އަލީ ޝާހު

ޕީޖީގެ އިތުބާރު ނެތްކަމުގެ ވޯޓު ކުރިޔަށް ނުގެންގޮސް ދައުރުމެދުން ޖަލްސާއެއް ބާއްވަން ތާއީދެއް ނުކުރަން: ޝާހު

މިހާރު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ޕްރޮސެކިއުޓާ ޖެނެރަލްގެ އިތުބާރު ނެތް ކަމުގެ މައްސަލަ ކުރިޔަށް ނުގެންގޮސް ދައުރުގެ މެދުތެރެއިން މަޖިލީހުގެ ޖަލްސާއެއް ބާއްވަން ތާއީދު ނުކުރައްވާ ކަމަށް ފުވައްމުލަކު އުތުރު ދާއިރާގެ މެންބަރު އަލީ ޝާހު ވިދާޅުވެއްޖެ އެވެ.

ޝާހު މިހެން ވިދާޅުވީ އޭނާ ރޭ ކުރެއްވި ޓުވީޓެއްގަ އެވެ.

ދާދި ފަހުން ޖުމުހޫރީ ޕާޓީއަށް ސޮއިކުރެއްވި ޝާހު ވިދާޅުވީ، ގޮނޑި ގެއްލުވައިލި މައްސަލައިގައި ހިމެނިވަޑައިގަންނަވާ ރައްޔިތުންގެ މަޖިލީހުގެ 12 މެންބަރުންނާ މެދު ބޭއިންސާފުން ނިންމުންތައް ނިންމި މުއައްސަސާތަކުގައި ތިއްބެވި ބޭފުޅުންގެ އިތުބާރު ނެތް ކަމުގެ ވޯޓެއް ނެގުމަށް ތައްޔާރުވެވަޑައިގަންނަވަމުން ގެންދަވާ ކަަމަށެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ކޯލިޝަންގެ ލީޑަރުންނާ އެކު އިއްޔެ ހަވީރު ބޭއްވެވި ބައްދަލުކުރެއްވުމަށް ފަހު މީޑިއާއަށް މައުލޫމާތުދެއްވަމުން އެމަނިކުފާނު ވިދާޅުވީ އަވަހަށް ނިންމަން ޖެހޭ މުހިންމު ބައެއް ގާނޫނު ތަކުގެ މަސައްކަތް ހުރުމާ އެކު ދައުރު މެދުތެރެއިން މަޖިލީހުގެ ޖަލްސާއެއް ބާއްވަން ލީޑަރުންނާ އެކު މަޝްވަރާކުރައްވާފައިވާ ކަމަށެވެ.

އެ ބައްދަލުބުމުގައި މަޖިލީހުގެ ރައީސް އަދި ޖުމުހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ވިދާޅުވީ މެންބަރުންނާ ވާހަކަފުޅު ދައްކަވައިގެން އެބޭފުޅުންނަށް ފަސޭހަފުޅު އެންމެ އަވަސް ދުވަހެއްގައި ޖަލްސާ ބާއްވަވަން މަސައްކަތް ކުރައްވާނެ ކަމަށެވެ.

އެންމެ ފަހުން ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ނިންމާލައި މަޖިލިސް ޗުއްޓީއަށް ދާން ޖެހުނީ އެ ދުވަހުގެ ޖަލްސާއަށް އެޖެންޑާކުރި އެއްވެސް ކަމަކަށް ވޯޓަށް ނޭހި އެވެ. ކޯލިޝަނުގައި ޖުމުލަ 46 މެންބަރުން ތިއްބެވި ނަމަވެސް އެދުވަހުގެ ޖަލްސާއަށް ހާޒިރުވެވަޑައިގެން ތިއްބެވީ އޭގެ ތެރެއިން 39 މެންބަރުންނެވެ. ޕީޕީއެމްގެ އެއްވެސް މެންބަރަކު އެދުވަހުގެ ޖަލްސާއަށް ހާޒިރުވެވަޑައެއް ނުގަންނަވައެވެ.

ރައްޔިތުން އެމައްޗަށް އަމަލުކުރާން ޖެހޭ ބިލެއް ފާސްކުރުމަށް މަޖިލީހުގައި ވޯޓަށް އެހޭނީ މަދުވެގެން 43 މެންބަރުން ޖަލްސާގައި ހާޒިރުވެވަޑައިގެން ތިއްބެވި ނަމައެވެ.