ޚަބަރު

ގައިދީންގެ ބޮލުގެ އިސްތަށިގަނޑާއި ތުނބުޅި ދިގުކުރެވޭ ގޮތް ހަދައިފި

ޖަލުގައި ބަންދުކުރެވޭ މީހުންގެ ބޮލުގެ އިސްތަށިގަނޑާއި ތުނބުޅި ދިގުކުރެވޭ ގޮތަށް، ބަންދުކުރެވޭ މީހުންގެ ސުލޫކީ މިންގަނޑު ބަހައްޓަންޖެހޭ ގޮތުގެ އުސޫލަށް ބައެއް އިސްލާހު ގެނެސްފިއެވެ.

ޖަލުތަކާ ޕެރޯލްގެ ގާނޫނުގެ ދަށުން ހަދާފައިވާ އެ އުސޫލުގެ ބޯކޮށުމާއި ތުނބުޅިމަތިމަސް ބޭލުމާއި ނިޔަފަތި ކެނޑުމުގެ މާއްދާގައި މީގެ ކުރިން ބުނެފައިވަނީ، ޖަލުގައި ތިބޭ ފިރިހެން ގައިދީންގެ ބޮލުގެ އިސްތަށިގަނޑު ހުންނަންވާނީ ވަށައިގެން ދެ ސެންޓިމީޓަރަށްވުރެ ދިގުނުވާވަރަށް ތުނިކޮށް ކޮށާފައި ކަމަށެވެ.

އަދި ތުނބުޅި ހުންނަވާނީ ބާލާފައި ނުވަތަ ދެ އިންޗިއަށްވުރެ ދިގުނުވާވަރަށް ކޮށާފައިވާ ކަމަށާއި މަތިމަސް ހުންނަވާނީ ބާލާފައި ނުވަތަ ތުނިކޮށް ކޮށާފައިވާ ކަމަށެވެ.

ނަމަވެސް މިއަދު ގެޒެޓްކުރި އިސްލާހުގައި ބުނެފައިވަނީ، ޖަލުގައި ތިބޭ ފިރިހެން ގައިދީންނާއި ބަންދުމީހުންގެ ބޮލުގެ އިސްތަށިގަނޑާއި ތުނބުޅި މަތިމަސް ބަހައްޓަންވާނީ ސާފުތާހިރުކޮށް ކަމަށެވެ.

އަދި އަންހެން ގައިދީންގެ އިސްތަށިގަނޑު ކޮނޑުހުޅަށްވުރެ ކުރުނުވާވަރަށް ކޮށިދާނެ ކަމަށް ބުނާ އަކުރު މިއަދު ގެނައި އިސްލާހުގެ ދަށުން ވަނީ އުވާލައިފައެވެ.

މިހާރު އަމަލުކުރަމުންދާ ޖަލުގައި ބަންދުކުރެވޭ މީހުންގެ ސުލޫކީ މިންގަނޑު ބަހައްޓަންޖެހޭ ގޮތުގެ އުސޫލަކީ އޭޕްރިލް 20، 2015 ގައި ސަރުކާރުގެ ގެޒެޓްގައި ޝާއިއުކޮށް އަމަލު ކުރަމުންދާ އުސޫލެކެވެ.

އެ އުސޫލުގައި ބުނެފައިވާ ގޮތުން، ސިއްހީ ސަބަބަކަށްޓަކައި މެނުވީ އެއްވެސް ގައިދީއަކު ބޯ ބޭލުމަކީ މަނާ ކަމެކެވެ. އަދި ކޮންމެ ޤައިދީއަކުވެސް އަދި ބަންދުމީހަކުވެސް އަބަދުވެސް ހުންނަން ވާނީ ދެއަތާއި ދެފައިގެ ނިޔަފަތި ރީއްޗަށް ކަނޑާފައި ކަމަށް ބުނެފައިވެއެވެ.