މޯލްޑިވްސް ފުޓްބޯލް އެވޯޑްސް 2018ގެ ހަޔާތީ އަރުތައިގެ އެވޯޑު، ކުރީގެ ރެފްރީ މައްލާ ޅަތުއްތުއަށް ލިބިއްޖެއެވެ.
މެދުކެނޑުމެއްނެތި ފުޓްބޯޅައަށް 40 އަހަރު ހިދުމަތްކޮށްފައިވާ މައްލާއަށް ހަޔާތީ އަރުތައިގެ އެވޯޑު އަރުވާފައިވަނީ އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލެވެ.
ކުޅިވަރުގެ ރޮނގުން 1990 ވަނަ އަހަރު އާންމު ހިދުމަތުގެ އިނާމު ހާސިލުކޮށްފައިވާ މައްލާ އެންމެ ފުރަތަމަ ފާހަގަކޮށްލެވުނީ މޮޅު ރެފްރީއެއްގެ ގޮތުގައެވެ. އޭނާއަކީ ރާއްޖޭގެ އެންމެ ފުރަތަމަ ފީފާ ރެފްރީއެވެ.
ރެފްރީކަމުން ރިޓަޔާވުމަށްފަހު ރެފްރީން އުފެއްދުމުގެ މަސައްކަތުގައި މައްލާ ފާހަގަކޮށްލެވުނެވެ. އެގޮތުން ރާއްޖޭގައި އުފެދުނު މޮޅު ރެފްރީންގެ ތެރޭގައި މައްލާގެ ދަރިވަރުން ހިމެނެއެވެ.
މޯލްޑިވްސް ފުޓްބޯލް އެވޯޑްސްއަކީ އެފްއޭއެމްއާއި މޯލްޑިވްސް ފުޓްބޯލް ޑޮޓްކޮމް ގުޅިގެން ބާއްވަމުން އަންނަ އެވޯޑެކެވެ.