ޝައްކެއްނެތެވެ. މުސްލިމުންގެ ޒުވާން ބަޠަލު ޙައިދަރުކައްރާރާ އެރޭ މަތިކުރެއްވުނީ ވަރަށް ވަރުގަދަ އިމްތިހާނެއް ދެއްވުމަށެވެ. ކައުސާހިބާގެ ލޭފޮދަށް ފެންބޮވައިގެންފައިތިބި ދުޝްމިނުންތަކެއްގެ ކަނޑިތަކުގެ މިޔަމަތީގައި ކައުސާހިބާގެ ދާންމަތިކޮޅުގައި އަވަހާރަލެއްޕެވުމަށެވެ. ދުޝްމިނުންނަށް އެބައިމީހުންގެ "ޝިކާރަ އޭގެ މަޤާމުގައިވާކަމަށް" ހީކުރުވުމަށްޓަކައެވެ. ދެވަނަކަމަކީ އިތުރުސާހިބާގެ އަތްޕުޅުގައި މީހުން ބަހައްޓައިފައި ހުރި އަމާނަތްތައް އެތަކެތީގެވެރީންނަށް ރައްދުކުރެއްވުމެވެ.
ވިސްނައިލާން ޖެހޭކަމެކެވެ. މައްކާގެ އަހްލުވެރީން ތިބީ އިތުރުސާހިބާގެ ލޭފޮދަށް ފެންބޮވައިގެންފައެވެ. އިސްލާމީ ތަހްރީކުދެކެ އަންނަ ރުޅީގެ ސަބަބުންނެވެ. އެކަމަކުވެސް އެމީހުން ކައުސާހިބާގެ އަމާނަތްތެރިކަމާއި ތެދުވެރިކަން ޤަބޫލުކުރެއެވެ. ގެއްލިދާނެތީ އެމީހުން ބިރުގަންނަ އަގުހުރި ހުރިހައި އެއްޗެއްސެއް އޭރުވެސް ހުރީ އެމާތްސާހިބާގެ ޙަވާލުގައި އަމާނަތުގެ ގޮތުން ބަހައްޓައިފައެވެ. މިއީ ޝައްކަކަށް ޖާގައެއްނެތް ޙަޤީޤަތެކެވެ. މިޙަޤީޤަތުން ވެސް ސާބިތުވަނީ ޢާލަމްތަކަށް ރަހުމަތެއްކަމުގައި ފޮނުއްވި ސާހިބާގެ ތެދުވެރިކަމެވެ. އެމާތްސާހިބާގެ ނަބީކަމާއި ރަސޫލުކަމުގެ ދައުވާޢަކީ ތެދު ދައުވާއެއްކަމެވެ.
ދުވާލުގެ ދިލަހޫނާއެކު މައްކާގެ މަސްރަހުގައިވަނީ އާދަޔާ ޚިލާފު އުދާސްކަމެކެވެ. ނަމަވެސް ކައުސާހިބާ ސައްލަﷲ އަލައިހި ވަސައްލަމަގެ ހިތްޕުޅުގައި ކުޑަވެސް ޖެހިލުންވެވަޑައިގަތުމެއްނެތެވެ. ހިތާމަފުޅެއް ނުކުރައްވައެވެ. ހާސްފުޅުކަމެއް ނެތެވެ. އެމާތްސާހިބާ އަށް އުނދަގޫތައް ފަސޭހަކޮށްދެއްވައި ނަސްރުދެއްވާ މަތިވެރި ޒާތުފުޅާމެދު ހިތްޕުޅުގައި ފުރިހަމަ ޔަޤީންކަން އޮތެވެ. އިތުރުސާހިބާގެ އާދަފުޅަކަށް ކުޑަވެސް ބަދަލެއް ނުގެންނަވައެވެ. އެހެނިހެން ދުވަސްދުވަހުވެސް އާއްމުކޮށް އުޅުއްވާ އުޅުއްވުމަކަށް ތަފާތެއްނުގެންނަވައެވެ. އިތުރުސާހިބާ ސައްލަﷲ އަލައިހި ވަސައްލަމަގެ ތާހިރު ސީރަތުގެ އެންމެ ޚާއްސަ އެއްސިފަޔަކީ ނުރައްކާތެރިކަން ކިތަންމެ ބޮޑުވިޔަސް ފަސްޖެހިވަޑައިނުގެންނެވުމެވެ. އަމުދުންވެސް ޖެހިލުންވެ ވަޑައިގަތުމެއްނެތުމެވެ. އަދި ކީއްތޯއެވެ. ހަމަޖެހިވަޑައިގެން ހުންނެވުމެވެ. ހިތްޕުޅު ރަމަތަ ކުރައްވައި ސާބިތުކުރައްވައިގެން ހުންނެވުމެވެ. ފިނި ސިކުނޑި ފުޅަކުން ކަންކަން ރާއްވަވައި އިންތިޒާމު ކުރައްވަމުން ގެންދެވުމެވެ. މިދެންނެވި ހަރުދަނާ ސިފަތަކަކީ އެސިފަތަކަކާ ނުލައި ނުރައްކާތެރި ހާލަތަކާ ކުރިމަތި ނުލެވޭނެ ސިފަތަކެވެ. ވަރުގަދަ މުހިންމަތެއްގައި ކާމިޔާބު ނުހޯދޭނެ މަތިވެރި ސިފަތަކެކެވެ.
