ޚަބަރު

ޖަލުގެ ޖާގައިގެ ދަތިކަން ހައްލު ކުރުމަށްވުރެ، ފަރުވާއަށް އިސްކަންދެއްވުމަށް ކާނަލް ނާޒިމް އިލްތިމާސް ކުރައްވައިފި

މުހައްމަދު ޝަހީމް

ޖަލުގެ ޖާގައިގެ ދަތިކަން ހައްލު ކުރުމަށްވުރެ، ފަރުވާއަށް އިސްކަންދެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ދަނގެތި ދާއިރާގެ މެންބަރު އަދި ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް މުހައްމަދު ނާޒިމް އިލްތިމާސް ކުރައްވައިފިއެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ޓެގް ކުރައްވައި ރޭ ކުރެއްވި ޓްވީޓެއްގައި ކާނަލް ނާޒިމް ވިދާޅުވީ ޖަލުގެ ޖާގައިގެ ދަތިކަން ހައްލު ކުރުމަށްވުރެ، ރީހެބިލިޓޭޝަނަށް އިސްކަންދެއްވުން މުހިންމު ކަމަށެވެ. އަދި ކުށްތައް ކޮންޓްރޯލް ކުރުމުގެ ޕޮލިސީތަކަށް އިސްކަންދެއްވައި، އެ ޕޮލިސީތައް ތަންފީޒު ކުރެއްވުމަށް ރައީސް ސޯލިހާއި ހޯމް މިނިސްޓަރު އިމްރާނަށް އިލްތިމާސް ދަންނަވާ ކަމަށެވެ.

ކާނަލް ނާޒިމް މި މޭރުމުން ޓުވީޓެއް ކުރައްވާފައިމިވަނީ ޖަލުތައް ފުރި ކުށްވެރިން ބޭއިތިއްބުމުގެ ޖާގަ ނެތްކަމުގެ ވާހަކަ ދެކެވެމުންދާ ދަނޑިވަޅެއްގައެވެ. ހޯމް މިނިސްޓަރު އިމްރާން ވިދާޅުވެފައިވަނީ މޯލްޑިވްސް ކަރެކްޝަނަލް ސާވިސަސްގެ ދަށުގައި ގައިދީން ބަންދުކޮށްގެން ގެންގުޅެވޭނެ ޖާގައިގެ އިތުރަށް މިވަގުތުވެސް 700 އެއްހާ މީހުން ބަންދުކޮށްފައި ތިބި ކަމަށެވެ.

އިމްރާން އިތުރަށް ވިދާޅުވި ގޮތުގައި، ޖަލުތަކުގެ ޖާގައިގެ ދަތިކަމަށް ހައްލެއް ހޯދަން ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ވޭތުވެދިޔަ 10 އަހަރުގެ ތެރޭގައި ޖަލުގެ ޖާގައިގެ ދަތިކަން ފިލުވުމަށް ކުރެވިފައި ނުވާވަރުގެ ގިނަ މަސައްކަތް މިއަހަރު އެކަނި ވެސް ކުރެވިފައިވާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

"ކުރިއަށްއޮތް އަހަރަށް އަޅުގަނޑުމެން ޕްލޭންކޮށްފައިވާ މަސައްކަތް، އިރާދަކުރެއްވިޔާ ނިމިގެންދާއިރު ޖަލުތަކަށް ވަރަށް ބޮޑު ބަދަލެއް ގެނެވިގެންދާނެ. މިއަންނަ އަހަރު އިރާދަކުރެއްވިޔާ ނޭކުރެންދޫގައި ޖަލެއް އެޅުމުގެ މަސައްކަތް ފެށިގެންދާއިރު ރާއްޖޭގެ މުޅި ޖަލުތަކުގެ ނިޒާމަށް ބޮޑު ބަދަލެއް ގެނެވިގެންދާނެ،" މިނިސްޓަރު އިމްރާން ވިދާޅުވިއެވެ.