ގައިދީންގެ އާއިލީ ބައްދަލުވުންތައް ސްކައިޕް މެދުވެރިކޮށް ކުރިއަށް ގެންދަން ފެށުމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން ނިންމައިފި އެވެ.
"ވަން އޮންލައިން" އަށް މައުލޫމާތު ދެއްވަމުން ކަރެކްޝަންސްގެ މީޑިއާ އޮފިޝަލު އާމިނަތު ޔުސްރީން އަހުމަދު ވިދާޅުވީ އުއްމީދު ކުރަނީ ގައިދީންގެ އާއިލީ ބައްދަލުވުންތައް ސްކައިޕް މެދުވެރިކޮށް އަންނަ ހަފުތާގައި ފެށޭނެ ކަމަށް ކަމަށެވެ.
ޔުސްރީން ވިދާޅުވީ އެ މަސައްކަތް ފެށުމަށް ވާން ޖެހޭ ތައްޔާރީތައް ވަމުން އަންނަ ކަމަށެވެ. އެގޮތުން ސްކައިޕް ކޯލްތައް ފެށުމަށް ބޭނުންވާ އިކުއިޕްމަންޓުތައް ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ޔުސްރީން ވިދާޅުވިއެވެ. އަދި ގައިދީންގެ އާއިލީ ބައްދަލުވުންތައް ސްކައިޕް މެދުވެރިކޮށް ކުރިއަށް ގެންދިއުމުގެ މަސައްކަތަކީ ހުރިހާ ޖަލުތަކެއްގައި ކުރަން ޖެހޭ ކަމަކަށް ވުމުން ދަތިތަކާ ކުރިމަތިވެ، މަސައްކަތް ކޮންމެވެސް ވަރަކަށް ލަސްވާ ކަމަށް ޔުސްރީން ވިދާޅުވިއެވެ.
ގައިދީންގެ އާއިލީ ބައްދަލުވުން މިމަހު 12ގައި ވަގުތީ ގޮތުން މެދުކަނޑާލީ ކޮވިޑް 19ގެ ސަބަބުން އެޅި ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުގައި ކަން ޔުސްރީން ފާހަގަ ކުރެއްވިއެވެ. އަދި އާއިލީ ބައްދަލުވުން މެދު ކަނޑާލުމަށްފަހު ފޯނު ކޯލުގެ މުއްދަތު އިތުރު ކުރި ކަމަށާއި، ސްކައިޕް ކޯލްތައް ފަށަންދެން ފޯނު ކޯލުތަކުގެ މުއްދަތު އިތުރު ކުރުމަށް ނިންމާފައިވާ ކަމަށް ޔުސްރީން ވިދާޅުވިއެވެ.
ޔުސްރީން ވިދާޅުވީ ގައިދީންގެ އާއިލީ ބައްދަލުވުންތައް ސްކައިޕް މެދުވެރިކޮށް ކުރިއަށް ގެންދަން ނިންމީ މި ދަނޑިވަޅުގައި އާއިލީ ބައްދަލުވުން މެދުކަނޑާލުމުން ގައިދީންނާއި އާއިލާގެ ގުޅުން މެދުކެނޑޭތީ ކަމަށެވެ. އަދި މިއީ ގުޅުން މެދު ނުކެނޑި ކުރިއަށް ގެންދިއުމުގެ މަގު ފަހި ކުރުމުގެ ގޮތުން ނިންމި ނިންމުމެއް ކަމަށް ޔުސްރީން ވިދާޅުވިއެވެ.