ޝަހީދާ އަބްދުﷲ ސައީދު
ރާއްޖޭގެ ޖަލުތަކުގައި ހުރި އެންމެ ބޮޑު ކަންބޮޑުވުމަކީ ޖަލުގައި މީހުން މަރުވާ މައްސަލަކަމަށް ޖަލުތައް އޮޑިޓުކުރުމަށް އެކުލަވައިލި ކޮމިޝަނުން ބުނެފިއެވެ.
ޖަލު ކޮމިޝަނުން މިއަދު ހޯމް މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ކޮމިޝަންގެ މެންބަރު ޝަހިންދާ އިސްމާއީލު ވިދާޅުވީ އެކޮމިޝަނުން ޖަލުތަކުގެ ހާލަތު ބެލިއިރު ކަންބޮޑުވާ ކަންކަން ފާހަގަކުރެވުނު ކަމަށެވެ.
އެގޮތުން ފާހަގަކުރެވުނު އެންމެ ބޮޑު ކަންބޮޑުވުމަކީ ޖަލުގައި މީހުން މަރުވުމާއިި ސިއްހީ ހިދުމަތް އެންމެ އެދެވޭ ގޮތެއްގައި ލިބެން ނެތް މައްސަލަކަމަށް ޝަހިންދާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ސިއްހީ ފަރުވާ ދިނުމުގައި ބޭސް ލިބުމުގެ ދަތިކަން ހުރިއިރު ދަތުރުފަތުރުތައް ހުންނަ ގޮތުން ބަލި މީހުން މާލެ ގެނައުމުގައި ދަތިތަކެއް ހުރިކަން ފާހަގަކުރެވުނު އިރު ޖަލުތަކާ ހަވާލުވެ ތިއްބެވި އިސް ބޭފުޅުންގެ ފަރާތުންވެސް އެކަން ފާހަގަކުރެއްވި ކަމަށެވެ.
އަދި ޖަލުތަކުގައި ލާއިންސާނީ އަނިޔާ ދިނުމާއި ވަސީލަތްތައް އެކަށީގެންވާ މިންވަރަށް ނެތުމާއި ބަންދުބޮޑުކަން ފާހަގަކުރެވުނު ކަމަށްވެސް ވިދާޅުވިއެވެ. އަދި އެކަންކަމަށް ހައްލު ގެނައުމަށް ރެކޮމެންޑޭޝަންތަކެއް ރިޕޯޓްގައި ހިމަނާނެ ކަމަށްވެސް ޝަހިންދާ ވިދާޅުވިއެވެ.
މީގެއިތުރުން ޖަލުތަކުގެ ހާލަތު ދެނެގަތުމަށް ހަދާ އޮޑިޓް ރިޕޯޓަށް ބޭނުންވާ މައުލޫމާތު ހޯދުމަށް ދާއިރާއާ ގުޅުންހުރި ދައުލަތުގެ އިދާރާތަކުގައި އެދިވަޑައިގެންފައި ވާނެ ކަމަށް ވެސް ވިދާޅުވިއެވެ.
އަދި ޖަލުތަކުގެ ހާލަތު ދެނެގަތުމަށް އޮޑިޓްކުރުމުގެ މަސައްކަތްކުރަމުން އަންނަ އިރު ލާއިންސާނީ އަމަލެއް ފެނިއްޖެނަމަ އެކަން ހޯމް މިނިސްޓަރަށް އަންގާނެ ކަމަށް ވެސް އެކޮމިޝަނުން ބުނެފައިވެއެވެ.