ދެމަސްދުވަހުގެ މެދުކެނޑުމަކަށްފަހު ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ފޯކައިދޫ އާއި އީގަލްސް ކުޅުނު މެޗުތަކުން މޮޅުވެ، ޓޭބަލްގެ ކުރިއަށް ޖެހިލައިފި އެވެ.
ފޯކައިދޫ ވަނީ ރޭ ކުޅުނު މެޗުގައި ފަސޭހަކަމާއެކު ފެހެންދޫގެ މައްޗަށް 0-4 ގެ ނަތީޖާ އަކުން ކުރި ހޯދައި، 5 ޕޮއިންޓާއެކު ޓޭބަލްގެ ހަވަނައަށް ޖެހިލާފައެވެ. އީގަލްސް އިން ވަނީ މިރޭ ކުޅުނު މެޗުގައި ކްލަބް ގްރީން ސްޓްރީޓްސް އަތުން 0-1 ގެ ނަތީޖާ އަކުން މޮޅުވެ 8 ޕޮއިންޓާއެކު ޓޭބަލްގެ ހަތަރު ވަނައަށް ޖެހިލާފައެވެ. ލީގު މެދުކަނޑާލުމާ ހަމައަށް މިދެޓީމުން ވެސް ވަނީ ކޮންމެ ޓީމެއް 4 މެޗު ކުޅެފައެވެ.
ރޭގެ މެޗުގައި ފޯކައިދޫ ޓީމަށް ލަނޑުތައް ކާމިޔާބުކޮށްދިނީ އެޓީމަށް ކުޅޭ މިސްރުގެ މިޑްފީލްޑަރު ހަލީލް ޖަމާލް އާއި، ފޯވާޑް މުޙައްމަދު ޖައިލަމް އާއި، މިސްރުގެ ޑިފެންޑަރު މަހުމޫދު ސައީދެވެ. މީގެތެރެއިން މެޗުގެ މޮޅު ކުޅުންތެރިޔާގެ މަޤާމު ހޯދި ޖައިލަމް ވަނީ ދެ ލަނޑު ކާމިޔާބުކޮށްފައެވެ. ރޭގެ މެޗުގެ 72 ވަނަ މިނެޓުގައި ފޯކައިދޫގެ އުސާމަށް ރެފްރީ ރަތްކާޑު ދެއްކުމުންވެސް، ފޯކައިދޫގެ ފަރާތުން ވަރުގަދަ މޮޅު ކުޅުމެއް ފެނިގެންދިޔައެވެ. އަދި މިމެޗުގައި އެޓީމުން ކާމިޔާބުކުރި ފަހު ތިން ލަނޑުވެސް ކާމިޔާބުކުރީ މެޗުގެ ފަހު 10 މިނެޓުގެ ތެރޭގައިކަން ފާހަގަކޮށްލެވެއެވެ.
ރޭގެ މެޗާއި ބެހޭ ގޮތުން ފެހެންދޫ ޓީމުގެ މެނޭޖަރު މޫސާ ނަސީމް ބުނެފައިވަނީ، ފޯކައިދޫއިން ހޯދީ ހައްޤު މޮޅެއްކަމަށާއި، ފެހެންދޫ ޓީމަށް ރަނގަޅަށް މެޗަށް ތައްޔާރުވެވިފައި ނެތްކަމަށެވެ.
ފޯކައިދޫގެ ކޯޗު އަލީ ނިސްތާރު މުހައްމަދު ބުނެފައި ވަނީ، މެދުކެނޑުމަކަށްފަހު ކުޅެންޖެހުމުން އުނދަގޫ ތަކަކާ ކުރިމަތިލާން ޖެހުނު ކަމަށާއި، އެހެންނަމަވެސް މޮޅުވުމުން ހިތްހަމަޖެހޭ ކަމަށާއި، އެކަކު މަދުކޮށް ކުޅުންތެރިން ކުރި ހިތްވަރަށް ސާބަސްދޭކަމަށެވެ.
މިރޭގެ މެޗުގައި ކްލަބް އީގަލްސް އިން ކާމިޔާބު ކުރި ހަމައެކަނި ލަނޑަކީ މެޗުގެ 8 ވަނަ މިނެޓުގައި ގްރީން ސްޓްރީޓްސްގެ ޑިފެންޑަރު ސަމްދޫހް މުޙައްމަދުގެ އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. އީގަލްސްއިން ނެގި ކޯނަރެއް އެޓީމުގެ އަހުމަދު ނޫމާން (ހެލްމެޓް) ބޮލުން ޖެހުމުގެ ކުރިން ސާފުކޮށްލަން އުޅުމުގެ ތެރޭގައި ގްރީން ސްޓްރީޓްސްގެ ސަމްދޫހުގެ ބޮލުގައި ޖެހި ބޯޅަ ވަނީ ބައިކޮޅަށް ވަދެފައެވެ.
މިރޭގެ މެޗަށްފަހު ގްރީންގެ ކޯޗު އަލީ ސުޒޭން ބުނެފައިވަނީ، އީގަލްސް އިން މޮޅަށް ކުޅުނު ކަމަށާއި، އޭނާގެ ޓީމަށް ބްރޭކް ތެރޭގައި އެންމެ ރަނގަޅަށް ތައްޔާރުވެވިފައި ނެތްކަމަށެވެ. އަދި ދެން އަންނަ މެޗުގައި އެކަންތައްތައް ރަނގަޅު ކުރާނެ ކަމަށް އޭނާ ބުންޏެވެ.
އީގަލްސްގެ ކޯޗު މުޙައްމަދު ޝިޔާޒް (މޯހަން) ބުނެފައި ވަނީ، ޓީމުގެ ޕްރެކްޓިސްތައް ދިޔައީ އެންމެ އެދެވޭ ގޮތަށް ނޫންކަމަށާއި، އެހެންނަމަވެސް މިރޭގެ މެޗުގައި އޭނާގެ ޓީމުން މޮޅަށް ކުޅުން ކަމަށެވެ.
އަންނަ އަންގާރަ ދުވަހު ހަވީރު ފޯކައިދޫ ނިކުންނާނީ ނިލަންދޫ އާ ދެކޮޅަށެވެ. އަދި ހަމަ އެރޭ އީގަލްސް ނިކުންނާނީ ތިމަރަފުއްޓާ ދެކޮޅަށެވެ.