އެމްޑީޕީގެ މަޖިލީހުގެ ޕްރައިމަރީގައި ވޯޓު ފޮށިތައް ބެލެހެއްޓުމުގައި އެމްޑީޕީއަށް ނިސްބަތްވާ މިނިސްޓަރުންވެސް ހަރަކާތްތެރިވާނެ ކަމަށް އެމްޑީޕީގެ އިންތިހާބީ ކޮމިޓީއިން ނިންމައިފި އެވެ.
އެމްޑީޕީގެ އިންތިހާބީ ކޮމިޝަނުން ވަނީ މިފަހަރުގެ ޕްރައިމަރީގައި އެމްޑީޕީއަށް ނިސްބަތްވާ މިނިސްޓަރުންނާއި ނައިބުންނާއި ސްޓޭޓް މިނިސްޓަރުންނާއި އެމްޑީޕީއަށް ނިސްބަތްވާ ސަރުކާރު ކުންފުނިތަކުގެ ވެރިންފަދަ ސިޔާސީ ބޭފުޅުން މި މަސައްކަތުގައި އަމަލީގޮތުން ބައިވެރިކުރުމަށް ނިންމައިފައެވެ. އެމްޑީޕީގެ އިންތިހާބީ ކޮމިޝަނުން މިގޮތަށް ނިންމާފައިވަނީ ޕާޓީގެ ޕްރައިމަރީގައި ޕާޓީގެ އިސްވެރިންނާއި ދާއިރާތަކުގެ ރައީސުން ކުރިމަތިލުމުގެ އިތުރުން އެބޭފުޅުން ވަކި ކެންޑިޑޭޓަކަށް ތާއިދު ކޮށްފައިވުމުގެ ސަބަބުން ވޯޓުފޮށި ބެލެހެއްޓުމުގައި އިތުރު މަސްއޫލުވެރިން ނެގުމުގެ ގޮތުންނެވެ. މީގެ އިތުރުން ޕްރައިމަރީއަކާ ނުލައި މަޖިލީހަށް ވާދަކުރުމަށް އެމްޑީޕީގެ ޓިކެޓު ލިބިފައިވާ 10 ދާއިރާގެ ކެންޑިޑޭޓުންވެސް ޕްރައިމަރީގެ ކަންކަމުގައި ބައިވެރިކުރުމަށް ވަނީ ނިންމައިފައެވެ.
މަޖިލީހުގައި އެމްޑީޕީގެ ޓިކެޓުގައި ވާދަކުރާނެ ކެންޑިޑޭޓުން ކަނޑައެޅުމަށް ބާއްވާ ޕްރައިމަރީ ކުރިއަށް ގެންދިއުމަށް ހަމަޖައްސައިފައިވަނީ މިމަހު 18 ވަނަ ދުވަހުއެވެ. މިފަހަރު އެމްޑީޕީ ޕްރައިމަރީގައި 269 ފޮށި ބެހެއްޓުމަށް ވަނީ ހަމަޖައްސައިފައެވެ.