ކައުސާހިބާ ޞައްލަﷲ އަލައިހިވަސައްލަމަ އެހެން ހަދީޘު ކުރެއްވީއްސުރެ އަބޫބަކުރުގެފާނު ގެންދެވީ ޚާއްސަ ގޮތެއްގައި ދެޖަމަލަކަށް ހުއިކާން ދެއްވައި ދަތުރުފުޅުގެ ސަވާރީއަކަށް ތައްޔާރުކުރައްވަމުންނެވެ.
އިސްލާމީ ރިސާލަތު ފެތުރެމުންދާ ދިޔުމަށް ހުއްޓުން އަރުވައިނުލެވި އަރަބި ޤަބީލާތަކަށް އިސްލާމްދީން ފެތުރޭންފެށުމުން ޤުރައިޝުން ނުކުޅެދިގެން ކޮންމެވެސް ދުވަހަކުން ހައްދުފަހަނަޅައިފައިވާ ފިޔަވަޅެއް އަޅަން މަޖްބޫރުވާނެކަން އިތުރުސާހިބާއަށް ކަށަވަރުވެވަޑައިގަންނަވައެވެ. އެހެންކަމުން އިތުރުސާހިބާ ވެސް ގެންދެވީ އެމާތްސާހިބާގެ މުހިންމަތުގެ ކުރިބެދުނަ ނުދެއްވަން އަޅުއްވާންޖެހޭ ފިޔަވަޅުފުޅުތަކާމެދު ވިސްނައިވަޑައިގަންނަވަމުންނެވެ. ޤުރައިޝުން އެބައިމީހުންގެ އިބްލީސީމަޝްރޫއު ރޭވުމުގެ ތިން ދުވަސްކުރީން ކައުސާހިބާ ޞައްލަﷲ އަލައިހިވަސައްލަމަ ހިޖްރައިގެ ވަރަށް ފުރިހަމަ ރޭއްވެވުމެއް ރޭއްވެވިއެވެ. އެމާތްސާހިބާގެ އިތުބާރު ކުރެއްވޭ ރަހްމަތްތެރިޔާ އަބޫބަކުރުއް ސިއްދީޤު ރަޟިޔަﷲ އަންހުއާ އެރޭއްވެވުން ތަންފީޒު ކުރެއްވުމާ ހަވާލުކުރެއްވިއެވެ.
މަދީނާގެ އަންސާރުންފިޔަވައި އެހެން ބައެއްފަރާތްތަކުންވެސް އެބައިމީހުންގެ ތެރެއަށް ވަޑައިގެންނެވުމަށް ކައުސާހިބާ ޞައްލަﷲ އަލައިހިވަސައްލަމަޔަށް ދައުވަތުއެރުވިއެވެ. އޭގެތެރެއިން އެއްބަޔަކީ ދައުސުވަންހައިގެ މީހުންނެވެ. އެބައިމީހުންނަކީ ވަރަށް ރައްކާތެރި ގަދަފަދަ ކިއްލާއެއްގެ ވެރިބަޔެކެވެ. އެވަންހައިގެ ރައީސް ޠުފައިލު ބިން ޢަމްރު އައްދައުސީ ރަޟިޔަﷲ އަންހު ވަނީ އިސްލާމްވެވަޑައިގެން އެކަލޭގެފާނުގެ ކިއްލާއަށް ވަޑައިގެންނެވުމަށް ކައުސާހިބާއަށް ދައުވަތު އަރުއްވައިފައެވެ. ނަމަވެސް ކައުސާހިބާ ހިޖްރައިގެ މަރްކަޒަކަށްވުމަށް ޤުދުރަތުން ރާއްވަވައިފައިވަނީ ޔަޘްރިބެވެ. އިތުރުސާހިބާގެ ހިޖްރައިގެ ކުރީން އަރަހުށި މާތްﷲ ވަނީ އިތުރުސާހިބާ ހިޖްރަކުރައްވާނެބިން އެމާތްސާހިބާޔަށް ހުވަފެންފުޅުގައި ދައްކަވައިފައެވެ. އެބިމަކީ އަނދައިފައިވާ ތަރުތީބެއް ނެތް ކަޅުހިލައިގެ ދެބަރިޔެއްގެ (ދެހިއްރާ) ދެމެދުގައި އޮތް ބިމެކެވެ. ބަގީޗާތަކުން ފުރިފައިވާ ވިޔަނަބިމެކެވެ. އެބިމަކަށްވާނެކަމަށް އެންމެފުރަތަމަ ބެލެވިފައިވަނީ ޔަމާމާ ނުވަތަ ހިޖްރެވެ. ނަމަވެސް އެޝަރަފުލިބުނީ ޔަޘްރިބަށެވެ.
