ޝަހީދާ އަބްދުﷲ ސައީދު
އެމްޑީޕީގެ އިންޓަރނޭޝަނަލް ތަރުޖަމާނު ހާމިދު އަބްދުލްޣަފޫރުގެ ވަރުގަދަ ބަހުގެ ހަމަލާތަކެއް ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަމީން އިބްރާހީމަށް ދީފިއެވެ.
އަމީން އިބްރާހީމްއާ ހަވާލާދީ ''މިހާރު'' ނޫހުގައި ލިޔެފައިވާ ހަބަރެއް ރީޓުވީޓު ކުރައްވަމުން ހާމިދު މިއަދު ކުރެއްވި ޓުވީޓުގައި ވިދާޅުވީ އެމްޑީޕީގެ ކެންޑިޑޭޓަށް ރައްޔިތުންގެ 58 އިންސައްތަ ވޯޓް ދިނީ ވައުދު ފުއްދޭނީ މެނިފެސްޓޯއަކާއެކު ވައުދުވާ ޕާޓީއަށް މެޖޯރިޓީ ދީގެންކަން ރައްޔިތުންނަށް އެނގޭތީ ކަމަށެވެ.
އަދި ގޮނޑިކޮއްކޮ ނައިބުން ނެރެގެން ދެން އޮޅުވައެއްވެސް ނުލެވޭނެ ކަމަށާއި ބަޣާވާތެއްވެސް ނުކުރެވޭނެ ކަމަށް ހާމިދުގެ ޓުވީޓުގައި ވިދާޅުވިއެވެ. ގޮނޑި ކޮއްކޮ ނައިބުން ކަމަށް ހާމިދު ވިދާޅުވި އިރު ކޯލިޝަންގެ ސަރުކާރުގެ ނާއިބު ރައީސް ފައިސަލް ނަސީމުއަކީ ޖުމްހޫރީ ޕާޓީއަށް ނިސްބަތްވެ ވަޑައިގަންނަވާ ބޭފުޅެކެވެ.
ހާމިދު މިފަދައިން ޓުވީޓު ކުރައްވާފައިވަނީ އަމީން އިބްރާހީމް ކުރެއްވި ޓުވީޓުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އެމަގާމަށް ރައްޔިތުން ހޮވީ ކޯލިޝަން ސަރުކާރެއް އުފެއްދުމަށް ކަމަށް ވިދާޅުވެ ދައްކަވާފައިވާ ވާހަކަތަކާ ގުޅިގެންނެވެ.
އަދި ރައީސް ސޯލިހުގެ ވައުދު ފުއްދުމަށް މަޖިލީހުގައި ކޯލިޝަންގެ މެޖޯރިޓީ އޮތުން މުހިންމު ކަމަށާއި އެކަމަކު ވަކި ޕާޓީއެއްގެ މެޖޯރިޓީއެއް މުހިންމު ނޫން ކަމަށް އަމީންގެ ޓުވީޓުގައި ވެއެވެ.
އަދި އޭގެ އިތުރުން އަމީންގެ ޓުވީޓުގައި ވަކި ޕާޓީއަކުން މަޖިލީހުގެ މެޖޯރިޓީއަށް ޑިމާންޑްކުރުމަކީ ރައްޔިތުން އިތުރަށް ވިސްނަންޖެހޭ ކަމެއް ކަމަށް ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ގޮނޑިތައް ކޯލިޝަންގެ ޕާޓީތަކަށް ބެހުމާ މެދު ކޯލިޝަންގެ ލީޑަރުން ގެންދަވަނީ މަޝްވަރާ ކުރައްވަމުންނެވެ. ނަމަވެސް އެމްޑީޕީން މަޖިލީހުގެ 87 ދާއިރާއަށް ވާދަކުރަން ނިންމުމާ ގުޅިގެން ޖުމްހޫރީ ޕާޓީން އެކަމާ ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.