އެބިރުވެރި ދުވަހުގެ ހަވީރުވެ އިރުއޮއްސިއްޖެއެވެ. ދުވާލުގެ ކާރުބާރު ނިމުމަކަށް އަތުވެއްޖެއެވެ. މައްކާގެ ވާދީ ހަމަހިމޭންކަމާއި ކަނު އަނދިރިކަމުގެ ތެރެޔަށް ގެނބިއްޖެއެވެ. މީސްތަކުން ރޭގަނޑުގެ އަރާމަށް ތަންމަތިތައް ޚިޔާރުކުރާން ފަށައިފިއެވެ. ނަމަވެސް އާލަމްތަކަށް ރަހްމަތެއްކަމުގައި ފޮނުއްވި ސާހިބާ ދާއިމީ އަވަހާރަފުޅަކުން ރޭކުރުވަން ހޮވައިފައިތިބިމީހުން ތިބީ ހޭލައެވެ. އެބައިމީހުންތިބީ ސުންގަޑީގެ އިންތިޒާރުގައެވެ. އެބައިމީހުން ހިންގާންރާވައިފައިވަނީ ނުހަނު ނުރައްކާތެރި އަދިއެހައިމެ ނުރުހެވޭ ޖަރީމާއެކެވެ. އެކަމަށް ބޭނުންވަނީ އަނދިރިކަމެވެ. ކަޅުކަމެވެ. ފަޅުކަމެވެ. ވީހާވެސްބޮޑަކަށް މީހުންގެ ފައިހިލަވަޅު އޮބުމެވެ.
އިރާދަންހުސްވާން ކައިރިވެއްޖެއެވެ. އެއަނިޔާވެރި ހިލަހިތްތަކުގެވެރީން އެކިދިމަދިމާއިން އެބައިމީހުންގެ ހަރުތަކުން ނުކުމެގެން އައިސް ނަބަވީ ގަނޑުވަރު ޙިޞާރުކޮށްފިއެވެ. ތާރީޚުގައިފާހަގަކުރެވިފައިވާގޮތުގައި އެއަނިޔާވެރި އަބާއްޖަވެރީންނަކީ:
1. އަބޫޖަހުލު. 2. ޢުޤުބާ ބިން އަބީ މުއީޠު. 3. ނަޟަރުބުނުލް ޙާރިޘު. 4. އުމައްޔަތު ބިން ޚަލަފު. 5. އުބައްޔު ބިން ޚަލަފު. 6. ޒަމްއަތު ބުނުލް އަސްވަދު. 7. ނުބައިހު ބުނުލް ހައްޖާޖު. 8. މުނައްބަހު ބުނުލް ޙައްޖާޖު. 9. ޠުޢައިމާ ބިން އަދީ. 10. ހަކަމް ބިން އަބިލް ޢާޞު. 11. އަބޫލަހަބު. 12. އިބްނުލްޣައިޠަލާ. މިބާރަ މީހުންނެވެ.
މިލިސްޓުގެ އެންމެކުރީގައިވާ އަށްމީހުން ގަތުލުވީ ބަދުރު ހަނގުރާމައިގައެވެ.