ކައުސާހިބާގެ ދާރުލް ހިޖްރައިގެ ގޮތުންނާއި އިސްލާމީ ދައުވަތުގެ މަރުކަޒެއްގެ ހައިޘިއްޔަތުން ޔަޘްރިބު އިންތިޚާބު ކުރެއްވުމަކީ އަރަހުށި މާތްﷲ ގެ ދެނެވޮޑިގަތުމާއި އެކަލާނގެ ރަސޫލާގެ ދެނެވަޑައިގެންނެވުމުގައި އެކަމުގެ އެތައްސިއްރުތަކެއް އެކުލެވިފައިިވާނެ ކަމެއް ކަން ކަށަވަރެވެ. އާއްމު ނަޒަރަކުން ބަލާއިރު އެކަމުގެ އެއްސަބަބަކީ މަދީނާގެ ދިފާއީ އަހަންމިއްޔަތެވެ. އަސްކަރީ ގޮތުންނާއި ޖޯގްރަފީ ގޮތުން ބަލާއިރު ޔަޘްރިބަކީ ދިފާއީ ވަރުގަދަ ކިއްލާއެއްފަދަރަށެކެވެ. މުޅި ޖަޒީރަތުލް އަރަބުގައިވެސް މައްކާއާ ކައިރި ހިސާބެއްގައި ދިފާއީ ގޮތުން ޔަޘްރިބާ ވާދަކުރެވޭފަދަ ރަށެއްނެތެވެ. އެހެންކަމުން އަލަށް އުފެދޭ ދައުލަތެއްގެ ވެރިރަށަކަށްހަދަން އަރަބިކަރައިން އެންމެ މުނާސަބުރަށަކީ ޔަޘްރިބެވެ. އަޅުގަނޑު ލިޔުނު ފޮތެއްކަމުގައިވާ "ބަދުރުގެ މައިދާނުން ހަނގުރާމަ އާއި ޝަހީދުން" މިފޮތުގައި ވަނީ މަދީނާގެ ދިފާއީ އަހަންމިއްޔަތާމެދު އަޅިއަޅުވައިފައެވެ.
ދެވަނަ ސަބަބަކީ އަންސާރުންގެ ޝަޚްސިއްޔަތެވެ. އައުސުވަންހައާއި ޚަޒްރަޖުވަންހައިގެ ނަމުން މަޝްހޫރުވެފައިވާ ޔަޘްރިބުގެ ދެޤަބީލާއަކީ ޚާއްސަމޮޅު ސިފަތަކެއްލިބިފައިވާ ދެޤަބީލާއެވެ. ޤައުމީ ޣީރަތާއި، ކެތްތެރިކަމެވެ. ފުއްދުންތެރިކަމާއި އަމިއްލަވަންތަކަމަށް ލޯބިކުރުމެވެ. ހެވިކަމުގެ ހުނަރުތަކަށް ކުޅަދާނަކަމާއި، ފިރިހެންވަންތަކަމެވެ. އެބައިމީހުންނަކީ އެއްވެސް ދުވަސްވަރެއްގައި އެއްވެސް ރަސްކަމަކަށް ބޯލަނބައިފައިވާބައެއްނޫނެވެ. އެއްވެސް ބަޔަކަށް ދުވަހަކުވެސް ޖިޒީ ދައްކައިފައިވާ ބައެއްނޫނެވެ. ޚަންދަޤު ހަނގުރާމައިގެ ދުވަސްވަރު ޚަޒުރަޖުވަންހައާއި އައުސުވަންހައިިގެ ޒަޢީމުން ވަނީ ކައުސާހިބާ ޞައްލަﷲ އަލައިހި ވަސައްލަމަގެ އަރިހުގައި އެވާހަކަ ދަންނަވައިފައެވެ. އެބޭކަލުން ވިދާޅުވިއެވެ.
