ޚަބަރު

ޕީޕީއެމް ހަގީގީ ވެރިންނަށް ލިބެން ކައިވަތަކަށް ކައިރިވެއްޖެ: މުސްޠަފާ

ޝަހީދާ އަބްދުﷲ ސައީދު

ޕީޕީއެމްގެ ނަމުގައި ނޫސްވެރިންގެ ބައްދަލުވުންތައް ބާއްވަމުންދާ އިރު، އެޕާޓީގެ ހަގީގީ ވެރިންނަށް ޕާޓީ ލިބެން މިހާރު ކައިވަތަކަށް ކައިރިވެފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ މެންބަރު މުހައްމަދު މުސްޠަފާ ވިދާޅުވެއްޖެއެވެ.

ޕީޕީއެމްއިން މިއަދު މެންދުރު ފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމަށް ފަހު، މުސްޠަފާ މިއަދު ކުރެއްވި ޓުވީޓެއްގައި ވަނީ ޕީޕީއެމްގެ ނަމުގައި ބާއްވަމުންދާ ނޫސްވެރިންގެ ބައްދަލުވުންތައް ހުއްޓާލުމަށް ގޮވާލައްވާފައެވެ.

ޕީޕީއެމްގެ ނަމުގައި ޝަޚުސު އޮޅުވާލައިގެން ނޫސްވެރިންގެ ބައްދަލުވުންތައް ބާއްވަމުންދާކަމަށް ވިދާޅުވެ މުސްޠަފާ ކުރެއްވި ޓުވީޓުގައި އިތުރަށް ވިދާޅުވެފައިވަނީ ހަގީގީ ވެރިންނަށް ޕާޓީ ރުޖޫޢަވުން ކައިވަތަކަށް ކައިރިވެއްޖެ ކަމަށެވެ.

މީގެއިތުރުން ތިނަދޫ އުތުރު ދާއިރާގެ މެންބަރު އަބްދުﷲ އަހްމަދު (އަބުޅޯ) ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ޕީޕީއެމްގެ ނަމުގައި ނޫސްވެރިންގެ ބައްދަލުވުންތައް ބޭއްވުން ނިމުމަކަށް އަންނަނީ ކަމަށާއި، ގުނަމުން ދަނީ ފަހު ދުވަސްތައް ކަމަށެވެ.

އަދި ޕީޕީއެމްގެ ނަމުގައި ޝަޚުސު އޮޅުވާލައިގެން ކުރަމުންދާ މަސައްކަތްތައް ތަހުގީގު ކުރެވޭނެ ކަމަށް އަބްދުﷲ ވިދާޅުވިއެވެ.

ޕީޕީއެމްގެ ހިންގުން އެ ޕާޓީގެ މުސްތަޝާރު އަބްދުﷲ ޔާމީންއާ ހަވާލުކޮށްފައިވަނީ ސިވިލް ކޯޓުގެ ހުކުމަކުންނެވެ. ނަމަވެސް އެޕާޓީގެ ރައީސް ރައީސް މައުމޫން އަބްދުލްގައްޔޫމަށް ޕާޓީ ހަވާލުކޮށްދިނުމަށް އެ ޕާޓީގެ އާންމު މެމްބަރަކާއި އަމިއްލަ ފަރާތަކުން މިހާރު ވަނީ އަލުން ކޯޓަށް މައްސަލަ ވައްދާފައެވެ. އެ މައްސަލައިގެ ފައިލް ދާދިފަހުން ވަނީ ސުޕްރީމް ކޯޓަށް ގެންގޮސްފައެވެ.