އަބްދުﷲ އަހުމަދު

ބިޝާމްގެ އިތުބާރު ނެތްކަމުގެ މައްސަލަ ނުބާއްވާތީ އަބުޅޯ ވެސް ކަންބޮޑުވުން ފާޅުކުރައްވައިފި

މުހައްމަދު އައުޒަމް

ޕްރޮސިކިއުޓާ ޖެނެރަލް އައިޝަތު ބިޝާމްގެ އިތުބާރު ނެތް ކަމުގެ މައްސަލަ ކުރިއަށް ނުގެންދާތީ، އެ މައްސަލަ ހުށަހެޅުއްވި ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ އަހްމަދު (އަބުޅޯ) ވެސް ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

އެ މައްސަލަ ކުރިއަށް ނުގެންގޮސް މަޖިލިސް ޗުއްޓީއަށް ގޮސްފައިވާތީ ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު އަލީ ޝާހު ވެސް ވަނީ މިއަދު ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

ޖުމްހޫރީ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ މެމްބަރު އަބުޅޯ މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ބިޝާމްގެ މައްސަލަ އެޖެންޑާނުކޮށް ދައުރު ނިންމާލުމަކީ އިންތިހާއަށް ކަންބޮޑުވާ ކަމެއް ކަމަށެވެ.

އެ މައްސަލަ މިހާރު އޮތީ މިނިވަން މުއައްސަސާތަކުގެ ކޮމެޓީގައި ކަމަށް މަޖިލީހުގެ އަމީންއާންމާ ހަވާލާދެއްވައި އަބުޅޯ ވިދާޅުވިއެވެ.

މަޖިލީހަށް ހުށަހެޅި އެ މައްސަލައިގައި ބުނެފައި ވަނީ ޕްރޮސެކިއުޓާ ޖެނެރަލް އޭނާގެ މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމުގަ އާއި ލިބިފައިވާ ބާރުތައް ބޭނުންކުރުމުގައި އެއްވެސް ފަރާތަކުން އަންގާ ގޮތަކަށް ކަންތައްތައް ކޮށްގެން ނުވާނެ ކަމަށާއި ބައެއްގެ ނުފޫޒުގައި ހުރި މީހަކަށް ވެގެން ނުވާނެ ކަމަށް ގާނޫނު އަސާސީގައި ބުނެފައިވާ ކަމަށެވެ.

އެގޮތަށް ކަންތައް އޮތްއިރު އެކަމާ ތައާރުޒުވާ ކަންތައްތައް ބިޝާމް ކުރައްވާފައިވާ ކަމަށް މައްސަލަ ހުށަހެޅުއްވި މެމްބަރު އަބުޅޯ ވިދާޅުވިއެވެ. އަދި އެކަންތައްތައް ފާހަގަކޮށް ފަސް ކަމެއް ވަނީ އޭނާ ހުށަހެޅި މައްސަލައިގައި ހިމަނާފައެވެ.

އެގޮތުން ފުރަތަމަ ކަމަކަށް ފާހަގަކުރައްވައިފައި ވަނީ ފުލުހުންގެ އިދާރާއިން އެދޭ ކޮންމެ ކަމެއް ބުނާގޮތަކަށް ކުރާ އުސޫލުން މަސައްކަތް ކުރުމެވެ. ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުންގެ މައްޗަށް ޝަރީއަތް ހިންގަމުން ދިޔައިރު އެ މަސައްކަތް ހުއްޓުވުމަށް ވެސް ބާރުއަޅާފައި ނުވާ ކަމަށް އޭނާގެ މައްސަލައިގައި ވަނީ ފާހަގަކޮށްފައެވެ.

އެ މައްސަލައިގައި ބުނެފައިވަނީ ޕްރޮސެކިއުޓާ ޖެނެރަލްގެ އަމަލުތައް އެގޮތަށް ހުރުމުގެ ސަބަބުން އެކި މައްސަލަތަކުގައި އެއްވެސް އަދަބެއް ލިބެން ނުޖެހޭ ބަޔަކު ޖަލުގައި ދުވަސްތަކެއް ހޭދަކުރަން ޖެހުނު ކަމަށެވެ.

ޕީޖީގެ މަގާމުން މުހުތާޒް މުހުސިން ދުރުކުރުމަށްފަހު، އެ މަގާމަށް ބިސާމް އައްޔަންކުރީ 2015ގެ ނޮވެމްބަރު 24ގައެވެ. ބިޝާމަކީ ރާއްޖޭގެ ފުރަތަމަ އަންހެން ޕްރޮސިކިއުޓާ ޖެނެރަލެވެ.