"މީގެކުރީން އަޅުގަނޑުމެންނަކީ ޝިރުކާއި ބުދަށް އަޅުކަންކުރުމުގައި ހައްޔަރުވެފައި ތިބި ބަޔަކީމުއެވެ. އޭރަކު އަޅުގަނޑުމެން މާތްﷲ ގެ ރަސްކަންފުޅެއް ނުދަންންމުއެވެ. އެކަލާނގެ ރަސްކަންފުޅަށް އަޅުކަމެއްނުކުރަމުއެވެ. އެކަމަކު އޭރުވެސް އަޅުގަނޑުމެން މެހްމާނަކަށް ކާންދީގެން ނުވަތަ އަގުދީފައި ގަނެގެންމެނުވީ މަދީނާގެ އެންމެ ކަދުރެއްވެސް ބޭރުބަޔަކު ކެޔަކަ ނުދެމުއެވެ."
ތިންވަނަ ސަބަބަކީ ޚަޒުރަޖުވަންހަ އާއި ހާޝިމުވަންހަ އާ ދެމެދުގައި އޮތް ގާތް އާއިލީގުޅުމެކެވެ. ޔަޘްރިބުގައި ދިރިއުޅޭ ދެވަންހައިންކުރެ ޚަޒްރަޖުވަންހައިގެ އެންމެ ބޮޑު އެއް އާއިލާއަކީ ނައްޖާރު ވަންހަ އެވެ. ނައްޖާރުވަންހައިގެ އަދީބުނުއް ނައްޖާރާ، ބަނީ ހާޝިމާ ދެމެދުވަނީ ގާތްތިމާގެ ކަމުގެ ގުޅުން އުފެދިފައެވެ. ކައުސާހިބާ ޞައްލަﷲ އަލައިހި ވަސައްލަމަގެ މުނިކާފާފުޅު ހާޝިމު އެވަންހައިގެ ބޭކަނބަލެއްކަމުގައިވާ ސަލްމާ ބިންތި އަމްރުއާ ކާވެނިބައްލަވައިގެންނެވިއެވެ. ކައުސާހިބާގެ ކާފާފުޅު އަބްދުލް މުއްޠަލިބަކީ ސަލްމާގެ ބަނޑުފުޅުން ހާޝިމަށް ލިބިވަޑައިގެންނެވި ދަރިކަލެކެވެ. ހާޝިމުގެފާނު އަބްދުލް މުއްޠަލިބު ބަހައްޓަވައިފައި ހުންނެވީ މައިކަނބަލުންގެ އަރިހުގައެވެ. ޔަޘްރިބުގައެވެ. އަބްދުލް މުއްޠަލިބުގެފާނުގެ ބޮޑުބޭބެ މުއްޠަލިބު އެކަލޭގެފާނު މައްކާޔަށް ގެންނެވީ އަބްދުލް މުއްޠަލިބުގެފާނު ބާލިޣުވެވަޑައިގެންނެވުމާ ކައިރިވެފައި ހުނަނަވަނިކޮށެވެ. އެހެންކަމުން އަބްދުލް މުއްޠަލިބުގެފާނުގެ މައިފުށުގެ ގާތްތިމާގެފުޅު ބޭކަލުންނާއި އެކަލޭގެފާނާ ދެމެދު އޮތީ ވަރަށް ބަދަހި ގުޅުމެއް އުފެދިފައިއެވެ. އަބްދުލް މުއްޠަލިބު މައްކާއަށް ވަޑައިގަތުމަށްފަހުވެސް އެގުޅުން ދެމިއޮތެވެ. އަބްދުލް މުއްތަލިބުގެފާނު ހައްޖާޖީންނަށް ފެންދެއްވާން ގެންގުޅުއްވި ޖާޑީތަކެއް އެކަލޭގެފާނުގެ ބޮޑުބޭބޭ ނައުފަލު