ޝަހީދާ އަބްދުﷲ ސައީދު
19 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލިބިއްޖެނަމަ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު، ވެވަޑައިގެންނެވި ވައުދުތައް ފުއްދުމަށް ބޭނުންވާ ގާނޫނީ ބާރުތައް ގެންނާނެ ކަމަށް މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ (އިންތި) ވިދާޅުވެއްޖެއެވެ.
''ވަންއޮންލައިން''އަށް ދެއްވި އިންޓަވިއުއެއްގައި އިމްތިޔާޒު ފަހުމީ ވިދާޅުވީ މަޖިލީހުގެ މެޖޯރިޓީ އެމްޑީޕީއަށް ވަރަށް މުހިންމުވާ ސަބަބުތަކެއް އެބަހުރި ކަމަށެވެ.
އެގޮތުން އެމްޑީޕީއަކީ އަބަދުވެސް ހައްގުތަކަށް ވަކާލާތުކޮށް ޑިމޮކްރަސީއަށް ވަކާލާތުކުރާ ޕާޓީއަކަށްވުމުން އެމްޑީޕީއަށް މަޖިލީހުގެ މެޖޯރިޓީ ލިބިގެންނޫނީ ރައްޔިތުންގެ އެދޭ ބަދަލު ނުގެނެވޭނެ ކަމަށް އިންތި ވިދާޅުވިއެވެ.
ގާނޫނީ ބާރުތައް ހޯދުމުގެ އިތުރުން ދައުލަތުގެ އިދާރާތަކަކީ ރައްޔިތުން އިތުބާރުކުރާ ތަނަކަށް ހެދުމާއި މިނިވަން މުއައްސަސާތަކަކީ ނުފޫޒުން އެއްކިބާވެފައިވާ ތަނަކަށް ހަދާނެ ކަމަށް އިންތި ވިދާޅުވިއެވެ.
އަދި ގާނޫނީ ބާރުތައް ހޯދުމުގައި ކުރީގެ ސަރުކާރުގައި މީހުންގެ ހައްގުތައް ނިގުޅައިގަނެވޭ ގޮތަށް ހަދާފައިވާ ގާނޫނުތަކަށް ބަދަލު ގެނައުމާއި ރިޔާސީ ކޮމިޝަނަށް ގާނޫނީ ބާރުތައް ދިނުމާއި ފަނޑިޔާރުގެ މިނިވަން ކުރުމަށް ކުރަންޖެހޭ މަސައްކަތްވެސް ކުރާނެ ކަމަށް އިންތި ވިދާޅުވިއެވެ.
''މުއައްސަސާތަކަކީ ރައްޔިތުން އިތުބާރުކުރާ ޖަވާބުދާރީ ކުރުވާ ތަނަކަށް ހަދާނަން. ފަނޑިޔާރުގެ މިނިވަންކުރުމަށް ގާނޫނަށް ގެންނަންޖެހޭ ބަދަލުތައް ގެންނާނަން. ރިޔާސީ ކޮމިޝަންތަކަށް ގާނޫނީ ބާރުތައް ގެންނާނަން. ޓެކްސްގެ ނިޒާމަށް ބަދަލުތަކެއް ގެނެވޭނެ. މީހުންގެ ހައްގުތައް ނިގުޅައިގަނެވޭގޮތަށް ހުރި ހުރިހާ ގާނޫނަކަށް ބަދަލު ގެނެވޭނެ. މިހުރިހާ ކަމެއް ކުރެވޭނީ އެމްޑީޕީއަށް މެޖޯރިޓީ ދީގެން.'' އިންތި ވިދާޅުވިއެވެ.
އިންތި ވިދާޅުވީ ސަރުކާރުގެ ވައުދުތައް ފުއްދުމަށް މިހާރު ގާނޫނުތައް ހުރި ގޮތުން ދަތިތަކެއް އެބަހުރި ކަމަށެވެ. އަދި ކުރީގެ ސަރުކާރަށް މަޖިލީހުގެ މެޖޯރިޓީ ލިބުމުން ގާނޫނުތައް ބަދަލުކޮށް ހައްގުތައް ނިގުޅައިގެންފައިވާތީ، އެކަން މިސަރުކާރަށް ބަދަލުކުރެވެން އޮތީ މަޖިލީހުގެ މެޖޯރިޓީ ލިބިގެން ކަމަށް ވެސް އިންތި ވިދާޅުވި އެވެ.