އެންމެ މޮޅު އަންހެން ކުޅުންތެރިޔާގެ އެވޯޑު ފަދުވާ ޒާހިރު ހޯދި އިރު، އެންމެ އުންމީދީ އަންހެން ކުޅުންތެރިޔާގެ އެވޯޑު އައިޝަތު ފިރުޝާ ހޯދައިފިއެވެ.
މިއަދު ފަރުކޮޅުފުށީގައި ބޭއްވި މޯލްޑިވްސް ފުޓްބޯލް އެވޯޑްސް ހަފްލާގައި ވަނީ އެ ކުޅުންތެރިންނަށް އެވޯޑު ހަވާލުކޮށްދީފައެވެ.
ފަދުވާއަކީ ރާއްޖޭގެ ގައުމީ އަންހެން ޓީމުގެ ކެޕްޓަނެވެ. ރާއްޖޭގައި އުފެދުނު އެންމެ މޮޅު އަންހެން ކުޅުންތެރިންގެ ހިމެނޭ ފަދުވާ ވަނީ މިއަހަރު ބޭއްވި އޮލިމްޕިކްސް ކޮލިފައިންގައި އިންޑޮނޭޝިއާ ކޮޅަށް ހިތްގައިމު ލަނޑެއް ކާމިޔާބުކޮށް، ރާއްޖެއިން ކުޅުނު ކޮންމެ މެޗެއްގައި ވެސް މޮޅު ކުޅުމެއް ދައްކައިފައެވެ.
އެންމެ އުންމީދީ ކުޅުންތެރިޔާގެ އެވޯޑު ހާސިލުކުރި އުމުރުން 18 އަހަރުގެ ފިރުޝާއަކީ ވެސް އޮލިމްޕިކް ކޮލިފައިންގައި ގައުމީ އަންހެން ޓީމަށް މޮޅު ކުޅުމެއް ދެއްކި ކުޅުންތެރިއެކެވެ. އޭނާ އެ އެވޯޑު ހޯދާފައިވަނީ އުމުރުން 18 އަހަރުގެ ފާތިމަތު ތީބާ އަދި އުމުރުން 20 އަހަރުގެ ފާތިމަތު ސައިނާއާ ވާދަކޮށްގެންނެވެ.