ފޭރިގަތުމުން ވެސް ނައްޖާރުވަންހައިގެ މީހުން އަބްދުލް މުއްޠަލިބުގެފާނަށް އެހީވެދޭން މައްކާއަށް ދިޔައެވެ. އެއީވެސް އިސްލާމީ ތާރީޚުގައި މަޝްހޫރުވާހަކައެކެވެ. ޝައްކެއްނެތެވެ. އަރަބީންގެ އިޖްތިމާއީ ދިރިއުޅުމުގައި ގާތްތިމާގެ ކަމުގެ ގުޅުމަށް ރިއާޔަތްކުރުން ވަރަށް ބޮޑަށް އޮތެވެ. އެގުޅުމަކީ އަރަބީން ހަނދާންނައްތައިލާ ގުޅުމެއް ނޫނެވެ. މިގާތްގޮތުން ބަލާއިރު ކައުސާހިބާ ޞައްލަﷲ އަލައިހި ވަސައްލަމަ އެމާތް ސާހިބާގެ ހިޖްރަޔަށްޓަކައި ޔަޘްރިބު ޚިޔާރުކުރެއްވީކަމީ ބުއްދިވެރި ނިންމެވުމެކެވެ. ޝައްކެއްނެތެވެ. މިގޮތުންބަލާއިރު ޔަޘްރިބަކީ އިސްލާމީ ދަޢުވަތުގެ މަރުކަޒަކަށް ހައްދަވަން އެންމެ މުނާސަބުރަށެވެ.
އާދެ އެހެންކަމުން އިތުރުސާހިބާ ރޭއްވެވި ހިޖްރައިގެ މަޝްރޫޢުގެ މަންޒިލަކަށް ހަމަޖައްސަވައިފައި ވަނީ ޔަޘްރިބެވެ. ކައުސާހިބާގެ ހިޖްރަޔަށްފަހު މަދީނަތުއް ނަބިއްޔުގެ ނަމުން މަޝްހޫރުވެފައިވާ ރަށެވެ.
އިތުރުސާހިބާ ޔަޘްރިބު މަންޒިލެއްކަމުގައި ބައްލަވައިގެން ރޭއްވެވި ރޭއްވެވުމުގެ މުހިންމު ބައެއް ނުކުތާތައް ތިރީގައި މިދަންނަވަނީއެވެ.
1. ދަތުރު ކުރައްވާނެ ރަނގަޅު ދެސަވާރީ ހޯއްދެވުން (އަބޫބަކުރުއްސިއްދީޤު ރަޟިޔަﷲ އަންހުވަނީ ދުރާލައި އެކަމުގެ އިންތިޒާމު ހަމަޖައްސަވައިފައެވެ.)
2. މައްކާގެ ދެކުނު ފަރާތުން ދެތިން ދުވަހަކު ވަންހަނާ ވެވަޑައިގެން މަޑުކޮށްލައްވައިގެން ތިއްބެވޭފަދަ ތަނެއް ޚިޔާރު ކުރެއްވުން (ޔަޘްރިބު އޮންނަނީ މައްކާގެ އުތުރު ގައެވެ. މައްކާއިން ޔަޘްރިބަށް ދެވޭން އޮންނަ ހުރިހާ މަގުތަކެއްވެސް އޮންނަނީ އުތުރަށް ދަތުރުކުރެވޭ ގޮތަށެވެ. އެހެންކަމުން ޔަޘްރިބަށްދާ ބަޔަކު ހޯދަންކުރާ މަސައްކަތުގެ ނާރެހަކަށް ވާނީ އުތުރަށް ދަތުރުކުރެވޭ މަގުތަކާއި އެމަގުތަކުގެ ކައިރި ހިސާބު ގަނޑެވެ. ދެކުނަށް ދެވޭ މަގުތަކަށް ސަމާލުކަން ދެވޭލެއް ކުޑަވާނެއެވެ.)
