ހުސްވެފައިވާ ޕްރޮސެކިއުޓާ ޖެނެރަލްގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
ޕީޖީގެ މަގާމު ހުސްވެފައިވަނީ އެ މަގާމުގައި ހުންނެވި އާއިޝަތު ބިޝާމް އިސްތިއުފާ ހުށަހެޅުއްވުމާ ގުޅިގެންނެވެ. ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ބިޝާމް އިސްތިއުފާ ހުށަހަޅުއްވާފައިވާ ކަމަށެވެ. އަދި ރައީސް ވަނީ އެ މަގާމުގައި ހުންނަވައިގެން ބިޝާމް އަދާކުރެއްވި ހިދުމަތަށް ޝުކުރު އަދާކުރައްވައިފައެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް ހޫދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު އަންނަ އާދީއްތަ ދުވަހުގެ 14:00ގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށެވެ.
ބިޝާމް މަގާމުން އިސްތިއުފާ ދެއްވީ، އޭނާގެ މައްޗަށް ރައްޔިތުން މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީގައި ބަލަމުން އަންނަ އިތުބާރު ނެތްކަމުގެ މައްސަލައަށް ޖަވާބުދާރީ ވެވަޑައިގަތުމަށް މިއަދު ހެނދުނު 11:00 އަށް އެ ކޮމިޓީއަށް ހާޒިރުވެވަޑައިގަތުމަށް ނޯޓިސް ފޮނުވާފައި ވަނިކޮށެވެ.
ޖުޑީޝަރީ ކޮމިޓީއަށް ހާޒިރުވުމަށް އެންގުމުން ބިޝާމް މިއަދު ހެނދުނު ނެރުއްވި ނޫސްބަޔާނެއްގައި ވިދާޅުވީ އޭނާ މަގާމުން ދުރުކުރަން އުޅެނީ އިޖުރާއަތުތަކާ ހިލާފަށް ކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީގެ އެ މަސައްކަތަކީ އިހުލާސްތެރި ނިޔަތެއްގައި ކުރާ މަސައްކަތެއް ނޫންކަމަށް ވެސް ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީގެ މަސައްކަތްތަކުގެ ތެރެއިން ނުނިމި ހުރި ކަންކަމުގެ ތެރޭގައި ޕްރޮސެކިއުޓާ ޖެނެރަލްގެ މަގާމުން އޭނާ ވަކިކުރުމުގެ މައްސަލަ އޮތް ކަމަށް މީގެ ކުރިން އަންގާފައި ނުވާ ކަމަށް ބިސާމް ވިދާޅުވިއެވެ. އަދި ޖަވާބުދާރީވާން ހާޒިރުވާއިރު ވަކީލާއެކު ހާޒިރުވުމުގެ ފުރުސަތު އޮތްކަމާއި، މަޖިލީހުގެ ގަވާއިދުގައިވާ މުހުލަތުވެސް ލިބޭގޮތަށް މަޖިލީހުގެ އިދާރާއިން ސިޓީ ފޮނުވި އިރު، ޖަވާބުދާރީ ވާންވީ ކޮންކޮން ކަންތައްތަކަކާ ގުޅިގެންކަން މަޖިލީހުން ފޮނުވި ސިޓީގައި ބަޔާންކޮށްފައި ނުވާ ކަމަށް ވެސް ބިސާމް ނެރުއްވި ބަޔާނުގައި ވިދާޅުވެފައިވެއެވެ.
ބިޝާމް އިތުރަށް ވިދާޅުވީ ގާނޫނު އަސާސީގެ 43 ވަނަ މާއްދާއިން ކަށަވަރުކޮށްދޭ އަދުލުވެރިކަމާއެކު އިދާރީ ފިޔަވަޅު އެޅުމުގެ ހައްގު ކަށަވަރު ކޮށްދިނުމަކީ، ފިޔަވަޅެއް އަޅާއިރު އެކަމަކާ ގުޅޭ ހުރިހާ އިޖުރާއަތުތަކެއްވެސް އަދުލުވެރިކަމާއެކު ކަށަވަރުކޮށްދިނުން ކަމަށާއި އަދި މިއީ މިނިވަން، ދިމިގުރާތީ މުޖުތަމައުތަކުން ބަލައިގަނެ، އިސްތިގުރާރުވެފައިވާ އަދި ބައިނަލްއަގުވާމީ އިންސާނީ ހައްގުތަކުގެ ގިޔަމްތަކާއި މަބްދައުތައްވެސް މި ހައްގުގެ ދާއިރާ ކަނޑައެޅުމުގައި ބަލައިގަނެފައިވާ ކަންކަން ކަމަށެވެ.