އެންމެ ރީތި ލަނޑު ކާމިޔާބުކުރާ ކުޅުންތެރިޔާއަށް ދޭ ޖޫލޭ އެވޯޑު ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުގެ ހަމްޒާ މުހައްމަދު (ހަމްޕު) ހޯދައިފިއެވެ.
ފަރުކޮޅުފުށީގައި މިއަދު ބޭއްވި މޯލްޑިވްސް ފުޓްބޯލް އެވޯޑްސް ހަފްލާއަށް ހަމްޕު ހާޒިރުވެފައިނުވާތީ، އޭނާގެ ބަދަލުގައި އެ އެވޯޑާ ހަވާލުވީ ނިއުގެ ތަޖުރިބާކާރު މިޑްފީލްޑަރު މުހައްމަދު އުމައިރެވެ.
ހަމްޕުއަށް އެ އެވޯޑު ލިބިފައިވަނީ ދިވެހި ޕްރިމިއާ ލީގުގައި ފ. ނިލަންދުއާ ދެކޮޅަށް ކުޅުނު މެޗުގައި ކާމިޔާބުކުރި ލަނޑަށެވެ. ޖޫލޭ އެވޯޑު ހޮވުމަށް ހުޅުވާލާފައިވަނީ އާންމުންނަށެވެ.
އެ އެވޯޑަށް ހަމްޕުއާ ވާދަކޮށްފައިވަނީ ތިމަރަފުށީގެ އަމީން ޝާހާއި ޔުނައިޓެޑް ވިކްޓަރީގެ ހަސަން ފައިރޫޒާއި ޓީސީ ސްޕޯޓްސް ކްލަބުގެ އިބްރާހިމް މަހުދީ ހުސައިން (ފޭދޫ އިއްބެ) އާއި އެޓީމުގެ އިޝާން އިބްރާހިމް (ސައްޓު) އާއި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބުގެ މޫސާ ޔާމީނާއި ފެހެންދޫ ޓީމުގެ އަހްމަދު ނިޒާމާއި ޓީސީގެ އަލީ އަޝްފާގު (ދަގަނޑޭ) އަދި ފޯކައިދޫގެ ޓީމުގެ މުހައްމަދު ޖައިލަމެވެ. އޭގެ ތެރޭގައި ފޭދޫ އިއްބެގެ ދެ ލަނޑު ހިމެނުނު އިރު، މިއަހަރުގެ ސާފް ޗެމްޕިއަންޝިޕްގެ ފައިނަލް މެޗުގައި އިންޑިއާ ކޮޅަށް އޭނާ ކާމިޔާބުކުރި ލަނޑު ވެސް ފާހަގަކޮށްލެވެއެވެ.