ކޮލަމް

ކެޔޮނިރު: ޤައުުމު މުށުތެރެއަށް ލައިގެން އުޅޭ ވިޔަފާރިވެރީންނަށް ވުރެ ޤައުމު މުހިއްމެވެ!

މުހައްމަދު ބުޝްރީ

3

ނައިބް ރައީސް ކަމަށް އިންތިހާބްވެ ވަޑައިގެންފައިވާ، ފައިސަލް ނަސީމް ސެޕްޓެމްބަރ 29 ވަނަ ދުވަހުގެ ރޭ ރާއްޖޭގެ މަޝްހޫރު ވިޔަފާރިވެރިއެއް ކަމުގައިވާ އިބަރާހިމް މުހައްމަދު ދީދީ (ސިމްޑީޑީ) ގެ ދެކަނބަލުންނާއި އެކު، އެބޭފުޅުންގެ ގެކޮޅުގައި ރޭގަނޑުގެ ފަރިއްކޮޅަކަށް ވަޑައިގަތެވެ. މިފަރިއްކޮޅުގެ ތެރެއިން ފޮޓޯއެއް، ސިމްޑީޑީ ޓްވީޓް ކުރެއްވި އެވެ. އެއާ ވިދިގެން އަޅުގަނޑު، ޓްވިޓަރގައި ސުވާލެއް ކުރީމެވެ. އިންތިހާބީ ނައިބު ރައީސް މިހާ އަވަހަށް ވިޔަފާރިވެރިންނާ އަމިއްލަފުޅު ބައްދަލުވުންތައް ބާއްވަވަން ފެއްޓެވިތޯ އެވެ؟ އިންތިހާބީ ރައީސް ގެ ހުއްދަ ނެތި އިންތިހާބީ ނައިބު ރައީސް އަށް ވިޔަފާރިވެރިންނާ އެކު މިޒާތުގެ އަމިއްލަ ބައްދަލުވުންތައް ބޭއްވެން ވެއްޖެ ނަމަ އިސާހިތަކު ކޮރަޕްޝަނަށް މަގުފަހިވާ ފަދަ ކަންތައްތައް ފެށިގެން ހިނގައިދާނެއެވެ.

މުޅި ޤައުމު އެއްކޮށް ކަހަލަ ގޮތަކަށް ވޯޓުލާން ނިކުމެ، ބޮޑު ތަފާތަކުން ވޭތުވެދިޔަ ފަސް އަހަރުގެ ވެރިކަމަށް ނޫނެކޭ ބުނީ އެވެރިކަމުގައި ކޮރަޕްޝަނާއި ފަސާދަ ގިނަކަމަށް ބުނެއެވެ. މިފަދަ ރޭގަނޑުގެ ކެއުމަކީ އަމިއްލަ ކަމެކޭ ބުނެ ފަރުޖައްސައެއް ނުލެވޭނެ އެވެ. ސިމްޑީޑީ ގެ ޓްވީޓްގައި ލިއުއްވާފައި ވަނީ އިންތިހާބީ ނައިބު ރައީސްއާއި އެކު ފަރިއްކޮޅަކަށް ބައްދަލުވުމުން އުފާ ކުރައްވާ ކަމަށެވެ. ފައިސަލް ނަސީމަށް ސިމްޑީޑީ ކެއުމަކަށް ދައުވަތު ދެއްވީ ފައިސަލް ނަސީމްގެ އަމިއްލަ ގެކޮޅުގަ އިނަނަވަނިކޮށް އެއްވެސް ސަބަބެއް ނެތިތޯއެވެ؟ ނޫނެކެވެ. އެއީ އިންތިހާބީ ރައީސް ކަމަށް ވުމުން ވިޔަފާރިވެރިޔާ ދެއްވި ދައުވަތެކެވެ. ކަނޑައެޅިގެން ޤާނޫނުން މަނާ ނުކުރިއަސް މިފަދަ "ނުރަސްމީ" ބައްދަލުވުން ތަކުން ރަނގަޅު ކުރިއެއް ނުފަޅާނެއެވެ!

މިއީ އެއްވެސް ހާލެއްގައި ސިމްޑީޑީ އަށް ނުވަތަ އިންތިހާބީ ނައިބު ރައީސް ފައިސަލް ނަސީމަށް ދަންނަވާ ކުޑައިމީސް ބަހެއް ނޫނެވެ. މިއީ މި ދިވެހި ފަސްގަނޑު ކޮރަޕްޝަނުން ކިލަނބު ވެފައި އޮތް އޮތުން ނިމުމަކަށް ގެނެސް މުޅީން އާ ފެށުމަކުން ފެށުމަށް އެދިގެންތިބި ދިވެހި ރައްޔިތުންގެ ހައްގުގައި ބުނާ އިހްލާސްތެރި ބުނުމެކެވެ.