އެންމެން ޖަމާވުމުން އިތުރުސާހިބާގެ ގަނޑުވަރަށް ވަދެގަތުމާމެދު އެމީހުން ސައްލާކުރިއެވެ. ނަމަވެސް އޭރު ގަނޑުވަރުގެތެރެއިން އަންހެން ބޭފުޅުންގެ ވާހަކަފުޅުގެ އަޑުއިވެއެވެ. އުއްމުލްމުއުމިނީން އައްސައްޔިދާ ސައުދާ އާއި، އައްސައްޔިދާ އުންމު ކުލްޘޫމާއި، އައްސައްޔިދާ ފާތިމަތުއްޒަހްރާއު އާއި އައްސައްޔިދާ އުއްމު އައިމަނުގެ އަޑުފުޅެވެ. އެ ހިލަހިތްތަކުގެވެރީންނަށް އެއަޑުފުޅުތަކުގެ ސަބަބުން ވިސްނައިލާން ޖެހުނެވެ. އޭގެތެރެއިން އެކަކު ބުންޏެވެ. "އަންހެނުންނާއި ކުޑަކުދީންވެސް ތިބިގެޔަކަށް ފާރުމަތީން އަރައިގެން ވަދެއްޖެނަމަ އަރަބީންގެ ތެރޭގައި އަބަދަށްޓަކައި އަހަރެމެން ބަދުނާމުވެދާނެއެވެ. އަންހެންބަޔެއްގެ ޚަލްވަތުގެ ތެރެޔަށް ވަންބަޔަކު ކަމުގެ ނަންލިބިދާނެއެވެ." އެމީހުން އެއްބަސްވީ އެމީހުންގެ "ސިކާރަ" ބޭރަށް ނިކުމެވަޑައިގަންނަވަންދެން އިންތިޒާރުކުރުމަށެވެ. އިތުރުސާހިބާޔަށް އެމީހުންގެ ތެރެއިން ލައްވައިފައި އެމީހުންނަށް ނޭގި ބޭރަށްވަޑައިގެންނެވިދާނެކަމަކަށް އެމީހުން ހީއެއް ނުކުރެއެވެ. އެހެންކަމުން އާލަމްތަކަށް ރަހްމަތެއްކަމުގައި ފޮނުއްވި ސާހިބާ ޝަހީދުކޮށްލުމުގެ ސައްލާގައި އެމީހުން ރޭކުރުކުރާންތިބީއެވެ. އޭރު އެމާތް ސާހިބާ ތައްޔާރު ވެވަޑައިގެންނަވަމުން ގެންދެވީ އެމާތްސާހިބާއަށްޓަކައި މާތްﷲ މިންވަރުކުރައްވައިފައިވާ ރަސްކަމުގެ ސަރިދާލޭސްމަތީގައި އާނާންދަވެވަޑައިގެންނެވުމަށެވެެ. އެންމެ މޮޅަށް ރާއްވަވާ މަތިވެރިވަންތަ މާތްﷲ ގެ ރޭއްވެވުންވަނީ އެއަނިޔާވެރި މުޖްރިމުންގެ ބުއްދިތައް އަނދައިގެންދާ ހައިވެސް އުހުގައެވެ.
ރޭގަނޑުގެ ކަނުއަނދިރިކަމާއި، ހަމަހިމޭންކަމާއި ފަރުބަދަތަކާއި ސަހަރާގެ ވެށީގެ މަޑުމަޑު ތެތްފިނިވައިރޯޅިތައް ފޮނިފޮނި ނިންޖަކަށް ނާނާކިޔަމުންދެއެވެ. ކައުސާހިބާގެ ގަނޑުވަރު ހިސާރުކޮށްގެން ތިބިމީހުން އިރުކޮޅެއްވާންދެން ތާއްޔާޖެއްސުމަށްފަހު އަރާމު ނިންޖެއްގެ ތެރެޔަށް އެމީހުން ޣަރަޤުކޮށްލިއެވެ. ކައުސާހިބާ ސައްލަﷲ އަލައިހި ވަސައްލަމަ ހުންނެވީ އެވަގުތުގެ އިންތިޒާރުގައިއެވެ. ޚައިބަރުގެ ފާތިހުގެ ގައި ކޮޅުގައި އެމާތް ސާހިބާގެ ފެހިކުލައިގެ ޙަޟުރަމީ ސާލުކޮޅުލައްވައިދެއްވައިފައި އެމާތްސާހިބާގެ ދާންމަތިކޮޅުގައި ބޭއްވެވިއެވެ. ޙަދީޡް ކުރެއްވިއެވެ. "މާތްﷲގެ ރަހްމަތްފުޅާއެކު ކަލޭގެފާނަކަށް އެއްވެސް ގެއްލުމެއް ލިބިވަޑައެއް ނުގަންނަވާނެއެވެ." އެއަށްފަހު ޔާސީން ސޫރަތް ކިޔަވައި ވިދާޅުވާން ފެއްޓެވިއެވެ. އެސޫރަތުގެ ނުވަވަނަ އާޔަތް ވިދާޅުވަމުން ބޭރަށް ނުކުމެވަޑައިގެން އެމާތްސާހިބާގެ މަންޒިލަށް މިސްރާބުޖެއްސެވިއެވެ. ޔާސީން ސޫރަތުގެ ނުވަވަނަ އާޔަތުގެ މާނައިގައި ވަނީ މިދަންނަވާ ފަދައިންނެވެ.
