މޯލްޑިވްސް ފުޓްބޯލް އެވޯޑްސް 2018ގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑާއި ރަން ބޫޓު، ރާއްޖޭގައި އުފެދުނު އެންމެ މޮޅު ކުޅުންތެރިޔާ އަލީ އަޝްފާގު (ދަގަނޑޭ) ހާސިލްކޮށްފިއެވެ.
ނިމިދިޔަ ސީޒަނުގައި އަޝްފާގު ކާމިޔާބުކުރި 42 ލަނޑަކީ ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާއި ޓީސީ ސްޕޯޓްސް ކްލަބަށް ކާމިޔާބުކޮށްދިން ލަނޑުތަކެވެ. މިދިޔަ ސީޒަނުގެ މާލޭ ލީގުގައި ނިއުއިން އަޝްފާގު ފެނިގެންދިޔަ އިރު، ދިވެހި ޕްރިމިއާ ލީގުގައި ފެނިގެންދިޔައީ ޓީސީންނެވެ.
އަޝްފާގު ވަނީ ނިއުއަށް މާލޭ ލީގު ކާމިޔާބުކޮށްދިނުމަށް އިސް ދައުރެއް އަދާކޮށްދީފައެވެ. އެޓީމުން މާލޭ ލީގު ކާމިޔާބުކުރި އިރު، އެޓީމުގެ ކެޕްޓަނެއްގެ ގޮތުގައި ފެނިގެންދިޔައީ އަޝްފާގެވެ. ޓީސީއަށް ބަދަލުވުމަށް ފަހު އަޝްފާގު ވަނީ އެޓީމަށް ދިވެހި ޕްރިމިއާ ލީގު ކާމިޔާބުކޮށްދިނުމުގައި އިސް ދައުރެއް އަދާކޮށް، މުހިންމު ލަނޑުތަކެއް ވެސް ކާމިޔާބުކޮށްފައެވެ.
އަޝްފާގުގެ އިތުރުން އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑަށް ވާދަކޮށްފައިވަނީ ޓީސީ ސްޕޯޓްސް ކްލަބުގެ އިބްރާހިމް މަހުދީ ހުސައިން (ފޭދޫ އިއްބެ) އަދި ކްލަބު އީގަލްސްގެ އަހްމަދު ރިޒުވާން (ރިޒޭ) އެވެ.
މޯލްޑިވްސް ފުޓްބޯލް އެވޯޑްސްއަކީ އެފްއޭއެމްއާއި މޯލްޑިވްސް ފުޓްބޯލް ޑޮޓްކޮމް ގުޅިގެން ބާއްވަމުން އަންނަ އެވޯޑެކެވެ.