އިބްރާހިމް ޒަކީ
ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހަށް ކުރިމަތިލައްވަން ނިންމަވާފައިވާ، ކުރީގެ ރައީސް މުހައްމަދު ނަޝީދަށް، ރައްޔިތުންގެ މަޖިލީހުގައި ވާދަ ނުކުރެވޭގޮތަށް، ދިއްދޫ ދާއިރާގެ މެންބަރު އަބްދުއްލަތީފް މުހައްމަދު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި ބިލް މަޖިލީހަށް ބަލައިގަތަ ނުދޭނެ ކަމަށް އެމްޑީޕީން ބުނެފި އެވެ.
މި ބިލާ މެދު އެމްޑީޕީން ދެކޭގޮތް ހާމަ ކުރަން މިއަދު ބޭއްވި ނިއުސްކޮންފަރެންސްގައި ވާހަކަ ދައްކަވަމުން އެމްޑީޕީގެ ޗެއަޕާސަން ހަސަން ލަތީފް ވިދާޅުވީ، އެ ބިލަކީ ސީދާ ރައީސް ނަޝީދަށް އަމާޒު ކޮށްފައިވާ ބިލެއް ކަމަށް އެމްޑީޕީން ދެކޭ ކަމަށެވެ. އަދި ސަރުކާރު ކޯލިޝަންގައި ހިމެނޭ ޕާޓީއެއްގެ އެމްޕީ އަކު އެފަދަ ބިލެއް ހުށަހެޅުއްވީތީ ކަނބޮޑުވާކަމަށްވެސް ވިދާޅުވި އެވެ.
އަދި އެއީ މަޖިލީހަށް ބަލައިގަނެގެންވާނެ އިސްލާހެއް ނޫން ކަމަށާއި އެމްޑީޕީން އެ އިސްލާހް މަޖިލީހަށް ބަލައިގަތަ ނުދޭނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
ހަސަން ލަތީފު ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމަށް ކުރިމަތިލެވޭ ޝަރުތުތަކާއި، މަޖިލީހުގެ މެންބަރު ކަމުގައި ހުންނެވޭ ޝަރުތުތައް ގާނޫނު އަސާސީގައި ސާފުބަހުން ބަޔާންކޮށްފައިވާ ކަމަށެވެ. އަދި ހަމަ އެ ޝަރުތުތައް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ގާނޫނުގައިވެސް ވަނީ ބަޔާން ކޮށްފަ އެވެ. އެހެންކަމުން މަޖިލިސް އިންތިހާބުގެ ގާނޫނަށް އިސްލާހް ގެނައުމަށް ހުށަހެޅި ބިލަކީ ޤާނޫނުއަސާސީއާ ވެސް ހިލާފު ބިލެއް ކަމަށް އޭނާ ވިދާޅުވި އެވެ.
"ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމަށް ކުރމަތިލާއިރު ހުންނަންޖެހޭ ޝަތުރު ތަކާއި މެންބަރު ކަމުގައި ހުންނައިރު ހަމަވަންޖެހޭ ޝަރުރުތައް ގާނޫނުއަސާސީގެ 73 ވަނަ މާއްދާގައި ވަނީ ބަޔާންކޮށްފަ. އަދި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާބެހޭ ގާނޫނުގައިވެސް ހަމަ އެ ޝަރުތުތައް ބަޔާންކޮށްފައިވާނެ. އެހެންކަމުން އެއީ ޤާނޫނުއަަަސާސީއާ ހިލާފު އިސްލާހެއް. އެއީ ޤާނޫނުއަސާސީގައި ސާފުކޮށް ކަމެއް ބަޔާންކޮށްފައި، އަދި ޤާނޫނުގައި އެކަންތައް ބަޔާންކޮށްފަ އޮތަސް އެއަށް އުނި އިތުރު ގެނެވޭނީ ޤާނޫނުއަސާސީ އިސްލާހް ކޮށްގެން. އެހެންކަމުން އެ އިސްލާހް މަޖިލީހަށް ބަލައިގަނެގެންވެސް ނުވާނެ،" ހަސަން ލަތީފު ވިދާޅުވި އެވެ.
ހަސަން ލަތީފު ވިދާޅުވީ، މެންބަރު ލަތީފުގެ އިސްލާހު އަނބުރައި ގެންދިއުމަަށް ޖޮއިންޓް ޕާލިމެންޓްރީ ގުރޫޕުން (ޖޭޕީޖީ)ގެ ލީޑަރު އަބްދުﷲ ރިޔާޒު އެންގެވުމުން އެކަމާ ހިތްހަމަޖެހިވަޑައިގަންނަވާ ކަމަށާއި، އެ އިސްލާހަކީ ސަރުކާރު ހިންގާ ކޯލިޝަންގެ ޖޮއިންޓް ޕާލަމެންޓް ގްރޫޕާ ގުޅުން އޮތް އިސްލާހެއް ނޫންކަން އެކަމުން އެނގޭ ކަމަށެވެ. އަދި ޖޮއިންޓް ޕާލަމެންޓް ގްރޫޕުން ކަމެއް ކުރާނަމަ އެކަމެއް ހިންގަނީ މަޝްވަރާ ކުރެވިގެން ކަމަށްވެސް ވިދާޅުވި އެވެ.