"އަދި ތިމަންރަސްކަލާނގެ އެއުރެންގެ ކުރިމަތީން ހުރަހަކާއި، އެއުރެންގެ ފުރަގަހުން ހުރަހެއް ލެއްވީމެވެ. އަދި ތިމަންރަސްކަލާނގެ އެއުރެންގެ ލޯތަކުގައި ފަރުދާއެއް ލެއްވީމެވެ. ދެން އެއުރެންނަކަށް ނުފެންނާނެތެވެ." (ޔާސީން : 9)
ކައުސާހިބާ އެމާތްސާހިބާގެ ގަނޑުވަރުން ނުކުމެވަޑައިގެންނެވީ ނަބީކަމުގެ ސާދަވަނަ އަހަރުގެ ސަފަރު މަހުގެ ހަތާވިސްވިލޭރޭގެ މެންދަމެއްހައި އިރުއެވެ. އެރެޔަކީ 12-13 ސެޕްޓެމްބަރ 622މ އެވެ.
ކައުސާހިބާ ސައްލަﷲ އަލައިހި ވަސައްލަމަ ބޭރަށް ނިކުމެވަޑައިގެންނެވިއިރު ހިސާރުގައި ތިބިމީހުން ޣާފިލުކަމުގައި ތިއްބައި ފެނިވަޑައިގެންނެވުމާއެކު އަވަސްއަވަހަށް އެކަލޭގެފާނުގެ މަންޒިލާދިމާޔަށް ވަޑައިގެންފިއެވެ. އިތުރުސާހިބާ ވަޑައިގެންނެވީ އުތުރަށެވެ. އަބޫބަކުރުއްޞިއްދީޤު ރަޟިޔަﷲ އަންހުގެ ގެކޮޅުހުންނަނީ މައްކާގެ އުތުރުފަރާތުގައެވެ. ތަންކޮޅަކަށް ވަޑައިގެންނެވުނުތަނާ އެދިމާއިން އަންނަމީހަކާ ބައްދަލުވެ ވަޑައިގެންނެވިއެވެ. އޭނާއަށް އިތުރުސާހިބާ ފާހަގަކުރެވުނެވެ. އިރުކޮޅެއްގެ ފަހުން އޭނާ އިތުރުސާހިބާގެ ގަނޑުވަރާ ކައިރި ހިސާބަކުން ދަނިކޮށް އެގަނޑުވަރުގެ ދޮރުކޮޅުމަތީގައި ބަޔަކު އެއްވެތިއްބައިފެނުނެވެ. އޭނާ އެމީހުންނަށް ގޮވައިލައިފައި ބުންޏެވެ. "ތިޔަބައިމީހުން ތިޔަތިބީ މުހައްމަދުގެފާނު ހޯދަންކަމުގައިވާނަމަ އެކަލޭގެފާނު ގެޔަކު ނުއުޅުއްވައެވެ. އިރުކޮޅެއްގެކުރީން މިއޮތްމަގުންލައްވައިފައި ވަޑައިގެންފިއެވެ.
