އެމެރިކާގެ ރައީސްކަމާ ޖޯ ބައިޑެން ހަވާލުވާ ތާރީޚު މިހިރަގެން ކައިރިވަނީއެވެ. ދެން އޮތީ މަހެއްހައި ދުވަހެވެ. ތާރީޚަކީ ޖެނުއަރީ ވިހިވާ ބުދަ ދުވަހެވެ. އެއީ އެމެރިކާ އާއި މުޅި ދުނިޔެ ގަޑުބަޑުކޮށްލި ޑޮނަލްޑް ޓްރަމްޕު ވައިޓް ހައުސްއިން ނިކުންނަ ދުވަހެވެ. ނުވަތަ ނުކުންނަން ޖެހޭ ދުވަހެވެ. ބައެއް މީހުން ގަބޫލުކުރާ ގޮތުގައި ވައިޓް ހައުސްއިން ޓްރަމްޕު ނުނިކުންނާނެއެވެ. އެތާގައި ދެމިހުރުމަށްޓަކައި ގަލަކަށްފަހު ގަލެއް ޓްރަމްޕާއި އޭނާގެ ބައިވެރިން ގެންދަނީ ފުރޮޅަމުންނެވެ.
ވައިޓް ހައުސް އިން ޓްރަމްޕު ނުކުތަސް ނުނިކުތަސް އޭނާގެ ވެރިކަން ޖެނުއަރީ ވިހިވަނަ ދުވަހު ނިމޭނެއެވެ. ރިޔާސީ އިންތިޚާބު ނިމި އާ ރައީސް ހުވާކުރުމާ ދެމެދު ފުރިހަމަވާންޖެހޭ ހުރިހާ އިޖުރާއަތެއް ވެސް އެހެރަގެންދަނީ ފުރިހަމަވަމުން ނިމެމުންނެވެ. އިލެކްޓޯރަލް ކޮލެޖުގެ ވޯޓުތައް އަޅައި ނިމިއްޖެއެވެ. ނަތީޖާ ވެސް ކަށަވަރުވެއްޖެއެވެ. ހުރިހާ ސްޓޭޓްތަކުން ނަތީޖާ ކަށަވަރުކޮށް ސިލްޖަހައިފިއެވެ. މިހާރު ދެން ފުރިހަމަނުވެ ބާކީއޮތީ އެންމެ ކަމެކެވެ. އެކަންވެސް ޖެނުއަރީ މަހުގެ ހަވަނަ ދުވަހު ނިމޭނެއެވެ. އެއީ ހުވާކުރުމުގެ ކުރިން ނިމެންޖެހޭ އެންމެ ފަހު މަރުހަލާއެވެ.
ޖެނުއަރީ ހަވަނަ ދުވަހަކީ ގާނޫނު ހަދާ މަޖިލީހުގެ ތިރީގެޔާއި މަތީގޭގެ މެންބަރުން އެއްތަންވެ އިލެކްޓޯރަލް ވޯޓުތައް ގުނައި ޔަގީންކޮށް ރަސްމީގޮތުން އާ ރައީސްގެ ނަން އިއުލާންކުރާ ދުވަހެވެ. ސެނެޓުގެ ރިޔާސަތު ބަލަހައްޓާ މީހާގެ ގޮތުން އާ ރައީސްގެ ނަން އިއުލާން ކުރާނީ ނައިބު ރައީސް މައިކް ޕެންސްއެވެ. މި ރަސްމިއްޔާތު ގަޑުބަޑުކޮށްލުމަކީ ޓްރަމްޕުގެ މިހާރުގެ އަމާޒެވެ. އެކަމަކު އެތާކުން ސެނެޓަރެއް މިތާކުން ސެނެޓަރެއް ކުޑައިކޮށް އަޑުގަދަކޮށްލުން ފިޔަވައި އެހެން ކަމެއް ކުރެވޭކަށްނެތެވެ. ދެ ގެ އެއްކޮށްލީމާ އަގުލަބިއްޔަތު އޮތީ ޑިމޮކްރެޓުންނަށެވެ.
ކަންއޮތީ އެހެންކަމަށް ވިޔަސް ދެ މަޖިލީހުގައި ވެސް ޓްރަމްޕަށް ތަބާވާ މެންބަރުން އެބަ ތިއްބެވެ. އެހެންވީމާ އޮޅުވާލި ވޯޓޭ ކިޔައިގެން ކަންތައްތަކެއް ކުރާން އުޅޭނެއެވެ. މިހާރު ޓްރަމްޕުގެ މަސައްކަތަކީ މަޖިލިސް ގަޑުބަޑުކުރާން މެންބަރުން ރުއްސުމެވެ. އިވޭގޮތުން މިކަމާ ރިޕަބްލިކަން ޕާޓީގެ ސީނިއާ ލީޑަރުން ދެކޮޅެވެ. އޭގެތެރޭގައި ސެނެޓުގެ މެޖޯރިޓީ ލީޑަރު މެކޮނެލް ހިމެނެއެވެ. އޭނާ ވަނީ ޓްރަމްޕުގެ ދަންތުރައިގައި ނުޖެހި ތިބުމަށް މަޖިލީހުގެ ރިޕަބްލިކަން ޕާޓީއަށް ނިސްބަތްވާ އެހެން މެންބަރުންނަށް އިލްތިމާސް ކުރައްވައިފަ އެވެ.
