ކްރިމިނަލް ކޯޓް

ބޭސްފަރުވާއަށް ފޮނުވައިދޭ ގޮތަށް ދައުލަތުން އަދީބާއެކު ހެދި އެއްބަސްވުން ސައްހައެއް ނޫން: ކްރިމިނަލް ކޯޓް

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއެކު ހެދި އެއްބަސްވުންތައް އެކުލަވާލުމުގައި އޭރުގެ ޕްރޮސިކިއުޓާ ޖެނެރަލް އައިޝަތު ބިޝާމް އަދި އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ރިޔާޒު ގާނޫނާ ހިލާފުވެފައިވާ ކަމަަށް ކްރިމިނަލް ކޯޓުން ކަނޑައަޅައިފި އެވެ.

ކްރިމިނަލް ކޯޓުން އެގޮތަށް ކަނޑައެޅީ އަދީބުގެ މައްޗަށް އުފުލި ހަތް ދައުވާ ބާތިލުކުރުމަށް އެ ކޯޓުން މިއަދު ނިންމި ނިންމުމުގަ އެވެ.

އަދީބުގެ މައްޗަށް ކުރާ ހަތް ދައުވާގެ ތެރޭގައި ހިމެނެނީ، މަނީ ލޯންޑަރިންގެ ދެ ދައުވާއެއްގެ އިތުރުން، ހިޔާނާތްތެރިވުމުގައި ބައިވެރިވުމުގެ ދެ ދައުވާއަކާއި މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ދެ ދައުވާއަކާއި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ދައުވާއެކެވެ.

މި ދައުވާތަކަށް އިއުތިރާފުވުމުގެ އެއްބަސްވުމެއް އަދީބާއެކު ޕީޖީ އޮފީހުން ހަދާފައި އޮވެއެވެ. މިދިޔަ އާދީއްތަ ދުވަހު ބޭއްވި އަޑުއެހުމުގައި ދައުލަތުން ވަނީ އެ އެއްބަސްވުން ހެދީ އަދީބު ބޭނުން ވެގެން ކަމަށް ބުނެފައެވެ. ނަމަވެސް އެކަން ދޮގުކުރައްވައި އަދީބު ވިދާޅުވީ، އެއްބަސްވުމުގައި ސޮއިކުރަން އެދިވަޑައިގަތީ އޭރުގެ ޕީޖީ އައިޝަތު ބިޝާމާއި ފުލުހުންގެ ބައެއް އޮފިސަރުން އޭނާއާ ބައްދަލުކުރުމަށްފަހުގައި ކަމަށެވެ. އެއީ އޭނާ ޖަލުގައި ހުންނެވި އިރު ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ފޮނުވާނެ ކަމުގެ ޔަގީންކަން ދެއްވުމުން ކަމަށް ވެސް އަދީބު ވިދާޅުވިއެވެ.

މިއަދު ބޭއްވި އަޑުއެހުމުގައި އެ އެއްބަސްވުމާ ގުޅޭގޮތުން ގޮތެއް ނިންމަވަމުން އެ މައްސަލަ ބެއްލެވި ގާޒީ އިސްމާއިލް ރަޝީދު ވިދާޅުވީ، އަދީބާއެކު ދައުލަތުން ވެފައިވާ އެއްބަސްވުމުގައި ކުށަށް އިއުތިރާފުވުމުން ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ފޮނުވާނެ ކަމަށް ބުނެފައިވީ ނަމަވެސް ދައުލަތުގެ ބެލުމުގެ ދަށުގައި ހުރި ގައިދީއަކަށް ބޭސްފަރުވާ ކުރުމަކީ ދައުލަތުގެ މައްޗަށް ލާޒިމު ކަމެއް ކަމަށެވެ. އަދި އެއީ ގާނޫނީ އެއްވެސް ހަމައަކުން ގަބޫލު ކުރެވިދާނެ ކަމެއް ނޫން ކަމަށާއި އަދި އެފަދަ އިއުތިރާފަކީ ޓޯޗާގެ އަމަލެއްގެ ގޮތުގައި ބެލެވިދާނެ ކަމަށް ގާޒީ ވިދާޅުވިއެވެ.