އަޅުގަނޑު ޓްވިޓަރގައި ކުރި ޝަކުވާއަށް ފަހު ސިމްޑީޑީގެ ޓްވީޓް މިހާރު ވަނީ ޑިލީޓް ކުރައްވާފަ އެވެ. އަޅުގަނޑުމެން ދިވެހި ރައްޔިތުންގެތެރެއިން ގިނަ ބަޔަކު ބުރަ މަސްކަތުން މިގެނައި ބަދަލުގެ ފޮނި މީރުކަން މަދު ވިޔަފާރިވެރިން ކޮޅަކަށް ނުވަތަ ސިޔާސީ މަދު ބޭފުޅުން ކޮޅަކަށް ބެހިގެން ދިއުމަކީ އެއްވެސް މީހަކު އެދޭނެ ގޮތެއް ނޫނެވެ. ހުރިހާ ރައްޔިތުން ބަސް ބުނެގެން ޤައުމުގެ އިންތިހާބީ ރައީސް އަކަށް ގެނެސްފައި މިވަނީ، ގިނަ ބައެއްގެ ބަހުން ނަމަ "ސޯލިހް" ވެރިއެކެވެ! މިދެންނެވި "ސޯލިހް" ވެރިމީހާ ވެސް އަދި އެބޭފުޅާގެ ނައިބު ވެސް ޤައުމުގެ ވިޔަފާރިވެރިންނާއި ބޭރު ޤައުމުތަކުގެ ޑިޕްލޮމެޓުންނާއި، ބޭރުގެ ސަރުކާރުތަކަށާއި، އެފަދަ އެހެން ފަރާތްތަކަށް "ވިކޭކަށް" އަޅުގަނޑުމެން ބޭނުމެއް ނޫނެވެ. މިޤައުމުގެ ވެރިކަމަށް، ކޮރަޕްޝަނުން ސަލާމަތް ވެފައިވާ ވެރިއަކާއި ނައިބަކު ވަޑައިގެން ފަސްއަހަރުގެ އެއް ދައުރު ފުރިހަމަ ކޮށްދެއްވިއަސް މިޤައުމަކީ މިސަރަހައްދުގެ ނަމޫނާ، ފުދުންތެރި ޤައުމަކަށް ވެގެންދާނެކަން ކަށަވަރެވެ. އަޅުގަނޑުމެން ބޭނުންވަނީ ރައީސް ޔާމިނު އެވިދާޅުވާކަހަލަ "ޖީ.ޑީ.ޕީ" ބޮޑު ޤައުމަކަށް ވާކަށް ނޫނެވެ. އަޅުގަނޑުމެން ބޮޑުވާން އެދެނީ "ޖީ.ޑީ.ޕީ" އެއް ނޫނެވެ. "ޖީ.ޑީ.އެޗް" އެވެ. "ގްރޮސް ޑޮމެސްޓިކް ހެޕިނެސް" ނުވަތަ ރައްޔިތުންގެ އުފާވެރިކަމެވެ!

