އެމްޑީޕީއާ ދެކޮޅު ނޫން ކަމަށް އިލެކްޝަންސް ކޮމިޝަންގެ ކުރީގެ ރައީސް ފުވާދު ތައުފީގު ވިދާޅުވެއްޖެއެވެ.
ފުވާދު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އަމިއްލަ ގޮތުން އޭނާ ވާދަކުރައްވަން އިއުލާން ކުރެއްވުމާ ހަމައަށް ވެސް އެމްޑީޕީން އެއްވެސް އިޝާރާތެއް ނުކުރާ ކަމަށް ވިދާޅުވުމާއި ގުޅިގެން ބައެއް ފަރާތްތަކުން ފާޑުކިޔަމުން ދަނިކޮށް މިއަދު ކުރެއްވި ޓުވީޓެއްގައެވެ.
ފުވާދު ކުރެއްވި ޓުވީޓުގައި ވިދާޅުވީ އެމްޑީޕީގެ ލީޑަރޝިޕާއި އާންމު މެންބަރުންނާއި އަދި އެމްޑީޕީގެ ސަޕޯޓަރުންނާ ވެސް ދެކޮޅު ނޫން ކަމަށެވެ. އަދި އެމްޑީޕީގެ ހުރިހާ ފަރާތްތަކަކީ ވެސް ރަހުމަތްތެރިންނާއި ބައިވެރިން ކަމަށްވެސް ފުވާދުގެ ޓްވީޓްގައި ވިދާޅުވެފައި ވެއެވެ.
ފުވާދު އިއްޔެ ކުރެއްވި ޓުވީޓުގައި ވިދާޅުވީ އޭނާ ކޮލަމްބޯގައި 43 މަސް ދުވަހު ހުންނެވި އިރު، އެދުވަސްތަކުގައި އެމްޑީޕީގެ ލީޑަރޝިޕާ ވަރަށް ގާތުން މަސައްކަތް ކުރައްވާފައި ވާނެ ކަމަށެވެ. ނަމަވެސް އަމިއްލަ ކެންޑިޑޭޓެއްގެ ގޮތުގައި ނުކުތުމާ ހަމައަށްވެސް އެމްޑީޕީން އެއްވެސް އިޝާރާތެއް ކުރައްވާފައި ނުވާކަމަށް ވިދާޅުވި އެވެ.
ފުވާދު ވިދާޅުވީ މަޖިލީހުގެ އިންތިޚާބުގައި އަމިއްލަ ކެންޑިޑޭޓެއްގެ ގޮތުގައި ކުރިމަތިލުމަށް ނިންމަވައި މިހާރު އެކަން އިއުލާނުވެސް ކުރައްވާފައިވާ ކަމަށާއި ދެން އެ ނިންމުން ބަދަލު ނުކުރެއްވޭނެ ކަމަށެވެ.