3. މިގޮތުން ދަތުރުފުޅުގެ އެންމެފުރަތަމަ މަރްހަލާއަކީ ޘައުރު ފަރުބަދައިގެ ހޮހަޅަކަމުގައި ހަމަޖެއްސެވުން (ޘައުރު ފަރުބަދަ ހުންނަނީ މައްކާގެ ދެކުނު ފަރާތުގައެވެ. ޔަމަންކަރަޔަށްދާ މަގުކައިރީގައެވެ. ދަތުރުވެރިޔަކު މަޑުކޮށްލަން މުނާސަބު ހޮހޮޅައެއް އެފަރުބަދައިގެ ކުރީގައިހުރެއެވެ. ޘައުރުފަރުބަދަޔަކީ މައްކާގެ ހަމަބިމަށްވުރެ ބާރަވަރަކަށްސަތޭކަ ފޫޓު އުސް ފަރުބަދައެކެވެ. އެފަރުބަދަޔަށް ޘައުރުފަރުބަދައޭ ކިޔުނީ އިސްމާއީލުގެފާނުގެ ދަރިކޮޅުގެ މީހެއް ކަމުގައިވާ ޘައުރު ބިން ޢަބްދުމަނާފު އެފަރުބަދަމަތީގައި މަންޒިލްކޮށްގެން ދުވަސްކޮޅަކު ހުރުމުގެ ސަބަބުންކަމުގައި ބުނެވެއެވެ.)
4. ޘައުރު ފަރުބަދައިގެ ހޮހޮޅައިގައި ތިއްބަވާ ދުވަސްވަރު މުޝްރިކުން އެދެބޭކަލުން ހޯދަންކުރާ މަސައްކަތުގެ މައުލޫމާތާއި، މައްކާގެ ތާޒާ ޚަބަރުތައް ލިބިވަޑައިގަންނަވާނެ ގޮތް ހަމަޖެއްސެވުން. (އަބޫ ބަކުރުއްޞިއްދީޤު ރަޟިޔަﷲ ޢަންހު އެމުހިއްމު މަސްއޫލިއްޔަތު ހަވާލުކުރެއްވީ އެކަލޭގެފާނުގެ ދަރިކަލުން އަބްދުﷲ ރަޟިޔަﷲ ޢަންހުއާއެވެ.)
5. ކޮންމެދުވަހަކުވެސް ފަރީއްކޮޅު ލިބިވަޑާއިގަންނަވާނެ ގޮތް ހަމަޖެއްސެވުން (ކޮންމެ ރެޔަކު އިރުއޮއްސި އަނދިރިކަން ވެރިވުމުން ހޮހަޅައިގެ ދެމިތުރުންނަށް ފަރީއްކޮޅުގެންގޮސް ދެއްވުމާ ހަވާލުވެވަޑައިގެންނެވީ އަބޫބަކުރުގެފާނުގެ ދަރިކަނބަލުން އައްސިއްޔިދާ އަސްމާ ރަޟިޔަﷲ އަންހާ އެވެ.)
6. ކޮންމެދުވަހަކުވެސް ހިއްޕަވާނެ ތާޒާކިރު ލިބިވަޑައިގަންނަވާނެ އިންތިޒާމު ރޭއްވެވުން (އެކަންހަވާލު ކުރެއްވީ ޢާމިރު ބިން ފުހައިރާ ރަޟިޔަﷲ އަންހުއާއެވެ. ޢާމިރު ބިން ފުހައިރާ ރަޟިޔަﷲ އަންހުއަކީ އަބޫބަކުރު ރަޟިޔަﷲ އަންހު މިނިވަންކުރައްވައިފައިވާ އަޅެކެވެ. އެދުވަސްވަރު އާމިރުގެ މަސައްކަތްޕުޅަކީ އަބޫބަކުރުގެފާނުގެ ބަކަރިތަކެއް ހުއިހެއްޕެވުމެވެ. އެކަލޭގެފާނަށް ދެންނެވިފައިވަނީ ހެނދުނުއްސުރެ ހަވީރުވާންދެން އެހެނިހެން ބަކަރި ގޮވީންނާއެކު ބަކަރިތައް ހުއިހައްޕުވަމުންގެންދެވުމަށެވެ. ކޮންމެރެޔަކުވެސް އިރުއޮއްސި މޫނުއަނދިރިވުމުން ކިރު ބަކަރިތަކެއް ހޮހަޅައިގެ ދޮރުމައްޗަށް ގެންނެެވުމަށެވެ. ކައުސާހިބާއަށާއި އަބޫބަކުރުގެފާނަށް ތާޒާކިރު ލިބިވަޑައިގަންނަވާނެ އިންތިޒާމު މިގޮތުން ހަމަޖެހެމުންދިޔައެވެ.)
