ޕްރޮސިކިއުޓާ ޖެނެރަލް އައިޝަތު ބިޝާމްގެ އިތުބާރު ނެތް ކަމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި މައްސަލަ އަނބުރާ ނަގައިފިއެވެ.
އެ މައްސަލަ އަނބުރާ ނަގާފައިވާކަން "ވަން އޮންލައިން"އަށް ވަނީ ކަށަވަރުވެފައެވެ.
އެ މައްސަލަ މަޖިލީހަށް ހުށަހެޅުއްވީ ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ އަހްމަދެވެ. ނަމަވެސް އޭނާ މިކަމާ ގުޅޭގޮތުން އެއްޗެއް ވިދާޅެއްނުވެއެވެ.
އެ މައްސަލަ އަނބުރާ މިއަދު ނަގާފައިވާއިރު، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޯފުޅު އަދި ގާނޫނީ ވަކީލު އަހްމަދު ނާޒިމް އަބްދުއްސައްތާރު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ބިޝާމް މަގާމުން ވަކިނުކުރިޔަސް، ރައީސް ނަޝީދު މައްސަލާގައި ޕީޖީ އޮފީހުން ވަކާލާތު ކުރެއްވި ވަކީލުން ވަޒީފާ އިން ވަކިކުރަން ޖެހޭ ކަމަށެވެ.
މަޖިލީހަށް ވެއްދި އެ މައްސަލައިގައި ބުނެފައި ވަނީ ޕްރޮސެކިއުޓާ ޖެނެރަލް އޭނާގެ މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމުގަ އާއި ލިބިފައިވާ ބާރުތައް ބޭނުންކުރުމުގައި އެއްވެސް ފަރާތަކުން އަންގާ ގޮތަކަށް ކަންތައްތައް ކޮށްގެން ނުވާނެ ކަމަށާއި ބައެއްގެ ނުފޫޒުގައި ހުރި މީހަކަށް ވެގެން ނުވާނެ ކަމަށް ގާނޫނު އަސާސީގައި ބުނެފައިވާ ކަމަށެވެ.
އެގޮތަށް ކަންތައް އޮތްއިރު އެކަމާ ތައާރުޒުވާ ކަންތައްތައް ބިޝާމް ކުރައްވާފައިވާ ކަމަށް އަބްދުﷲ ވިދާޅުވިއެވެ. އަދި އެކަންތައްތައް ފާހަގަކޮށް ފަސް ކަމެއް ވަނީ އޭނާ ހުށަހެޅުއްވި މައްސަލައިގައި ހިމަނާފައެވެ.
އެގޮތުން ފުރަތަމަ ކަމަކަށް ފާހަގަކުރައްވައިފައި ވަނީ ފުލުހުންގެ އިދާރާއިން އެދޭ ކޮންމެ ކަމެއް ބުނާ ގޮތަކަށް ކުރާ އުސޫލުން މަސައްކަތް ކުރުމެވެ. ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުންގެ މައްޗަށް ޝަރީއަތް ހިންގަމުން ދިޔައިރު އެ މަސައްކަތް ހުއްޓުވުމަށް ވެސް ބާރުއަޅާފައި ނުވާ ކަމަށް އޭނާގެ މައްސަލައިގައި ވަނީ ފާހަގަކޮށްފައެވެ.
އެ މައްސަލައިގަައި ބުނެފައިވަނީ ޕްރޮސެކިއުޓާ ޖެނެރަލްގެ އަމަލުތައް އެގޮތަށް ހުރުމުގެ ސަބަބުން އެކި މައްސަލަތަކުގައި އެއްވެސް އަދަބެއް ލިބެން ނުޖެހޭ ބަޔަކު ޖަލުގައި ދުވަސްތަކެއް ހޭދަކުރަން ޖެހުނު ކަމަށެވެ.
ޕީޖީގެ މަގާމުން މުހުތާޒް މުހުސިން ދުރުކުރުމަށްފަހު، އެ މަގާމަށް ބިސާމް އައްޔަންކުރީ 2015ގެ ނޮވެމްބަރު 24ގައެވެ. ބިޝާމަކީ ރާއްޖޭގެ ފުރަތަމަ އަންހެން ޕްރޮސިކިއުޓާ ޖެނެރަލެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ ސަރުކާރުގައި ބިޝާމްއަށް ވެސް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައިވެއެވެ.