މޯލްޑިވްސް ފުޓްބޯލް އެވޯޑްސް

އެންމެ މޮޅު ގޯލްކީޕަރަކަށް ކިރަން، އެންމެ މޮޅު ބިދޭސީ ކުޅުންތެރިޔަކަށް ކޯނެލިއަސް

މޯލްޑިވްސް ފުޓްބޯލް އެވޯޑްސް 2018ގެ އެންމެ މޮޅު ގޯލްކީޕަރަކަށް ޓީސީ ސްޕޯޓްސް ކްލަބުގެ ލިމްބޫ ކިރަން ކުމާރު ހޮވުނު އިރު، އެންމެ މޮޅު ބިދޭސީ ކުޅުންތެރިޔަކަށް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބުގެ ކޯނެލިއަސް ސްޓެވާޓް ހޮވިއްޖެއެވެ.

ފަރުކޮޅުފުށީގައި މިއަދު ބޭއްވި މޯލްޑިވްސް ފުޓްބޯލް އެވޯޑްސް ހަފްލާއަށް އެ ދެ ކުޅުންތެރިން ހާޒިރުވެފައިނުވާތީ ކިރަންގެ އެވޯޑާ ޓީސީގެ ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) ހަވާލުވި އިރު، ކޯނެލިއަސްގެ އެވޯޑާ ހަވާލުވީ މާޒިޔާގެ ކެޕްޓަން އަސަދުﷲ އަބްދުﷲ (އަސައްކޮ) އެވެ.

އެންމެ މޮޅު ގޯލްކީޕަރުގެ މަގާމު ހޯދި ލިމްބޫ ކިރަން ކުމާރު ވަނީ ޓީސީގައި މޮޅު ކުޅުމެއް ދައްކައި، އެޓީމަށް ނިމިދިޔަ ސީޒަނުގެ ދިވެހި ޕްރިމިއާ ލީގު ކާމިޔާބުކޮށްދިނުމަށް އިސް ދައުރެއް އަދާކޮށްފައެވެ. ނިމިދިޔަ ސީޒަނުގެ ކުރިން ވެސް ލިމްބޫ ވަނީ ޓީސީގެ ގޯލު ބަލަހައްޓައިފައެވެ.

އެންމެ މޮޅު ގޯލްކީޕަރުގެ އެވޯޑު ކިރަން ހޯދާފައިވަނީ މިއަހަރުގެ ސާފް ޗެމްޕިއަންޝިޕްގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑު ހޯދި ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުގެ ކީޕަރު މުހައްމަދު ފައިސަލް އަދި ކްލަބު އީގަލްސްގެ ކީޕަރު ސުޖަން ޕެރޭރާއާ ވާދަކޮށްގެންނެވެ.

އެންމެ މޮޅު ބިދޭސީ ކުޅުންތެރިޔާގެ މަގާމަށް ހޮވުނު ކޯނެލިއަސް ވަނީ ނިމިދިޔަ ސީޒަނުގައި މާޒިޔާއަށް މޮޅު ކުޅުމެއް ދައްކައިފައެވެ. އޭނާ ވަނީ އޭގެ ކުރިން ޓީސީ ސްޕޯޓްސް ކްލަބަށް ކުޅެ، އެޓީމުގައި ވެސް ފާހަގަކޮށްލެވޭ މޮޅު ކުޅުމެއް ދައްކައިފައެވެ.

އެންމެ މޮޅު ބިދޭސީ ކުޅުންތެރިޔާގެ އެވޯޑު ކޯނެލިއަސް ހޯދާފައިވަނީ ކްލަބު ގްރީން ސްޓްރީޓްސްގެ ރޮލެންޑް ރަސެލް ބިލާލާ އަދި ޓީސީ ސްޕޯޓްސް ކްލަބުގެ ޑިފެންޑަރު އަލާއެލްޑިން ނަސްރު އެލްސަޔެދް އީސާއާ ވާދަކޮށްގެންނެވެ.