އެންމެ މޮޅު ކޯޗުގެ އެވޯޑު ޓީސީ ސްޕޯޓްސް ކްލަބުގެ ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) ހޯދައިފިއެވެ.
ފަރުކޮޅުފުށީގައި މިއަދު ބޭއްވި މޯލްޑިވްސް ފުޓްބޯލް އެވޯޑްސް 2018ގެ ހަފްލާގައި ނިޒާމްބެއަށް އެވޯޑު ހަވާލުކޮށްދެއްވީ މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ރައީސް އަދި އޭއެފްސީ އެގްޒެކެޓިވް ކޮމިޓީގެ މެމްބަރު މުހައްމަދު ޝަވީދެވެ.
މިދިޔަ ސީޒަނަކީ ޓީސީ އަދި ނިޒާމްބެގެ ކޯޗިން ކެރިޔަރުގެ ވެސް އެންމެ ކާމިޔާބު ސީޒަނެވެ. ނިޒާމްބެ ވަނީ ފުރަތަމަ ފަހަރަށް ޓީސީއަށް ދިވެހި ޕްރިމިއާ ލީގު ކާމިޔާބުކޮށްދީފައެވެ. ދެވަނަ ޑިވިޝަނުން ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓުކޮށްދިނުމަށް ފަހު ވެސް ނިޒާމްބެ ވަނީ ޓީސީއަށް ފާހަގަކޮށްލެވޭ ކާމިޔާބީތަކެއް ހޯދައިދީފައެވެ. ނިޒާމްބެ ވަނީ 2016 ވަނަ އަހަރުގެ އެންމެ މޮޅު ކޯޗުގެ އެވޯޑު ވެސް ހޯދައިފައެވެ.
ނިޒާމްބެ އެ އެވޯޑު ހޯދާފައިވަނީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބުގެ ކޯޗު އިސްމާއިލް މަހެފޫޒު (އިންމަ) އަދި ކްލަބު އީގަލްސްގެ މުހައްމަދު ޝިޔާޒް (މޯހަން)އާ ވާދަކޮށްގެންނެވެ.
މޯލްޑިވްސް ފުޓްބޯލް އެވޯޑްސްއަކީ އެފްއޭއެމްއާއި މޯލްޑިވްސް ފުޓްބޯލް ޑޮޓްކޮމް ގުޅިގެން ބާއްވަމުން އަންނަ އެވޯޑެކެވެ.