކޮށް މައްސަލަ ހައްލުކުރުމަށް އެމްޑީޕީން ވަނީ އެދިފައެވެ.
އެމްޑީޕީގެ ފަރާތުން 77 ދާއިރާއެއްގެ މަޖިލިސް ޕްރައިމަރީ ބޭއްވުމަށް ވަނީ ނިންމައިފައެވެ. މި ޕްރައިމަރީގައި އަށްޑިހަ ހަތަރު ހާހަށްވުރެ ގިނަ މީހުން ވޯޓްލާނެ ކަމަށް އެމްޑީޕީން މިއަދު ވަނީ ބުނެފައެވެ.