7. އަބްދުﷲ ބިން އަބީބަކުރު އާއި އަސްމާ ބިންތި އަބީބަކުރުއާ ދެބީނުން ހޮހޮޅައިން ނިކުމެވަޑައިގެންނެވުމުން އެދެބީނުންގެ ފިޔަވަޅުފުޅުގެ ނިޝާން އެނގުނަ ނުދިނުމަށްޓަކައި އެދެބީން ވަޑައިގަންނަވާ މަގުން ބަކަރިތައް ގެންދެވުން ( މިއީވެސް އާމިރު ބިން ފުހައިރާގެ މަސްއޫލިއްޔަތެކެވެ.)
8. މައްކާ އާއި މަދީނާއާ ދެމެދު ދަތުރުކުރާ އާއްމު މަގުތައް ނޫން އެހެން ފަރުބަދަ ތެރެއާއި ސަހަރާގެ އެމަގުތަކެއް ދަންނަ ތަޖްރިބާކާރު އަދި އިތުބާރު ކުރެވޭ ފަދަ އާރުކާޓީއަކު ހޯއްދެވުން (އެކަމަށްޓަކައި ޚިޔާރުކުރެވުނީ އަބްދުﷲ ބިން އުރައިޤަޠުއެވެ. އޭރު އޭނާއަކީ މުޝްރިކެކެވެ. ފަހުންވެސް އޭނާ އިސްލާމްވިކަމެއް އެނގިފައެއް ނުވެއެވެ. ނަމަވެސް އޭނާ އަކީ ތެދުވެރި އަމާނަތްތެރިޔެކެވެ. އިތުބާރުކުރެވޭ މީހެކެވެ.)
އަބޫބަކުރުއްސިއްދީގު ރަޟިޔަﷲ އަންހު މިހުރިހައިކަމެއްވެސް ނުހަނު ސިއްރުވެރި ގޮތުގައި ވަރަށް ފުރިހަމަޔަށް ހިނގާނެގޮތެއް ހަމަޖެއްސެވިއެވެ. އަބޫބަކުރު ރަޟިޔަﷲ އަންހުގެ އާއިލާ މިމަޝްރޫޢު ފުރިހަމަކުރެއްވުމުގައި ވެވަޑައިގެންނެވި ޤުރްބާނީ އާއި ބެހެއްޓެވި ވަފާތެރިކަމަކީ ތާރީފު ޙައްޤު ކަންކަމެވެ.
ކުރީންވެސް ދެންނެވިފަދައިން ޤުރައިޝުންގެ އިބްލީސީ ސައްލާ އޮތީ ނަބީކަމުގެ ސާދަވަނަ އަހަރުގެ ސަފަރު މަހުގެ ސައްބީސްވީ ބުރާސްފަތި ދުވަހުގެ މެންދުރުކުރީގައެވެ. އެސައްލާ ހަމަނިމުމާއެކު ޖިބްރީލްއަލައިހިއްސަލާމް ވަޑައިގެން އިތުރުސާހިބާއަށް އެޚަބަރުދެއްވިއެވެ. އެމާތް ސާހިބާ މައްކާއިން މަދީނާއަށް ހިޖްރަކުރެއްވުމުގެ ހުއްދަދެއްވިކަން ވެސް އެންގެވިއެވެ. އިތުރު ސާހިބާ އެކަލޭގެފާނުގެ ދާންމަތިކޮޅުގައި އެރޭ އަވަހާރަފުޅުނުލެއްވުމަށާއި، މައްކާއިން ނުކުމެވަޑައިގަންނަވާނެ ވަގުތުވެސް އެންގެވިއެވެ. އިތުރުސާހިބާ އަށް އެކަން އެގިވަޑައިގެންނެވުމުން އަވަސްވެވަޑައިގެންނެވީ އަބޫބަކުރުގެފާނުގެ ގެކޮޅަށެވެ. ދަތުރުފުޅާބެހޭ އެންމެފަހުގެ ނިންމެވުންތައް ނިންމެވުމަށެވެ. އެއީ ހޫނު މޫސުމެއްގެ މެންދުރު ވަގުތެވެ. މައްކާގެ މަގުތަކުގައި ހަރަކާތްތެރިކަން އޮތީ ހުއްޓިފައެވެ. މަގުތަކަށްވެރިވެފައި އޮތީ ހަމަހިމޭންކަމެވެ.