ގާޒީ ވިދާޅުވީ، އެއްބަސްވުމުގެ ދަށުން އަދީބުގެ އިއުތިރާފުގެ ބަޔާނެއް ތަހުގީގަށް ހޯދާފައި ވާއިރު، އެއީ ވެސް ސައްހަ ބަޔާނެއް ކަމަށް ނުބެލެވޭނެ ކަމަށެވެ. ސަބަބެއް ކަމަށް ވިދާޅުވީ، ބޭސްފަރުވާއަށް ފޮނުވަން ޝަރުތުކޮށް އެފަދަ އެއްބަސްވުމެއްގައި ސޮއި ކުރުވައި، އޭގެ ދަށުން އިއުތިރާފުގެ ބަޔާނެއް ހޯދުމަކީ ގާނޫނީގޮތުން ސައްހަ ބަޔާންތަކަކަށް ނުވާނެ ކަމަށާއި އަދި އެއީ މީހަކަށް މަޖުބޫރު ކޮށްގެން ބަޔާނެއް ހޯދުން ކަމަށާއި އެފަދަ އެއްވެސް ބަޔާނެއް ޝަރީއަތަށް ބަލައިގަތުން ގާނޫނުއަސާސީ މަނާކުރާތީ އެވެ.

އޭގެ އިތުރުން ގައިދީންނަށް ބޭސްފަރުވާ ކުރުމުގެ ފުރުސަތު ދިނުމަކީ ޕީޖީގެ ޒިންމާއެއް ނޫން ކަމަށާއި ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ދިއުމުގެ ހުއްދަ ދިނުމުގެ ބާރަކީ މިނިސްޓަރު ކަނޑައަޅާ ޝަރުތުތަކެއްގެ މަތިން ކޮމިޝަނަރަށް ލިބިފައިވާ ބާރެއް ކަމަށް ވެސް ގާޒީ ވިދާޅުވިއެވެ.

ގާޒީ އިސްމާއިލް ރަޝީދު ވިދާޅުވީ އަދީބާއެކު ދައުލަތުން ހެދި އެއްބަސްވުމުގެ ބޭނުން ހިފައި ޕީޖީ ބިޝާމަށް ގާނޫން މަތިކޮށްފައި ނުވާ ޒިންމާއަކާ އަމިއްލައަށް ހަވާލުވެފައިވާ ކަމަށާއި އަދި އެ މައްސަލަ ތަހުގީގު ކުރުމުގައި ޕީޖީ، ގާނޫނީ ނިޒާމުން ބޭރުން ގާނޫނުން ފެންނާނެ ނެތް އާ ގޮތްތަކެއް މައްޗަށް މުޅިން އާ ބާވަތެއްގެ އެއްބަސްވުންތަކެއް އެކުލަވާލައިފައިވާ ކަމަށެވެ. އެހެންކަމުން މިއީ އަދުލުވެރި ހަމަތަކާއި އުސޫލުތަކާ ހުއްޖިއްޔަތު ލިބިފައިވާ ގަޟާއީ ނިންމުންތަކާ އެއްގޮތަށް ނުފޫޒުން އެއްކިބާވެފައިވާ މާހައުލެއްގައި ނޫން ކަމަށް ގާޒީ ވިދާޅުވިއެވެ.

ގާޒީ ވިދާޅުވީ، އެމްއެމްޕީއާރްސީގެ ތަހުގީގުގައި ކުރިން ސީދާ ކަނޑައެޅިގެން އިޖުރާއަތްތަކާ ހިލާފަށް ފުލުހުން އަމަލު ކޮށްފައި ވާކަން ސާބިތުވާން އޮތްއިރު އެ މައްސަލަ އަލުން ތަހުގީގު ކުރިއިރު ވެސް ހަމަ އެ ތަހުގީގީ އޮފިސަރުން ހަރަކާތްތެރިވެފައި ވުމަކީ އޭގެ ޒާތުގައި ތަބީއީ އިންސާފުގެ ހަމަތަކާ ހުއްޖިއްޔަތު ލިބިފައިވާ ގަޟާއީ ނިންމުންތަކާ ހިލާފަށް ހިންގާފައިވާ ކަމެއް ކަމަށް ކަމަށެވެ.

