މޯލްޑިވްސް ކަރެކްޝަނަލް ސާވިސަސްގެ ދަށުގައި ގައިދީން ބަންދުކޮށްގެން ގެންގުޅޭނެ ޖާގައިގެ އިތުރަށް މިވަގުތުވެސް 700 އެއްހާ މީހުން ބަންދުކޮށްފައި އެބަތިބި ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.
ޕެރޯލް އޮފިސަރުންނަށް ލިޔުން ހަވާލުކުރުމަށް މިއަދު ބޭއްވި ބައްދަލުވުމުގައި ކަރެކްޝަންސްގެ ބެލުމުގެ ދަށަށް ގެންދަންޖެހޭ ބަޔަކު ފުލުހުންގެ ބެލުމުގެ ދަށުގައި ތިބިތިބުމަށް އިޝާރާތް ކުރައްވާ މިނިސްޓަރު ވިދާޅުވީ، އެކަން އެހެން ދިމާވަނީ ކަރެކްޝަންސްގައި އެކަށީގެންވާ ޖާގަ ނެތުމުން ކަމަށެވެ.
އެގޮތުން ކަރެކްޝަންސްގެ ދަށުގައި ގައިދީން ބަންދުކޮށްގެން ގެންގުޅޭނެ ޖާގައިގެ ގޮތުގައި ހުރީ 1300 އެއްހާ ޖާގަ ކަމަށާއި ނަމަވެސް މިވަގުތު ވެސް ޖަލުތަކުގައި ދެހާހެއްހާ މީހުން ބަންދުކޮށްފައި އެބަތިބި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އިމްރާން އިތުރަށް ވިދާޅުވީ، ޖަލުތަކުގެ ޖާގައިގެ ދަތިކަމަށް ހައްލެއް ހޯދަން ސަރުކާރުން ގިނަ މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ. އެގޮތުން ވޭތުވެދިޔަ 10 އަހަރުގެ ތެރޭގައި ޖަލުގެ ޖާގައިގެ ދަތިކަން ފިލުވުމަށް ކުރެވިފައިނުވާވަރުގެ ގިނަ މަސައްކަތް މިއަހަރު އެކަނި ވެސް ކުރެވިފައިވާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.
އެގޮތުން މިއަހަރުގެ މިހާތަނަށް ކުރިން ބޭނުން ނުކުރެވޭ ހާލަތުގައި ހުރި 180 މީހުންގެ ޖާގަ ޖަލުތަކުގައި ބޭނުންކުރެވޭ ރަނގަޅު ހާލަތަކަށް ގެނެސް، ބިދޭސީންނަށް ހާއްސަ 60 މީހުންގެ ޖާގައިގެ ތަނެއް މުޅިން އަލަށް ހުޅުމާލޭގައި ހަދާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
"ކުރިއަށްއޮތް އަހަރަށް އަޅުގަނޑުމެން ޕްލޭންކޮށްފައިވާ މަސައްކަތް އިރާދަކުރެއްވިޔާ ނިމިގެންދާއިރު ޖަލުތަކަށް ވަރަށް ބޮޑު ބަދަލެއް ގެނެވިގެންދާނެ. މިއަންނަ އަހަރު އިރާދަކުރެއްވިޔާ ނޭކުރެންދޫގައި ޖަލެއް އެޅުމުގެ މަސައްކަތް ފެށިގެންދާއިރު ރާއްޖޭގެ މުޅި ޖަލުތަކުގެ ނިޒާމަށް ބޮޑު ބަދަލެއް ގެނެވިގެންދާނެ،" މިނިސްޓަރު އިމްރާން ވިދާޅުވިއެވެ.