އެމެރިކާގެ ރައްޔިތުން ނޮވެމްބަރު ތިންވަނަ ދުވަހު ނުކުމެ އާ ރައީސަކު ހޮވާން ވޯޓު ދިންތާ މިހާރު ދޮޅުމަސްވީއެވެ. ނަތީޖާ ސާފުވީއްސުރެ ދޫނުކޮށް ޓްރަމްޕުގެ ވާހަކަޔަކީ ވޯޓު އޮޅުވާލި ވާހަކަޔާއި އިންތިޚާބުގައި ކުރި ލިބުނީ އޭނާއަށް ކަމުގެ ވާހަކައެވެ. ރިޕަބްލިކަން ޕާޓީގެ ތެރޭގައި މިވާހަކަ ގަބޫލުކުރާ މީހުން މަދެއް ނޫނެވެ. ރިޕަބްލިކަން ޕާޓީއަށް ތާއީދުކުރާ އަދި ވޯޓުދޭ މީހުންގެ ތެރޭގައި ވެސް ޓްރަމްޕުގެ މި ދައުވާތަައް ގަބޫލުކުރާ މީހުން މަދެއް ނޫނެވެ. މިސަބަބަށްޓަކައި ޓްރަމްޕާ ދެކޮޅު ނުހަދައި ހިމޭންކަން އިޚުތިޔާރު ކޮށްގެން ތިބި ލީޑަރުން އެބަތިއްބެވެ.
ނައިބު ރައީސް މައިކް ޕެންސަކީ ވެސް މިގޮތަށް ހިމޭންކަން އިޚުތިޔާރު ކުރި ލީޑަރެކެވެ. ޖެނުއަރީ ހަވަނަ ދުވަހު އޮންނަ އެއްވުމުގައި ނަތީޖާ އިއުލާންކޮށް ޖޯ ބައިޑެންއަށް މަރުހަބާ ކިޔުމަކީ މައިކް ޕެންސަށް ގާނޫނީ ގޮތުން ލާޒިމް ކަމެކެވެ. އޭނާއަކީ ޓްރަމްޕުގެ ނާއިބު ކަމަށް ވިޔަސްމެއެވެ. އެކަން މަޖުބޫރެވެ. އަަޑުއިވޭ ގޮތުން މައިކް ޕެންސް ވަނީ މަޖިލީހުގެ ޖަލްސާއަށްފަހު ރަސްމީ ދަތުރެއްގައި އަވަސް އަވަހަށް މެދުއިރުމައްޗާއި ޔޫރަަޕަށް ފުރާން ނިންމައިފައެވެ. އާ ރައީސަކީ ބައިޑެން ކަމަށް އިއުލާން ކުރުމުގެ ސަބަބުން އަތުވެދާނެ ނުރުހުމުގެ އޮއިވަރުން ސަލާމަތް ވުމަށްޓަކައެވެ.
އެމެރިކާގެ ރިޔާސީ އިންތިޚާބުގައި ޓްރަމްޕު ބަލިވީ ބޮޑު ތަފާތަކުންނެވެ. ފަހުގެ ތާރީޚުގައި މަގާމުގައި ހުރި ރައީސަކު ބަލިނުވާހާ ހުތުރު ލަދުވެތި ބަލިވުމަކުންނެވެ. އެކަމަކު ނަތީޖާ ގަބޫލުކުރުމެއް ނެތެވެ. ދެމިހުރެވޭތޯ ގަދައަޅަނީ ވައިޓް ހައުސްގައެވެ. އިންތިޚާބުގެ ނަތީޖާ އަނބުރާލުމަށްޓަކައި އެކި ކޯޓުތަކަށް ހުށައެޅި މައްސަލަތައް ވެސް އެކޯޓުތަކުން ބޭރުކޮށްލައިފިއެވެ. އެންމެފަހުން ސުޕްރީމް ކޯޓުން ވެސް ޓްރަމްޕުގެ މަސައްކަތަށް ނޫނެކޭ ބުނެފިއެވެ. ސުޕްރީމް ކޯޓަކީ އެތަނަކާމެދު ޓްރަމްޕު ވަރަށް ބޮޑު ޔަގީން ކަމެއް ގެންގުޅުނު ތަނެކެވެ.
ޓްރަމްޕުގެ ބާތިލް ދައުވާތައް ސުޕްރީމް ކޯޓުން ބޭރުކޮށްލީމާ އެކޯޓު ވެސް ޓްރަމްޕުގެ ނަޒަރުގައި ނަޖިސްވެއްޖެއެވެ. ޚާއިނުންގެ ކޯޓަކަށް ވެއްޖެއެވެ. ރައީސް އޮބާމާއަކީ ޚާއިނެކެވެ. ޖޯ ބައިޑެންއަކީ ވެސް ޚާއިނެކެވެ. ޓްރަމްޕަށް މި އިންތިޚާބުގައި ނާކާމިޔާބު ވެއްޖެ ކަމަށް ބުނާ ކޮންމެ މީހަކީ ޚާއިނެކެވެ. އެކަމަކު ހަގީގަތްވާނީ ހަގީގަތަށްތާއެވެ. އިންތިޚާބުގައި ޓްރަމްޕު ހަމައެކަނި ބަލިވީއެއް ނޫނެވެ. އެމެރިކާގެ މުޅި ތާރީޚުގައި ވެސް އެންމެ ހުތުރުކަންބޮޑު އެންމެ ލަދުވެތި ބައްޔަކުން ބަލިވީ ރައީސްގެ ލަގަބު ޑޮނަލްޑް ޓްރަމްޕު ވަނީ ލިބިގެންފައެވެ.