އުއްމުލް މުއުމިނީން އައްސައްޔިދާ އާއިޝާ ރަޟިޔަﷲ އަންހާ ރިވާކުރައްވައިފައިވެއެވެ. "ވަގުތަކީ މެންދުރު ވަގުތެވެ. އަހަރެމެންތިބީ ބައްޕާފުޅުގެ އަރިހުގައެވެ. ކައުސާހިބާ ސައްލަﷲ އަލައިހި ވަސައްލަމަ އަހަރެމެންގެ ގެޔަށް ފައިންޕުޅުބީއްސަވައިފިއެވެ. އިތުރުސާހިބާ ހުންނެވީ މޫނުފުޅާއެކު އިސްތަށިފުޅުގައި ރިދާކޮޅު ތުރުކުރައްވައިގެންނެވެ. އެވަގުތަކީ އާއްމުކޮށް މީހުން ބައްދަލުވާން އައިސް އުޅޭ ވަގުތެއް ނޫނެވެ. އެހެންކަމުން އިތުރުސާހިބާ އެފަދަވަގުތެއްގައި ވަޑައިގަންނަވާނީ ވަރަށް ޚާއްސަކަމެއްގައިކަން އަހަރެމެންނަށް އެނގުނެވެ. އިތުރުސާހިބާ ސައްލަﷲ އަލައިހި ވަސައްލަމަ ގެޔަށްވަދެވަޑައިގެން ވިދާޅުވިއެވެ. "އަރަހުށި މާތްﷲ އަހުރެންނަށް މިރަށްދޫކޮށް ޔަޘްރިބަށް ހިޖްރަކުރުމުގެ އިޒްނަ ދެއްވައިފިއެވެ." ބައްޕާފުޅު ވިދާޅުވިއެވެ. "އަޅުގަނޑާއެކުގައި ތޯއެވެ؟. ހަދީޘްކުރެއްވިއެވެ. "ކަލޭގެފާނާއެކުގައެވެ." ބައްޕާފުޅު ލިބިވަޑާއިގެންނެވި އުފާފުޅުން ކީރިތިކުރެއްވިއެވެ. އުފަލުންވެސް މީހުންރޮއި އުޅޭކަމެއް އޭގެ ކުރިޔަކު އަހަރެން ނުދަންނަވަމެވެ."
ކައުސާހިބާ ސައްލަﷲ އަލައިހި ވަސައްލަމަ ފުރާވަޑައިގެންނެވުމުގެ ކަންތައް ރޭއްވެވުމަށްފަހު އަވަސްވެވަޑައިގެން ވަޑައިގެންނެވީ އެމާތް ސާހިބާގެ ގެކޮޅަށެވެ. ގެކޮޅަށް ވަޑައިގެން އަލީރަޟިޔަﷲ އަންހުއަށް ދަތުރުފުޅުގެ ތަފްޞީލުތައް ދެއްވިއެވެ. ކައުސާހިބާ ސައްލަﷲ އަލައިހި ވަސައްލަމަ އެކަލޭގެފާނުގެ ދާންމަތިކޮޅުގައި އެރޭ އަވަހާރަފުޅު ނުލައްޕަވާނެ ކަމަށާއި އިތުރުސާހިބާގެ ނޫކުލައިގެ ސާލުކޮޅުގައިކޮޅުގައި ލައްވައިގެން އެދާންމަތިކޮޅުގައި އަވަހާރަލެއްޕެވުމަށް އަލީގެފާނުގެ އަރިހުގައި ވިދާޅުވިއެވެ. އަނެއްދުވަހުގެ އަލިވުމުން މީހުންގެ އަމާނަތްތައް އަދާކުރައްވައިފައި މަދީނާއަށް ވަޑައިގަންނަވަން އިރްޝާދުދެއްވިއެވެ.
(ނުނިމޭ)