ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އަމިއްލަ ފަރުދުންނަށް ދޭ ބައެއް ހިދުމަތްތައް ގާކޮށީގައި ހުންނަ އެ ބޭންކުގެ ކަސްޓަމާ ސާވިސް ސެންޓަރަށް ބަދަލުކޮށްފި އެވެ.
ބީއެމްއެލުން މިއަދު ކުރި އިއުލާނެއްގައި ބުނީ އަމިއްލަ ފަރުދުންނަށް މެއިން ބްރާންޗުގެ ދެވަނަ ފަންގިފިލާއިން ދެމުންދިޔަ ބައެއް ހިދުމަތްތައް އަންނަ މަހުގެ ތިންވަނަ ދުވަހުން ފެށިގެން ލިބޭނީ މާލޭ ސްކޮޔާ (ގާކޮށި)ގައި ހުންނަ އެއްވަނަ ފަންގިފިލާގައި ހުންނަ އެ ބޭންކުގެ އެކައުންޓް އޯޕަނިން ސެންޓަރުން ކަމަށެވެ.
ބީއެމްއެލުން ބުނީ، މި ހިދުމަތްތައް ހޯދުމަށް ކިއުބީ އެޕް މެދުވެރިކޮށް ޓޮކަން ނަގަން ޖެހޭނެ ކަމަށެވެ. ގާކޮށީގައި އަމިއްލަ ފަރުދުން ބޭންކް އެކައުންޓު ހުޅުވުމަށާއި ލޯނަށް އެދި ހުށަހެޅުމަށް ހާއްސަ ސެންޓަރެއް ބީއެމްއެލުން ހުޅުވީ މިއަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގަ އެވެ.