ވެރީންނަށް ފާޑު ކިއުމުން އާއްމު ގޮތެއްގައި އެފަދަ ވެރީން، އެފާޑުކިޔާ މީހަކުދެކެ ނުރުހުން ވެއެވެ. އަދި އެ ވެރިމީހާގެ ސަޕޯޓަރުންވެސް ފާޑުކީ މީހާ ދެކެ ގިނަފަހަރަށް އަންނަނީ ރުޅިއެވެ. ނަމަވެސް މިއީ އިހްލާސްތެރި ވެރީން ކަންކުރާނެ އުސޫލެއް ނޫނެވެ. މިކަމުގެ ވަރަށް ރަނގަޅު މިސާލެއް ޙަލީފާ އުމަރު (ރ.އ) ދައްކަވާފައި ވެއެވެ. އެއްދުވަހަކު އުމަރުގެފާނުންގެ ދަރުބާރުގައި އާދައިގެ އާއްމު ރައްޔިތަކު ތެދުވެފައި ބުންޏެވެ: "ކަލޭގެފާނު މަގުން ކައްސާލައްވައިފި ނަމަ އަޅުގަނޑު ކަލޭގެފާނު މަގަށް އަޅުވާނީ މި ކަޑީންނެވެ"! އޭގެ ޖަވާބުގައި ޙަލީފާ އުމަރު (ރ.އ) ވިދާޅުވީ ކީކެތޯ އެވެ؟ އުމަރުގެފާނު، އެކަލޭގެފާނަށް ފާޑުކީ އާއްމު ރައްޔިތުމީހާއަށް އިޝާރާތް ކުރައްވައި އެފަދަ މީހުން ތިބީތީ މާތް ﷲ އަށް ހަމްދު ކުރެއްވިއެވެ. އޭގެ މުރާދަކީ ރައްޔިތުންގެތެރޭގައި އެފަދަ މީހުން ތިބުމުން ވެރީން ހަމަމަގަށް އެޅި، ޤައުމުން ކޮރަޕްޝަން ނެތި، އަދުލުވެރި، އިންސާފުވެރި މުޖުތަމައުއެއް ނުވަތަ އުއްމަތެއް ބިނާވާނެއެވެ. މިތަނުގައި "ކަނޑި" ބޭނުންކޮށްފައި އެވަނީ މަޖާޒީ ގޮތެއްގަ އެވެ. އޭގެ މާނައަކީ ވެރިމީހާ މަގުން ކައްސާލައިފިނަމަ ރައްޔިތުމީހާ އެފަދަ ވެރިމީހާއާ ދެކޮޅަށް ބަސް ބުނާނެ ކަމެވެ. މިޒަމާނުގައި އެފަދައިން ރައްޔިތުމީހާ އުފުލާނީ ގަލަމެވެ. ނުވަތަ ޓްވިޓަރ ހެންޑްލް އެވެ. ނުވަތަ އެނޫންވެސް އެފަދަ ވަސީލަތެކެވެ.

ދިވެހި އުއްމަތަށް، ކޮރަޕްޝަނާއި ފަސާދައިން ސާފުވެފައިވާ މުޅީން އާދުވަހަކަށް އަލިވިލޭން ތައްޔާރުވެފައިވާ އިރު މިޤައުމުގެ ހުރިހާ ރައްޔިތުންވެސް އެދޭނީ އަޅުގަނޑުމެންގެ "ސޯލިހް" ވެރިމީހާ އާއި އެވެރިމީހާގެ ނައިބު، އަދި މިނިސްޓަރުންނާއި، މިނިވަން މުއައްސަސާ ތަކުގެ ވެރީންނާއި، ސަރުކާރު ކުންފުނިތަކުގެ ވެރީންނާއި އެފަދަ އެހެން ފަރާތްތަކުން އުމަރުގެފާނު ދެއްކެވި މިސާލުން ފިލާވަޅު ނަންގަވައިގެން ކުރިއަށް ވަޑައިގަތުމަށެވެ. ރައްޔިތުން ވެރީންނަށްވެ، ވެރީން ހާދިމުންނަށް ވާނީ އެއިރުންނެވެ. ނޫންނަމަ ދެންވެސް އޮންނާނީ ވެރީން ވެރީންނަށްވެ، ރައްޔިތުން އަޅުވެތިވާ ޒާތުގެ ވެރިކަމެކެވެ. އެއަކަށް "ސޯލިހް" ވެރިކަމެކޭ ނުކިޔާނެއެވެ. މިދިވެހި ޤައުމު 50 ވަރަކަށް ވިޔަފާރިވެރީންގެ މުށުތެރޭގައި އޮތް އޮތުން ނިމުމަކަށް ގެނެސް، ރައްޔިތުންގެ ބާރު ރައްޔިތުންނަށް ދޭން އެބަޖެހެއެވެ. އެކަން ހަޤީގަތަކަށް ހެއްދެވުމަށްޓަކައި އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އަށާއި އިންތިހާބީ ނައިބު ރައީސް ފައިސަލް ނަސީމަށް މިވަނީ ތާރީހީ ފުރުސަތެއް ލިބިވަޑައިގެންފައެވެ. ފުރުސަތު ނަންގަވާނުލައްވާށެވެ. ތިޔަ ދެބޭފުޅުނަނަށް ވުރެވެސް، އަދި ކޯލިޝަންގެ 4 ލީޑަރުނަނަށް ވުރެވެސް، އަދި ޤައުުމު މުށުތެރެއަށް ލައިގެން އުޅޭ 50 ހަކަށް ވިޔަފާރިވެރީންނަށް ވުރެވެސް މިޤައުމާއި މިޤައުމުގެ ރައްޔިތުން މުހިއްމެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