އެމްޑީޕީ

ގޭންގުތަކާ ފަނޑިޔާރުންނާ ގުޅުން އޮތުމަކީ އަދުލު އިންސާފު ގާއިމުކުރުމަށް އޮތް ވަރަށް ބޮޑު ނުރައްކަލެއް: އެމްޑީޕީ

ޝަހީދާ އަބްދުﷲ ސައީދު

ރާއްޖޭގައި ހަރަކާތްތެރިވާ ގޭންގުތަކާއި ކޯޓުތަކުގެ ފަނޑިޔާރުންނާ ގުޅުން އޮތުމަކީ އަދުލު އިންސާފު ގާއިމުކުރުމަށް އޮތް ވަރަށް ބޮޑު ނުރައްކަލެއްކަމަށް އެމްޑީޕީން ބުނެފިއެވެ.

އެމްޑީޕީން އެކަމާ ކަންބޮޑުވުންފާޅުކޮށް ބަޔާނެއް ނެރެފައިވަނީ ރިޔާސީ ކޮމިޝަނުން އިއްޔެ ބޭއްވި ނޫސްވެރީންގެ ބައްދަލުވުމުގައި ކޯޓުތަކާއި ފަނޑިޔާރުންނާ ގޭންގުތައް ވަރަށް ބޮޑަށް ގުޅިފައިވާކަމަށް ވިދާޅުވެ، އެކޮމިޝަންގެ ރައީސް ހުސްނުއްސުއޫދު ދެއްކެވި ވާހަކަފުޅުތަކާ ގުޅިގެންނެވެ.

އެމްޑީޕީން މިއަދު ނެރުނު ބަޔާނުގައި ބުނީ މަރާލާފައިވާ މީހުންނާއި، ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގުކުރުމަށް ރައީސުލްޖުމްހޫރިއްޔާ އުފައްދަވާފައިވާ ރިޔާސީ ކޮމިޝަނުން ރައްޔިތުންނަށް މައުުލޫމާތު ދެއްވަމުން، ރާއްޖޭގެ ކޯޓުތަކުގެ ހާލަތު ގޯސްވެފައިވާ މިންވަރު އިތުރަށް ބަޔާންކޮށްދެއްވަމުން ދެއްވި މައުލޫމާތާމެދު އިންތިހާއަށް ކަންބޮޑުވާ ކަމަށެވެ.

އެ ކޮމިޝަނުން ހާމަކުރި މައުލޫމާތުގެ ތެރޭގައި ބައެއް ވިޔަފާރިވެރީންނާއި ގޭންގުތަކުގެ ނުފޫޒު ކްރިމިނަލް ކޯޓަށް ވަރަށް ބޮޑަށް ފޯރާފައިވާކަމާއި ގޭންގުތަކުން ބޭނުންވާ ފަނޑިޔާރުން ކޯޓަށް އައްޔަނުކޮށްފައި ތިބިކަމަށް ހާމަކޮށްފައިވާކަމަށް ބަޔާނުގައި ވެއެވެ.

އަދި ފަނޑިޔާރުންނާއި ގޭންގުތަކާ ގުޅިގެން މަރުގެ ބައެއް މައްސަލަތަކުގައި ތުހުމަތުކުރެވޭ މީހުންގެ މައްޗަށް ކުށް ސާބިތުނުކުރުމުގެ އަމަލުތައް ހިންގާފައިވާކަމާއި ހައްޔަރު ކުރަންޖެހޭ މީހުން ހައްޔަރު ނުކުރުމާއި ހައްޔަރު ކުރަން ނުޖެހޭ މީހުން ހައްޔަރުކުރުން ފަދަ އަމަލުތައް ވެސް ހިންގާފައިވާކަމަށް ހާމަކޮށްފައިވުމާއި އަދި ފަނޑިޔާރުންގެ ސެކިޔުރިޓީއަށް ގޭންގުތައް ބޭނުންކޮށްފައިވާކަން ވެސް ފާހަގަކޮށްފައިވާތީ އެޕާޓީން ނެރުނު ބަޔާނުގައި ވަނީ އެކަމާ ކަންބޮޑުވުން ފާހަގަކޮށްފައެވެ.

''ރައްޔިތުންގެ ހައްގުުތައް ދިފާއުުކޮށް ގާނޫނު އަސާސީ އާއި ގާނޫނުގެ ބާރުވެރިކަން ނަގަހައްޓައި ރާއްޖޭގެ ޑިމޮކްރެސީ އާއި ހަމަޖެހުން ގާއިމުކުރެވެން އޮތީ ދިވެހި ރައްޔިތުންނާއި ބައިނަލްއަގުވާމީ ދުނިޔެއިން ތަކުރާރުކޮށް ގޮވާލަމުން އަންނަ ކަންކަން އިސްލާހުކޮށް ކޯޓުތަކާއި ޝަރުއީ ނިޒާމު މިފަދަ ނުރައްކާ ކަންތައްތަކުން ސަލާމަތްކޮށް، މިނިވަންކޮށްގެން ކަމާމެދު ޝައްކެއް ނެތެވެ. އަދި ފަނޑިޔާރުގެ ސާފުކޮށް، އިސްލާހުކުރުމަށް ބޭނުންވާ އެންމެހައި އެހީތެރިކަންދީ، އެ މަސައްކަތުގައި މި ޕާޓީ ސާބިތުކަމާއެކު ދެމިއޮންނާނޭ ކަމުގެ ޔަގީންކަން އަރުވަމެވެ'' އެމްޑީޕީގެ ބަޔާނުގައި ވެއެވެ.

މި ކަންކަމަކީ ރައްޔިތުންނަށް ރައްކާތެރިކަން ފޯރުކޮށްދީ އަދުލު އިންސާފު ގާއިމުކުރުމަށް އޮތް ވަރަށް ބޮޑު ނުރައްކަލެއް ކަމަށާއި އަދި އެއީ ރާއްޖޭގެ ކޯޓުތަކުގެ ނާއިންސާފުކަމާއި އެ ކޯޓުތަކުން ރައްޔިތުންގެ ހައްގުތަކަށް ފާޅުގައި އަރައިގަންނަމުންދާކަން ރާއްޖޭގެ ގިނަ ރައްޔިތުންނާއި ބައިނަލްއަގުވާމީ ދުނިޔެ އިއްތިފާގުވަމުންދާއިރު، އެކަމުގެ ތެރެއަށް އިތުރުވި ބިރުހުރި މައުލޫމާތެއް ކަމަށް ބަޔާނުގައިވެއެވެ.