" ޙިޞާރުގައި ތިބިމީހުން ދެފުށުއެޅޭގޮތްވެއްޖެއެވެ. އެބައިމީހުންގެ ހިތަށް އެރިއެވެ. " "އެހެންވާނީ ކިހިނަކުން ހެއްޔެވެ؟" ފާރަޔަށް ތިބިމީހުންގެ ތެރެއިން އެކަކަށްވަނީ އިތުރުސާހިބާ އެރޭގެ އިރާކޮޅު ގަނޑުވަރަށް ވެދެވަޑައިގެންނެވިތަން ފެނިފައެވެ. އޭގެފަހުން އެގަނޑުވަރުން މީހަކު ބޭރަށް ނުނިކުންނަކަން އެމީހުންނަށް ކަށަވަރެވެ. ނަމަވެސް އިތުރަށް ޔަޤީންކޮށްލުމަށްޓަކައި އެކަކު ފާރުމައްޗަށް އަރައި ކިޑިކީ ދޮރުކޮޅަކުން ގަނޑުވަރުގެ އެތެރެބަލައިލިއެވެ. އިތުރުސާހިބާ އަވަހާރަލައްޕަވާ އެނދުދާންކޮޅު ހުންނަތަން އޭނާދަނެވެ. ކައުސާހިބާގެ ފެހިކުލައިގެ ސާލުކޮޅު ގައިލައިގެން އެ އެނދުދާންކޮޅުގައި މީހަކު ނިދައިފައިއޮތެވެ. ފާރުމައްޗަށް އެރިމީހާ އޭނާގެ އެކުވެރީންނަށް ޔަޤީންކަން ދިނެވެ. "އަހަރެމެންގެ ސިކާރަ ވަނީ އޭގެ މަޤާމުގައެވެ."
ފަޖުރުގެ އަލިކަން ފާޅުވުމާއެކު އަލީގެފާނު ތެދުވެވަޑައިގެންފިއެވެ. އެކަލޭގެފާނު ވަޑައިގެން ބިސްމިﷲ އެވެ ވިދާޅުވެފައި ދޮރުހުޅުއްވައި ލެއްވިއެވެ. އަލީގެފާނު އޭރުވެސް ހުންނެވީ ކައުސާހިބާގެ ފެހިސާލުކޮޅު ގައިކޮޅުގައިލައްވައިގެންނެވެ. މުޝްރިކުން އަލީގެފާނާ ސުވާލުކުރިއެވެ. "މުޙައްމަދުގެފާނު ކޮބައިތޯއެވެ.؟" އަލީގެފާނު ޖަވާބުދެއްވެވިއެވެ. "އަހަންނަށް އެނގޭނީ ކިހިނަކުންހެއްޔެވެ؟ ފާރަޔަށްތިޔަތިބީ ތިޔަބައިމީހުން ނޫންހެއްޔެވެ؟. ތިޔަބައިމީހުން އެކަލޭގެފާނު ވަޑައިގެންނެވިޔަދިނީތީ އެވަޑައިގެންނެވީތާއެވެ." ޤުރައިޝުންގެ ފަހުލަވާނުން އެބައިމީހުންގެ ޣާފިލުކަމާމެދު ވަރަށް ދެރަވިއެވެ. އެމީހުން ގެ ގާތަށްއައި ސިނގުރުޅީގައި އަލީގެފާނުގެ ގައިކޮޅަށް އަރައިގަތެވެ. ކުޑަކޮށް ހާނީއްކަކުރުމަށްފަހު ހަރަންފުޅުގެ ތެރެޔަށްގެންގޮސް ބަންދުކުރިއެވެ. ނަމަވެސް އިރުކޮޅަކުން ދޫކޮށްލައިފިއެވެ.
ސަފަރުމަހުގެ ކުޑަވަމުން ދިޔަ ހަނދު އިރުމަތީފަރާތުގެ ފަރުބަދަތަކުގެ މަތީން ފެންނާންހުއްޓެވެ. ފަތިހުގެ އަލިކަން ފާޅުވަމުންދިޔަ ވަރަކަށް ހަނދުގެ ރީނދޫކަން ދިޔައީ ގަދަވަމުންނެވެ. އިތުރުސާހިބާގެ އެއްވެސް ހިލަމެއް ނުވިއެވެ. އެހެންކަމުން މުޝްރިކުން ނިންމީ ޤަބީލާތަކުގެ ހަރުމީހުނާ މަޝްވަރާ ކުރުމަށެވެ.
(ނުނިމޭ)