އަލީ ޔާމިން
ކުޅިވަރުގެ ރޮނގުން ރާއްޖެއާ އޮންނަ ގުޅުން ބަދަހި ކުރުމަށް ލަންކާއިން މަޝްވަރާކޮށްފިއެވެ.
ސްރީ ލަންކާގެ ބޮޑުވަޒީރު މަހިންދާ ރާޖަޕަކްސާގެ ދަރިކަލުން، ނަމާލް ރާޖަޕަކްސާ ދިވެހި ބަހުން އިއްޔެ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ސްރީ ލަންކާއަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އުމަރު އަބްދުލް ރައްޒާގާ ބައްދަލުކުރައްވައި ދެގައުމުގެ ގުޅުން ކުޅިވަރާއި ޒުވާނުންގެ ރޮނގުން އިތުރަށް ވަރުގަދަކުރުމަށްޓަކައި މަޝްވަރާކުރައްވައިފައިވާ ކަމަށެވެ.
"ދެގައުމުގެ ގުޅުން ކުޅިވަރާއި ޒުވާނުންގެ ރޮނގުން އިތުރަށް ވަރުގަދަކުރުމަށްޓަކައި މަޝްވަރާކުރެވުމަކީ، ލިބުނު އުފަލެއް." ލަންކާގެ ޔޫތު މިނިސްޓަރުކަންވެސް ކުރައްވާ، ނަމާލް ވިދާޅުވިއެވެ.
މީގެ އިތުރުން ނަމާލް ވިދާޅުވީ ރާއްޖެއާއި ލަންކާއަކީ ގާތް އެކުވެރި ދެގައުމު ކަމަށެވެ.
ސްރީ ލަންކާއަކީ ގިނަ އަދަދެއްގެ ދިވެހިން ދިރިއުޅެމުން އަންނަ ގައުމެކެވެ. އެގޮތުން ރާއްޖެ ފިޔަވައި އެންމެ ގިނަ ދިވެހިން ދިރިއުޅެނީ ލަންކާގައެވެ.