ގާޒީ އެހެން ވިދާޅުވިއިރު، ގޯސްކޮށް ހިންގި ކަމަށް ސާބިތުވި ތަހުގީގުގައި ވެސް އަދި ފަހުގެ ތަހުގީގުގައި ވެސް އިސްކޮށް ހުންނެވީ އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ރިޔާޒެވެ.

އޭގެ އިތުރުން އަދީބާއެކު ހެދި އެއްބަސްވުންތަކުގައި ޕީޖީ ބިޝާމާއި ދައުވާ ލިބޭ ފަރާތާދެމެދު ސޮއިކޮށްފައިވާއިރު އެ އެއްބަސްވުންތަކުގައި ޕީޖީ އޮފީހުގެ އިތުރު އެއްވެސް ފަރާތެއް ސޮއިކޮށްފައި ނުވާ ކަމަށާއި އަދި މައްސަލައިގެ ތަހުގީގު ހިންގުމުގައި ބައިވެރިވެފައިވާ ކަމަށް ދައުލަތުން ބުނާ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި އެސެޓް ރިކަވަރީ ކޮމިޝަންގެ ބައިވެރިވުމެއް އޮތްކަން ވެސް އެނގެން ނެތް ކަމަށް ގާޒީ ވިދާޅުވި އެވެ.

އޭގެ ބަދަލުގައި ހާޒިރުވި ފަރާތުގެ ގޮތުގައި އެ އެއްބަސްވުންތަކުގައި އޭސީޕީ ރިޔާޒު ސޮއިކޮށްފައި އޮންނަ އިރު ހަމަ އެ އެއްބަސްވުންތަކުގައި ތަހުގީގުގެ އެންމެ އިސް ފަރާތެއްގެ ގޮތުގައި ވެސް ރިޔާޒު ސޮއިކޮށްފައި އޮތް އޮތުމަކީ ގާނޫނީ ނިޒާމުން ބޭރުން އެކަންކުރުމުގައި ޕީޖީ ބިޝާމާއެކު ރިޔާޒު ބައިވެރިވެފައިވާކަން އެނގޭ ކަމެއް ކަމަށް ގާޒީ ވިދާޅުވިއެވެ.

ގާޒީ އިސްމާއިލް ރަޝީދު ވިދާޅުވީ ދައުލަތުން އެ މައްސަލާގައި އަމަލުކުރި ގޮތުން އެއް ކުށަށް ދެ ފަހަރަށް ދައުވާ ނުކުރުމުގެ ޔަގީންކަން ގެއްލިގެން ހިނގައިދާނެ ކަމަށާއި މި މައްސަލާގައި ދައުވާ އުފުލާފައިވަނީ ޖިނާއީ އިޖުރާއަތުގައި ކަނޑައަޅާފައިވާ މުއްދަތު ފަހަނަ އަޅައިދިޔަ ފަހުން ކަމަށް ވެސް ގާޒީ ވިދާޅުވި އެވެ. އަދި އެ ހަތް ދައުވާ ވެސް ކޮށްފައި ވަނީ ސައްހަ ނޫން އެއްބަސްވުމެއްގެ ދަށުން ކަމަށްވާތީ އެ ދައުވާތައް ކުރިއަށް ނުގެންދެވޭނެ ކަމަށާއި އެހެންވެ އެ ދައުވާތައް ބާތިލްކުރީ ކަމަށް ވެސް ގާޒީ އިސްމާއިލް ވިދާޅުވި އެވެ.

އެ ދައުވާތައް ބާތިލް ކުރުމާޢެކު އަދީބު މިހާރު ވަނީ މިނިވަންވެފައެވެ. އަދި އޭނާގެ މައްޗަށް ދައުވާކުރާ އިތުރު މައްސަލައެއް ކޯޓެއްގައި މިހާރަކު ނެތެވެ. މި މައްސަލައިގައި ދެން ކުރިއަށްދާނެ ގޮތެއް މިހާތަނަށް ޕީޖީއިން ބުނެފައިއެއް ނުވެއެވެ.